
-
އަރިއަތޮޅު ދެކުނުބުރީގެ ކަނޑުގެ ދިރުންތައް ހިމާޔަތްކޮށްފައިވާ ޚާއްޞަ ސަރަޙައްދު ނުވަތަ "ސަމްޕާ" އަށް ޚާއްޞަ ގައިޑުން ތަމްރީނުކުރުމުގެ ޕްރޮގްރާމްގެ ދަށުން، މިއަދު އިތުރު 12 ބައިވެރިއަކު ގައިޑް އިމްތިހާނު ކާމިޔާބުކަމާއެކު ފުރިހަމަކޮށްފިއެވެ.

އެންވަޔަރަންމަންޓް މިނިސްޓްރީން ހާމަކުރި ގޮތުގައި، މި އައު ބައިވެރިންނާއެކު މިހާތަނަށް ސަމްޕާ ސަރަޙައްދަށް ޚާއްޞަކޮށްގެން ތަމްރީނުކޮށް ސެޓިފައި ކުރެވުނު ގައިޑުންގެ ޖުމްލަ އަދަދު މިހާރު ވަނީ 636 އަށް އަރާފައެވެ.
މި ކާމިޔާބީއަކީ ސަމްޕާ ސަރަޙައްދުގެ ގުދުރަތީ ރީތިކަމާއި، ޚާއްޞަކޮށް ފެހުރިހި ފަދަ ކަނޑުގެ އަގުހުރި ދިރުންތައް، ރައްކާތެރި އަދި ދެމެހެއްޓެނިވި ގޮތެއްގައި ފަތުރުވެރިންނަށް ދެއްކުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށް ލިބުނު ބޮޑު ބާރެކެވެ. މި ތަމްރީނުތަކުގެ ސަބަބުން ކަނޑުގެ ދިރުންތަކަށް އިންސާނުންގެ ފަރާތުން ލިބޭ ގެއްލުންތައް ކުޑަކުރެވި، ފަތުރުވެރިކަމުގެ ޚިދުމަތްތައް ދުނިޔޭގެ މިންގަނޑުތަކަށް ފެއްތުމަށް މަގުފަހިވެގެންދާނެއެވެ.
އެންވަޔަރަންމަންޓް މިނިސްޓްރީން ބުނީ، ސަމްޕާގެ ސެޓިފައިޑް ގައިޑަކަށް ވުމަށް ބޭނުންވާ ފަރާތްތަކަށް ކޮންމެ ބުދަ ދުވަހަކު އދ. މާމިގިލީގައި އަދި މާލޭގައި މި އިމްތިހާނު ބޭއްވުމުގެ އިންތިޒާމު މިހާރު ވަނީ ދާއިމީކޮށް ހަމަޖައްސާފައެވެ. މި ދާއިރާއިން ކުރިއަށްދާން ބޭނުންވާ ދިވެހިންގެ ކިބައިގައި ގައިޑް އިމްތިހާނުން 75 އިންސައްތައަށްވުރެ މަތިން މާކްސް ހޯދުމާއި، އިމަޖެންސީ ފަސްޓް ރެސްޕޮންސް (EFR) ފުރިހަމަކޮށްފައިވުމުގެ އިތުރުން، ރެސްކިއު ޑައިވަރ ސެޓިފިކެޓް ނުވަތަ ސްނޯކަލް ގައިޑް އަދި ލައިފްގާޑް ސެޓިފިކެޓް އޮތުން ފަދަ ހަރުދަނާ ޝަރުޠުތަކެއް ހުންނަންޖެހެއެވެ.
މި އިމްތިހާނުގައި ބައިވެރިވުމަށް ޝައުޤުވެރިވާ ފަރާތްތަކުން އަށް އީމެއިލް ކުރެއްވުމަށް މިނިސްޓްރީން އިލްތިމާސްކުރެއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ތިމާވެށި ހިމާޔަތްކުރުމަށާއި، ދިވެހި ޒުވާނުންނަށް ފަތުރުވެރިކަމުގެ ސިނާޢަތުން ފައިދާހުރި އައު ވަޒީފާގެ ފުރުޞަތުތައް ފަހިކޮށްދިނުމަށް ގެންގުޅުއްވާ ސިޔާސަތުގެ ދަށުން ހިންގާ މި ޕްރޮގްރާމްގެ ސެޓިފައިޑް ގައިޑުންގެ ފުރިހަމަ ލިސްޓު މިހާރު މިނިސްޓްރީގެ ވެބްސައިޓުން އާންމުންނަށް ބަލާލެވޭނެއެވެ.




