
ސަމްޕާ ބެލެހެއްޓުމަށް "ސަމްޕާ ދިދަ" ބޭނުންކުރަން ފެށުން: އީޕީއޭއިން އެކަމަށް މަރުޙަބާ ކިޔައިފި
# ސަމްޕާ-
ދެކުނު އަރިއަތޮޅުގެ ހިމާޔަތްކޮށްފައިވާ ސަރަޙައްދު ނުވަތަ ސައުތު އަރި މެރިން ޕްރޮޓެކްޓެޑް އޭރިއާ ބެލެހެއްޓުމަށް އެކުލަވާލާފައިވާ މެނޭޖްމަންޓް ޕްލޭނާ އެއްގޮތަށް އަމަލުކުރާ އުޅަނދުފަހަރުގައި "ސަމްޕާ ދިދަ" ބޭނުންކުރަން ފެށުމުން އެންވަޔަރަންމަންޓް ޕްރޮޓެކްޝަން އެޖެންސީ އިން ހާމަކޮށްފިއެވެ.

"ސަމްޕާ ފްރެންޑްލީ" އުޅަނދުތަކުގެ ގޮތުގައި ފާހަގަވުމަށްޓަކައި، ރަޖިސްޓްރީކޮށްފައިވާ އުޅަނދުފަހަރުގައި މި ޚާއްޞަ ދިދަ ބޭނުންކުރަމުންދާ ދިއުމަކީ އެ ސަރަޙައްދުގެ ނާޒުކު ދިރުންތައް ހިމާޔަތްކުރުމަށް ލިބޭ ވަރަށް ބޮޑު ބާރަކާއި އެހީތެރިކަމެއްގެ ގޮތުގައި އެ އެޖެންސީން ފާހަގަކުރެއެވެ.
އީޕީއޭއިން ބުނިގޮތުގައި "ސަމްޕާ ފްރެންޑްލީ" އުޅަނދެއްގެ ޝަރަފު ލިބި، މި ދިދަ ބޭނުންކުރުމުގެ ހުއްދަ ހޯދުމަށްޓަކައި އުޅަނދުފަހަރުން ފުރިހަމަކުރަންޖެހޭ މުހިންމު ޝަރުޠުތަކެއް ވަނީ ކަނޑައަޅާފައެވެ. އޭގެ ތެރޭގައި އެ އެޖެންސީގައި އުޅަނދު ރަސްމީކޮށް ރަޖިސްޓްރީކުރުމާއި، އުޅަނދުގައި މަސައްކަތްކުރާ ހުރިހާ ގައިޑުންނަކީ ތަމްރީނު ލިބިފައިވާ ސެޓިފައިޑް ބަޔަކަށް ހެދުން ހިމެނެއެވެ. އަދި ސަމްޕާ ސަރަހައްދަށް ވަނުމުގެ ކުރިން ރޭންޖަރުންގެ ހޮޓްލައިން (7448300) އަށް ގުޅައި މަޢުލޫމާތު ހިއްސާކުރުމުގެ އިތުރުން، ޓެލެގްރާމް މެދުވެރިކޮށް ރޭންޖަރުންނާ އުޅަނދުގެ "ލައިވް ލޮކޭޝަން" މެދުކެނޑުމެއްނެތި ހިއްސާކުރަންޖެހެއެވެ.
މީގެ އިތުރުން، ކަނޑުގެ ބިޔަ ދިރުންތަކަށް ލިބޭ ގެއްލުންތައް ކުޑަކުރުމުގެ ގޮތުން ކުރިއަށް އޮތް 30 ޖޫން 2026 ގެ ކުރިން އުޅަނދުގެ ބުރަފަތީގައި ރައްކާތެރިކަމުގެ ގާޑު ހަރުކުރަންޖެހޭނެ ކަމަށްވެސް އީޕީއޭއިން ބުނެއެވެ. އަދި މެނޭޖްމަންޓް ޕްލޭންގައި ބަޔާންކޮށްފައިވާ ދުވެއްޔާއި، ދުރުމިނުގެ އުސޫލުތަކަށް ބޯލަނބައި، ކަނޑުގެ ބިޔަ ދިރުންތަކާ މުޢާމަލާތްކުރުމުގައި ކަނޑައެޅިފައިވާ ހުރިހާ ޤަވާޢިދުތަކަށް އުޅަނދުފަހަރުން ފުރިހަމައަށް ތަބާވާންޖެހެއެވެ.
އީޕީއޭ އިން އިތުރަށް ބުނެފައިވަނީ، ސަމްޕާ ސަރަޙައްދަކީ ތިމާވެށީގެ ގޮތުން ރައްކާތެރި އަދި ފަތުރުވެރިންނަށާއި އާންމުންނަށް ހިތްފަސޭހަ ތަނަކަށް ހެދުމަށްޓަކައި އުޅަނދުފަހަރުގެ ވެރިންނާއި މުވައްޒަފުން ދެއްވާ އެއްބާރުލުން މިހާރަށްވުރެވެސް ބޮޑަށް ބޭނުންވާ ކަމަށެވެ.
މި ތައާރަފުކުރެވުނު އުސޫލުތަކަށް ހުރިހާ ފަރާތްތަކުން އަމަލުކުރަން ފެށުމުން، ފެންނަ ފެނުމަށް ކަނޑުގެ ދިރުންތަކަށް އުޅަނދުފަހަރުގެ ސަބަބުން ލިބޭ ބޮޑެތި ގެއްލުންތައް ހުއްޓި، އެ ސަރަޙައްދުގެ ގުދުރަތީ ރީތިކަން އަންނަން އޮތް ޖީލުތަކަށް ދެމެހެއްޓުމަށް ވަރަށް ބޮޑަށް މަގުފަހިވެގެންދާނެއެވެ.



