
ލޭ ހަދިޔާކުރުމުގައި ދީލަތިވުމަކީ ކޮންމެ މީހަކަށްވެސް އޮތް ފުރުސަތެއް- ފަސްޓް ލޭޑީ
# މެޑަމް ސާޖިދާ މުޙައްމަދު# ލޭ ހަދިޔާކުރުންލޭ ހަދިޔާ ކުރާ މީހުންގެ ދުވަހާ ގުޅިގެން ބޭއްވި ރަސްމިއްޔާތުގައި މެޑަމް ސާޖިދާ ވާހަކަދައްކަވަނީ- ފޮޓޯ: ޕީއެސްއެމް
ލޭ ހަދިޔާކުރުމުގައި ދީލަތިވުމަކީ ކޮންމެ މީހަކަށްވެސް އޮތް ފުރުސަތެއްކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ވިދާޅުވެއްޖެ އެވެ.

ދުނިޔޭގެ ލޭ ހަދިޔާ ކުރާ މީހުންގެ ދުވަސް ފާހަގަކުރުމަށް ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ފަސްޓް ލޭޑީ ސާޖިދާ ލޭ ހަދިޔާކުރުމުގެ މުހިންމުކަން ފާހަގަކުރައްވާ ވިދާޅުވީ މި ފުރުސަތުގެ ބޭނުން ހިފުން ވަރަށް މުހިންމު ކަމަށެވެ.
ލޭ ހަދިޔާ ކުރާ ފަރާތްތަކަކީ އެތައް ބައެއްގެ ފުރާނަ ސަލާމަތްކުރުމުގައި ހިއްސާއެއްވާ އަދި އެފަރާތްތަކަށް އެތައް ބައެއްގެ ޝަރަފް ލިބިފައިވާ ފަރާތްތަކެއް ކަމަށް ސާޖިދާ ވިދާޅުވި އެވެ.އަދި ލޭ ހަދިޔާ ކުރުމުގެ ދުވަހެއްގެ ބަދަލުގައި ބައިނަލްއަޤްވާމީ ގޮތުން ލޭ ހަދިޔާ ކުރާ މީހުންގެ ދުވަހެއް ފާހަގަކުރަނީވެސް އަނެއްކާގެ ފުރާނަ ސަލާމަތް ކުރުމަށް ކުރާ މި ހޭދަގައި އިންސާނީ މަތިވެރި އަޙްލާޤު އާލާ ކުރުމަށްކަމަށް އެކަމަނާ ވިދާޅުވިއެވެ.
މެޑަމް ވަނީ ދުނިޔޭގެ އެކި ގައުމުތަކުގައި ލެޔަށް ބޭނުން ޖެހޭ ސަބަބުތައް ތަފާތުކަމާއި ރާއްޖޭގައި ލޭ ހަދިޔާ ކުރުމުގެ ކަންކަން ފެށިގެން އައިގޮތައް އަލިއަޅުއްވާލާފަ އެވެ.
ދުނިޔޭގެ ލޭ ހަދިޔާކުރާ މީހުންގެ ދުވަހުގެ ޝިއާރަށް އަލިއަޅުއްވާލައްވަމުން، އެކަމަނާ ވަނީ ލޭ ހަދިޔާ ކުރުމަކީ އިންސާނިއްޔަތައް ކުރެވޭ މުހިންމު ކަމެއްކަމަށް ވިދާޅުވެފައެވެ. އެގޮތުން ދުވަހުގެ ޝިޢާރުންވެސް އަންގައިދެނީ ކޮންމެ ލޭ ތިއްކަކާއި ގުޅިފައިވަނީ އިންސާނީ ފުރާނައެއް ކަމަށެވެ. އެހެން ކަމުން ޝިއާރު ގޮވާލަނީ އިންސާނިއްޔަތު ހިމާޔަތް ކުރުމަށް ހަދިޔާ ކުރެވެން އޮތް ކޮންމެ ލޭ ތިއްކެއް ހަދިޔާ ކުރަން ކަމަށް އެކަމަނާ ވިދާޅުވިއެވެ.
ދުނިޔޭގެައި ލޭ ހަދިޔާ ކުރުމާއި ރައްކާކުރުމުގެ ނިޒާމް އެތައް ގޮތަކުން ކުރިއަރާފައިވީ ނަމަވެސް މިކަން ކުރުމަށް ފަސް ނުޖެހި އެންމެންވެސް ބައިވެރިވުމަށް އެކަމަނާ ގޮވާލެއްވި އެވެ.
" މުދާވެރިކަމުގައި ދީލަތިވެވެނީ ފޯރުންތެރިންނަށް. ނަމަވެސް ލޭ ހަދިޔާ ކުރުމުގައި ދީލަތިވުމަކީ ކޮންމެ މީހަކަށްވެސް އޮތް ފުރުސަތެއް. އެހެން ވީމާ އެފުރުސަތުގެ ދަރުމަ ހޯއްދެވުމަށް. އަދި އިންސާނިއްޔާތަށް މި ޚިދުމަތް ދެއްވުމަށް އަޅުގަނޑު ތި އެންމެ ބޭފުޅުނަށް އެދެން. އަދި މި ޚިދުމަތުގައި ތިއްބެވި އެންމެ ބޭފުޅުންނަށް އިހްލާސްތެރިކަމާއެކު ޝުކުރު ދަންނަވަން" ރައީސުލްޖުމްހޫރިއްޔާ އަނބިކަނބަލުން ސާޖިދާ މުހައްމަދު ވިދާޅުވިއެވެ.އެކަމަނާ ވަނީ ލޭ ހަދިޔާ ކުރާ މީހުންނަނީ ޝަރަފުވެރި ބައެއް ކަމަށް ވިދާޅުވެ، އެކަން ސިއްޙީ ގޮތުން ދުޅަހެޔޮ ކޮންމެ މީހަކަށްވެސް ކުރެވޭނެ ކަމަށް ވިދާޅުވެފައެވެ. މި ރަސްމިއްޔާތުގައި ލޭ ހާދިޔާ ކުރާ މީހުންނާއި ޖަމިއްޔާ ޖަމާޢަތްތަކުގެ އަގުވަޒަންކޮށް ވަނީ އެކަމުގެ ހަނދާނީ ލިއުން އަދި އެވޯޑް ހަވާލުކޮށްފައެވެ. އެގޮތުން ދިގުމުއްދަތަކަށް ލޭ ހަދިޔާ ކުރައްވާ ފަރާތްތަކާއި އަލަށް ލޭ ހަދިޔާ ކުރަން ފެއްޓެވި 18 އަހަރުވީ 29 ފަރާތަކަށް އެކަމުގެ ހަނދާނީ ލިއުން ވަނީ އަރުވާފައެވެ. އަދި މިދިޔަ އަހަރު އެންމެ ގިނަ ބްލަޑް ޑޮނޭޝަން ކޭމްޕް ބޭއްވި އަދި އެންމެ ގިނައިން ލޭ ހަދިޔާ ކުރި 3 ފަރާތަކަށް ވަނީ އެކަމުގެ ހަނދަނީ ލިއުން އަދި ފިލާ ހަވާލުކޮށްފައެވެ. މީގެ އިތުރުން ދިގު މުއްދަތަކަށް ލޭ ހަދިޔާ ކުރެއްވަމުން ގެންދަވާ ފަރާތްތަކުގެ ތެރެއިން ގޯލްޑް އެވޯޑް 3 ފަރާތަކަށް ވަނީ ދީފައެވެ. އަދި މިހާތަނަށް އެންމެ ގިނައިން ލޭ ހަދިޔާ ކުރެއްވި 6 ފަރާތަކަށް ލައިފްޓައިމް ކޮންޓްރިބިއުޝަން އެވޯޑް ވަނީ އަރުވާފައެވެ. މި އެވޯޑު ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުހައްމަދުއެވެ.
ގުޅުންހުރި

ލޭ ހަދިޔާކުރުމުގައި ދީލަތިވުމަކީ ކޮންމެ މީހަކަށްވެސް އޮތް ފުރުސަތެއް- ފަސްޓް ލޭޑީ

އަމިއްލަ އިސްނެގުމުގައި ލޭ ހަދިޔާކުރުން ކޮންމެހެން ބޭނުންތެރި- ރައީސް

"ދުންފަތުގެ ވަބާއިން އަންނަން އޮތް ޖީލު ރައްކާތެރިކުރުމުގެ އަޒުމް އާ ކުރަންޖެހޭ"




