
-
ކްރިމިނަލް ކޯޓުގެ ގާޒީ ކަމަށް ތިން ބޭފުޅަކު އަދި ސިވިލް ކޯޓުގެ ގާޒީ ކަމަށް ދެ ބޭފުޅަކު އައްޔަންކުރުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމުމާ ގުޅިގެން، އެ ބޭފުޅުން މިއަދު ފަނޑިޔާރު ކަމުގެ ހުވާ ކުރައްވައިފިއެވެ.

ކްރިމިނަލް ކޯޓަށް ތިން ގާޒީއަކު ހޯދުމަށް މިއަހަރުގެ ޖުލައި މަހު އިއުލާންކުރިއިރު، ސިވިލް ކޯޓަށް ތިން ގާޒީއަކު ހޯދުމަށް އިއުލާންކޮށްފައިވަނީ މިދިޔަ ޖޫން މަހުގެ ފަހުކޮޅުގައެވެ.
ސިވިލް ކޯޓުގެ ގާޒީ ކަމަށް 42 ބޭފުޅަކު ކުރިމަތިލެއްވިއިރު، އޭގެ ތެރެއިން އައްޔަންކުރާނެ 3 ބޭފުޅަކު ޖޭއެސްސީން ކުރިން ނިންމިއެވެ. ނަމަވެސް، އޭގެ ތެރޭގައި ހިމެނިވަޑައިގަންނަވާ މުހައްމަދު ރާގިބް އަހުމަދު އައްޔަންނުކުރުމަށް އިއްޔެ ވަނީ ނިންމާފައެވެ. ކްރިމިނަލް ކޯޓަށް 21 ބޭފުޅަކު ކުރިމަތިލެއްވިއިރު، އޭގެ ތެރެއިން އައްޔަންކުރުމަށް ޖޭއެސްސީން ނިންމި 3 ބޭފުޅުންވެސް މިއަދު ވަނީ މަގާމުގެ ހުވާކުރައްވާފައެވެ.
ކްރިމިނަލް ކޯޓަށް އައްޔަންކުރެއްވި ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ޅ. ކުރެންދޫ ނޫރާނީގޭ ސުލައިމާން މުހައްމަދަކީ ކޮލެޖް އޮފް އިސްލާމިކް ސްޓަޑީސްއިން ބެޗެލާ އޮފް ޝަރީއާ އެންޑް ލޯ ވިތު އޮނާސް ހާސިލް ކުރައްވައި، ޝަރުއީ ދާއިރާގައި ބާރަ އަހަރަށްވުރެ ގިނަ ދުވަހު ހިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ. އޭނާ ވަނީ ޅ. ހިންނަވަރު މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓް ކަމާއި، މިއަދާ ހަމައަށް ޅ. ކުރެންދޫ މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓްގެ މަގާމު ފުރުއްވާފައެވެ. އެ ކޯޓަށް ދެން އައްޔަންކުރެއްވި ހއ. ދިއްދޫ ޑޭޒީމާގޭ އަހުމަދު ތައުފީގަކީ މޯލްޑިވްސް ކޮލެޖް އޮފް ހަޔާ އެޑިއުކޭޝަނުން ބެޗްލާ އޮފް ލޯސް އަދި މެލޭޝިއާގެ އިންޓަނޭޝަނަލް އިސްލާމިކް ޔުނިވަސިޓީން މާސްޓާ އޮފް ކޮމްޕަރޭޓިވް ލޯ ހާސިލް ކުރައްވައިގެން ހުންނެވި، ޝަރުއީ ދާއިރާގައި އަށާރަ އަހަރަށްވުރެ ދިގު މުއްދަތެއް ހޭދަކުރައްވާފައިވާ ބޭފުޅެކެވެ. އޭނާ ވަނީ އެޓާނީ ޖެނެރަލްގެ އޮފީހުގެ އެސިސްޓެންޓް ސްޓޭޓް އެޓާނީކަމާއި ޕްރޮސެކިއުޓަ ޖެނެރަލް އޮފީހުގެ އެސިސްޓެންޓް އަދި ސީނިއަ ޕަބްލިކް ޕްރޮސެކިއުޓަރުގެ މަގާމު ފުރުއްވާފައެވެ. ކްރިމިނަލް ކޯޓަށް ދެން އައްޔަންކުރެއްވި ތ. ވޭމަންޑޫ ޑްރީމް މުހައްމަދު އަބްދުﷲ އަކީ އިންޑިއާގެ ކަރުނާޓަކާ ސްޓޭޓް ލޯ ޔުނިވަސިޓީން ބެޗްލާ އޮފް އާޓްސް އެންޑް ބެޗްލާ އޮފް އެލްއެލްބީ އޮނާސް ހާސިލް ކުރައްވައި، ޕްރޮސިކިއުޓާ ޖެނެރަލް އޮފީހުގައި ސީނިއާ ޕަބްލިކް ޕްރޮސިކިއުޓާގެ މަގާމު ފުރުއްވަމުން ގެންދެވި ބޭފުޅެކެވެ. އޭނާ ވަނީ ޝަރުއީ ދާއިރާގައި އަށް އަހަރަށްވުރެ ދިގު މުއްދަތެއް ހޭދަކުރައްވާފައެވެ.
ސިވިލް ކޯޓަށް މިއަދު އައްޔަންކުރެއްވި ގއ. ކަނޑުހުޅުދޫ ރީލްމަންޒިލް މުހައްމަދު ނިޝާތަކީ ގައުމީ ޔުނިވަސިޓީން ބެޗެލާ އޮފް ލޯސް އޮނާސް އަދި މާސްޓާ އޮފް ލޯ ހާސިލް ކުރައްވައިގެން ހުންނެވި ބޭފުޅެކެވެ. އޭނާ ވަނީ އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ އިންވެސްޓިގޭޝަން އޮފިސަރުކަމާއި ލީގަލް އޮފިސަރުކަމުގެ އިތުރުން އޭޖީ އޮފީހުގެ ޑެޕިއުޓީ ސްޓޭޓް އެޓާނީގެ މަގާމާއި ގއ. ކަނޑުހުޅުދޫ މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓްކަންވެސް ކުރައްވާފައެވެ. އޭނާއަކީ ޝަރުއީ ދާއިރާއާ ގުޅުން ހުރި މަގާމުތަކުގައި ފަނަރަ އަހަރަށްވުރެ ގިނަ ދުވަހު ހިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ. ސިވިލް ކޯޓަށް ދެން އައްޔަންކުރެއްވި ރ. ހުޅުދުއްފާރު ރޯޒްވިލާ އާސިޔާ އަޒީމާއަކީ ގައުމީ ޔުނިވަސިޓީން ބެޗެލާ އޮފް ޝަރީއާ އެންޑް ލޯ އޮނާސް އަދި ޔުނިވާސިޓީ އޮފް ބާމިންހަމުން މާސްޓާ އޮފް ލޯ ހާސިލް ކުރައްވައިގެން ހުންނެވި ބޭފުޅެކެވެ. އޭނާ ވަނީ ރައްޔިތުންގެ މަޖިލީހުގެ ލީގަލް އޮފިސަރުގެ މަގާމާއި ލީގަލް އެފެއާޒްގެ ޑެޕިއުޓީ ޑިރެކްޓަރުގެ މަގާމުވެސް ގިނަ އަހަރުތަކެއް ވަންދެން ފުރުއްވާފައެވެ.






