
-
އިންޑިއާ ސަރުކާރުން ސްރީލަންކާގެ އަސްކަރިއްޔާއަށް ބޭނުންވާ 5.5 މިލިއަން އެމެރިކާ ޑޮލަރުގެ އަސްކަރީ އަދި ސިއްހީ ސާމާނު ހިލޭ އެހީގެ ދަށުން ރަސްމީކޮށް ހަދިޔާކޮށްފިއެވެ.

ސްރީލަންކާގެ ޑިފެންސް މިނިސްޓްރީގެ އެދުމަކަށް، އިންޑިއާގެ އަސްކަރިއްޔާގެ އޮޕަރޭޝަނަލް ސްޓޮކުން ހަދިޔާކުރި މި ތަކެއްޗަކީ ލަންކާ ސިފައިންނަށް ކުރިމަތިވެފައިވާ ސާމާނުގެ ދަތިކަން ހައްލުކޮށް، އެ ގައުމުގެ އަސްކަރީ ތައްޔާރީތައް ވަރުގަދަކުރުމަށް ދިން އެހީއެކެވެ.
މި އަވަސް ބޭނުން ފުއްދައިދިނުމަށް އިންޑިއާއިން އެއް މަސްދުވަހުގެ ތެރޭގައި ތަކެތި ތައްޔާރުކޮށް، އިންޑިއާގެ މަނަވަރު "އައިއެންއެސް ޝާރްދާ" ގައި ކޮލަމްބޯއަށް ވަނީ ގެންގޮސްދީފައެވެ. މިތަކެތި ހަވާލުކުރުމުގެ ރަސްމިއްޔާތުގައި އިންޑިއާއިން ލަންކާއަށް ކަނޑައަޅާފައި ހުންނަވާ ހައިކޮމިޝަނަރު ސަންތޯޝް ޖާ އާއި ލަންކާގެ ޑިފެންސް ސެކްރެޓަރީ އެއާ ވައިސް މާޝަލް (ރިޓަޔާޑް) ސަމްޕަތު ތުޔާކޮންތާ އަދި ލަންކާ ސިފައިންގެ ކޮމާންޑަރު ލެފްޓިނެންޓް ޖެނެރަލް ލަސަންތަ ރޮޑްރިގޯ ބައިވެރިވެވަޑައިގަތެވެ.
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ހައިކޮމިޝަނަރު ސަންތޯޝް ޖާ ވިދާޅުވީ، މި އެހީގެ ސަބަބުން ދެ ގައުމުގެ ދެމެދުގައި އޮތް އަސްކަރީ ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމަށެވެ. ސްރީލަންކާ ސަރުކާރުން ވަނީ ކާރިސާތަކުން ސަލާމަތްވުމަށާއި، ގާބިލުކަން އިތުރުކުރުމުގެ އިތުރުން އިގްތިޞާދީ ދާއިރާއިން އިންޑިއާއިން ވެދެމުންދާ މެދުކެނޑުމެއްނެތް އެހީތެރިކަމަށްޓަކައި ޝުކުރު އަދާކޮށްފައެވެ.
ވޭތުވެދިޔަ ދެ އަހަރު ދުވަހުގެ ތެރޭގައި އެކަނިވެސް، އިންޑިއާގެ ޑިފެންސް މިނިސްޓްރީން ވަނީ ލަންކާގެ އިންފްރާސްޓްރަކްޗާ މަތީ ފެންވަރަށް ގެންދިއުމަށާއި އަސްކަރީ ތަމްރީނުތަކަށް އެހީވުމުގެ ގޮތުން 5 ބިލިއަން ލަންކާ ރުޕީސްގެ މަޝްރޫއުތައް ފާސްކޮށްދީފައެވެ.
މީގެ އިތުރުން، ސްރީލަންކާއަށް ދިމާވި ނުރައްކާތެރި "ސައިކްލޯން ދިތުވާ" ތޫފާނުގެ ދަނޑިވަޅުގައި އިންޑިއާ ސިފައިން ވަނީ ލަންކާގައި 80 މެންބަރުންގެ މައްޗަށް އެކުލެވޭ ފީލްޑް ހޮސްޕިޓަލެއް ގާއިމުކޮށް، ދެ ހަފްތާގެ ތެރޭގައި 7،000 އެއްހާ މީހުންނަށް ފަރުވާދީފައެވެ. އަދި ހަމައެހެންމެ، އިންޑިއާ ސިފައިންގެ 48 އިންޖިނޭރުންގެ ޓާސްކް ފޯހެއް ހަ މަހަށްވުރެ ދިގު މުއްދަތަކަށް ލަންކާގައި ހަރަކާތްތެރިވެ، ހަލާކުވެފައިވާ ބްރިޖްތައް ބަލައި ދިރާސާކުރުމަށްފަހު އަލުން ހަތް ބްރިޖެއް ބިނާކޮށްދީ، ލަންކާގެ ރޯޑް ޑިވެލޮޕްމަންޓް އޮތޯރިޓީއަށް ބޭނުންވާ ފަންނީ އެހީތެރިކަން ފޯރުކޮށްދީފައެވެ.
ގުޅުންހުރި

އިންޑިއާއިން ލަންކާއަށް 5.5 މިލިއަން ޑޮލަރުގެ އަސްކަރީ އަދި ސިއްހީ ސާމާނު ހަދިޔާކޮށްފި

ސްރީލަންކާގެ ކަނޑުގެ ސަރަޙައްދުތަކަށް ގަދަވައިގެ ބާރުގަދަ އިންޒާރެއް: ކަނޑުދަތުރުފަތުރު ކުރުން މަނާކޮށްފި

ލަންކާއަށްވެސް މޫސުން ގޯސްވެ ބޯކޮށް ވާރޭވެހުމާއެކު ގުގުރާނެތީ ގިނަ ސަރަހައްދުތަކަކަށް ރެޑް އެލާޓް ނެރެފި




