
އައު މިސްކިތަކާއި ޒުވާން ޚަޠީބުން ބިނާކުރުމަށް މަޑުއްވަރީ ކައުންސިލުން އެދެފި
# އިސްލާމިކް މިނިސްޓްރީ-
ރ. މަޑުއްވަރީގައި އިސްލާމީ ދާއިރާ އިތުރަށް ކުރިއަރުވައި، ރަށުގެ ދީނީ ކަންކަން ހަރުދަނާކުރުމަށްޓަކައި އިސްލާމީކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު، ރ. މަޑުއްވަރީ ކައުންސިލްގެ އިސްވެރިންނާ ބައްދަލުކުރައްވައިފިއެވެ.

އިސްލާމީކަންތައްތަކާއި އައުޤާފާ ބެހޭ ވުޒާރާގައި މިއަދު ބޭއްވުނު މި ބައްދަލުކުރެއްވުމަކީ ރަށްރަށުގެ ދީނީ ބޭނުންތައް ދެނެގަނެ، ކައުންސިލްތަކާ ގުޅިގެން ޚިދުމަތްތައް ފުޅާކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ކުރިއަށްދިޔަ މުހިންމު ބައްދަލުވުމެކެވެ.
މި ބައްދަލުކުރެއްވުމުގައި އިސްލާމީކަންތައްތަކާއި އައުޤާފާ ބެހޭ ވުޒާރާގެ ބައެއް އިސްވެރިންނާއި، މަޑުއްވަރީ ކައުންސިލްގެ އިސް މެމްބަރުން ވަނީ އަމަލީގޮތުން ބައިވެރިވެލައްވާފައެވެ. ބައްދަލުވުމުގެ ތެރެއިން، މަޑުއްވަރީއަށް އިސްލާމީ ދާއިރާއިން މިހާރު ދިމާވެފައިވާ އެކިއެކި ގޮންޖެހުންތަކާއި ދަތިތަކުގެ ތަފްސީލު ކައުންސިލުން ވަނީ ވަޒީރާ ހިއްސާކުރައްވާފައެވެ. އަދި އެ މައްސަލަތަކަށް އަވަސް ހައްލެއް ހޯދޭނެ މަގުތަކާ ގުޅޭގޮތުން ދެ ފަރާތުގެ މެދުގައި ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރެވުނެވެ.
މީގެ އިތުރުން، ވުޒާރާއާއި މަޑުއްވަރީ ކައުންސިލް ގުޅިގެން އެ ރަށުގެ ރައްޔިތުންނަށް ޚާއްޞަކޮށްގެން ކުރިއަށް ގެންދެވިދާނެ އެކި ދީނީ ޕްރޮގުރާމުތަކާ ގުޅޭގޮތުންވެސް މި ބައްދަލުވުމުގައި ވަނީ ރޭވުންތައް ރާވާފައެވެ. އޭގެ ތެރޭގައި އެންމެ މުހިންމު ކަމެއްގެ ގޮތުން މަޝްވަރާ ކުރެވުނީ، ރަށުގެ ޒުވާނުން ދީނީ ކަންކަމަށް އަހުލުވެރިކޮށް، މިސްކިތްތަކުގެ މިންބަރުތަކަށް ޒުވާން ޖީލެއް ނެރުމަށްޓަކައި މަޑުއްވަރީގައި "ޒުވާން ޚަޠީބުން ތަމްރީން ކުރުމުގެ ޕްރޮގުރާމު" ފެށުމާ ގުޅޭގޮތުންނެވެ.
މި ބައްދަލުވުމުގައި އެންމެ އުންމީދީ ކަމެއްގެ ގޮތުގައި ފާހަގަކޮށްލެވެނީ، މަޑުއްވަރީގެ ރައްޔިތުންގެ ޒަމާންވީ އިންތިޒާރަކަށް ފުރުހަމަ ހައްލެއް ހޯދައިދިނުމުގެ ގޮތުން އެ ރަށުގައި އަލަށް ބިނާކުރުމަށް ހަމަޖެހިފައިވާ އައު މިސްކިތުގެ މަޝްރޫޢާ ގުޅޭގޮތުން ކުރެވުނު މަޝްވަރާތަކެވެ. ހަމައެއާއެކު، ރަށުގައި ދީނީ ތަޢުލީމު ފުޅާކުރުމަށް ހިންގާ ކީރިތި ޤުރުއާނާއި ބެހޭ ޤައުމީ މަރުކަޒުގެ މަޑުއްވަރީ ގޮފީގެ މަސައްކަތްތައް މިހާރަށްވުރެ ހަރުދަނާކޮށް، ކުރިއަށް ހުރި ރޭވުންތައް ކާމިޔާބުކަމާއެކު ހިންގުމަށް ވުޒާރާގެ ފުރިހަމަ އެހީތެރިކަން ލިބޭނެ ކަމުގެ ޔަގީންކަން ވަޒީރު ޑރ. ޝަހީމް ވަނީ ކައުންސިލަށް އަރުވާފައެވެ.
ގުޅުންހުރި

އައު މިސްކިތަކާއި ޒުވާން ޚަޠީބުން ބިނާކުރުމަށް މަޑުއްވަރީ ކައުންސިލުން އެދެފި

އިސްލާމީ ވަޤްފު ފަންޑު ތަރައްޤީކުރުމަށް، ވަޒީރު ޑރ. ޝަހީމް ފަސްޓް ނޭޝަނަލް ފައިނޭންސްއާ މަޝްވަރާކުރައްވައިފި

އިމާމުން ތަމްރީނުކުރުމާއި ޒަކާތުގެ ދާއިރާއިން ގުޅުން ބަދަހިކުރަން މެލޭޝިޔާއާއިއެކު މަޝްވަރާކޮށްފި




