logoEN
WAMCO TOP 1
ފީއަލީގެ އައު ޕޮލިސް ސްޓޭޝަންގެ މަސައްކަތް އަވަސްކުރުމަށް މަޝްވަރާކޮށްފި

ފީއަލީގެ އައު ޕޮލިސް ސްޓޭޝަންގެ މަސައްކަތް އަވަސްކުރުމަށް މަޝްވަރާކޮށްފި

އަހުމަދު ޝުރާއު

logo

6/16/2026, 8:04:20 AM

# ދިވެހި ފުލުހުންގެ ޙިދުމަތް

-

ފ. ފީއަލީ ތަމްސީލްކުރައްވާ ފ. ބިލެއްދޫ ދާއިރާގެ ރައްޔިތުންގެ މަޖިލިސް މެންބަރާއި، ފީއަލީ ކައުންސިލްގެ ރައީސްގެ އިތުރުން އެ ކައުންސިލްގެ މެންބަރުންނާ ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުޙައްމަދު އިއްޔެ ޚާއްޞަ ބައްދަލުކުރެއްވުމެއް ބާއްވަވައިފިއެވެ.

THE TRAVELLER AD

ފުލުހުންގެ މައި އިދާރާ، ޝަހީދު ޙުސައިން އާދަމް ބިލްޑިންގ ގައި ކުރިއަށްދިޔަ މި ބައްދަލުވުމަކީ ފީއަލީގައި ފުލުހުންގެ ޚިދުމަތްތައް ފުޅާކޮށް، ރަށުގެ އަމާންކަން ދެމެހެއްޓުމަށްޓަކައި ބޭއްވުނު މުހިންމު މަޝްވަރާ ބައްދަލުވުމެކެވެ.

މި ބައްދަލުވުމުގެ އެންމެ މުހިންމު އެއް މައުޟޫއަކަށް އޮތީ، ފީއަލީގައި އަލަށް ބިނާކުރަމުންދާ ޕޮލިސް ސްޓޭޝަންގެ ޢުމްރާނީ މަސައްކަތްތައް ކުރިއަށްދާ ގޮތް ބަލައި، އެ މަޝްރޫޢު އަވަހަށް ނިންމާލެވޭނެ ގޮތްތަކާ ގުޅޭގޮތުން ދެފަރާތުން ޚިޔާލު ބަދަލުކުރުމެވެ. މި ބިޔަ މަޝްރޫއު ނިމި ފިޒިކަލް ގޮތުން ސްޓޭޝަން ހުޅުވުމުން، ފުލުހުން ފޯރުކޮށްދެމުން ގެންދާ ހިދުމަތްތައް މިހާރަށްވުރެ ބޮޑަށް ހަރުދަނާވެ، ރަށުގެ ރައްޔިތުންނަށް އެހީތެރިކަމާއި ރައްކާތެރިކަން ފަސޭހަކަމާއެކު ލިބިގެންދާނެ ކަމަށް ދެފަރާތުންވެސް އެއްބަސްވެލެއްވިއެވެ.

މީގެ އިތުރުން، ރަށުގެ ދާޚިލީ އަމާންކަން ދެމެހެއްޓުމަށްޓަކައި ދިވެހި ފުލުހުންގެ ޚިދުމަތާއި ރަށުގެ އެކިއެކި މުއައްސަސާތަކާ ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިކުރެވޭނެ އިސްތިރާޖީ ގޮތްތަކާ ބެހޭގޮތުންވެސް ބައްދަލުވުމުގައި ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެއްވިއެވެ. ރަށުގައި ދިމާވާ އެކި ބާވަތްތަކުގެ ކުށްތަކާއި މައްސަލަތައް ހައްލުކުރުމުގައްޔާއި، އިޖުތިމާއީ ރައްކާތެރިކަން ދެމެހެއްޓުމުގައި ފުލުހުންނާއި ކައުންސިލްގެ އިތުރުން އާންމު ރައްޔިތުން ގުޅިގެން "ކޮމިއުނިޓީ ޕޮލިސިންގ" އެޕްރޯޗެއްގައި މަސައްކަތް ކުރުމުގެ މުހިންމުކަން ވަނީ ފާހަގަކުރައްވާފައެވެ.

ބައްދަލުވުން ނިންމާލައްވަމުން، ފީއަލީގެ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ދިވެހި ފުލުހުންގެ ޚިދުމަތުން ކުރަމުންދާ ބުރަ މަސައްކަތްތައް ފާހަގަކޮށް، ބިލެއްދޫ ދާއިރާގެ މަޖިލިސް މެންބަރާއި ކައުންސިލް މެންބަރުން ވަނީ ކޮމިޝަނަރަށާއި މުޅި މުއައްސަސާއަށް އިޚްލާޞްތެރި ޝުކުރެއް އަދާކުރައްވާފައެވެ. އަދި ގާނޫނު ނެގެހެއްޓުމަށާއި މުޖުތަމައުގެ ލާބަޔާއި މަންފާއަށް ފުލުހުން ކުރަމުންދާ އަގުނުކުރެވޭ ފަދަ ޚިދުމަތްތައް އެ ބޭފުޅުން އަބަދުވެސް ބަލައިގަންނަވާކަން ސީޕީ އަޙްމަދު މުޙައްމަދުގެ އަރިހުގައި ޔަގީންކޮށްދެއްވިއެވެ.

ކޮމެންޓް
ފަހުގެ
HDC