
-
އުރީދޫ މޯލްޑިވްސްއިން ރާއްޖެއަށް ޕޭޕަލްގެ ޚިދުމަތް ރަސްމީކޮށް ތަޢާރަފުކުރުމާއެކު، އާންމުންނަށް ލިބުނު އެންމެ ބޮޑު ހައްލަކީ އުރީދޫ އެމް-ފައިސާ ވޮލެޓާ ޕޭޕަލް ސީދާ ގުޅާލުމުގެ ފުރުޞަތު ފަހިވެގެންދިއުމެވެ.

މިއީ ޚާއްޞަކޮށް ބޭރުން ފައިސާ ހޯދާ ފްރީލާންސަރުންނަށާއި، އޮންލައިންކޮށް ބޭރުގެ ސައިޓްތަކުން ވިޔަފާރިކުރާ ފަރާތްތަކަށް ލިބުނު ވަރަށް ބޮޑު ލުޔެކެވެ.
އެމް-ފައިސާ މެދުވެރިކޮށް ޕޭޕަލް އެކައުންޓް ގުޅާލައި، މުޢާމަލާތްތައް ކުރާނެ ގޮތް ތިރީގައި މިވަނީއެވެ.
އެންމެ ފުރަތަމަ އަމިއްލަ ފޯނުގައިވާ "އުރީދޫ ސުޕަރއެޕް" އެންމެ ފަހުގެ ވާޝަނަށް އަޕްޑޭޓްކޮށްލާށެވެ. އެއަށްފަހު، އެޕްލިކޭޝަންގެ ތެރެއިން އެމް-ފައިސާ ސެކްޝަނަށް ވަދެ، ތިމާގެ އެކައުންޓަކީ ކޭވައިސީ ފުރިހަމަކޮށްފައިވާ ސިލްވަރ ނުވަތަ ގޯލްޑް ވޮލެޓެއްތޯ ކަށަވަރުކުރަންޖެހެއެވެ.
ބައިނަލްއަޤްވާމީ ބޮޑެތި މުޢާމަލާތްތައް އެއްވެސް ހުރަހެއް ނެތްގޮތަށް ކުރުމަށްޓަކައި އެމް-ފައިސާ އެކައުންޓް އަޕްގްރޭޑްކޮށްފައި ބެހެއްޓުން މުހިންމެވެ.
ދެވަނަ މަރުހަލާއަކީ އެމް-ފައިސާ ވޮލެޓުގެ ތެރެއިން ފެންނަން ހުންނާނެ ޕޭޕަލްގެ އައިކަންއަށް ފިއްތާލުމެވެ. އެއަށްފަހު "ލިންކް ޕޭޕަލް އެކައުންޓް" އަށް ފިއްތާލުމުން، ސީދާ ޕޭޕަލްގެ ރަސްމީ ސެކިއުރިޓީ ޕޭޖަށް ރީޑައިރެކްޓްވާނެއެވެ. އެތަނުން ތިމާގެ ޕޭޕަލް ޔޫޒަރނޭމް އަދި ޕާސްވޯޑް ޖެހުމަށްފަހު ލޮގިންވުމުން، އެމް-ފައިސާ ވޮލެޓާއި ޕޭޕަލް އެކައުންޓް ސީދާ އެކުއެކީގައި ގުޅާލެވޭނެއެވެ.
މިގޮތަށް ގުޅާލުމުން، ބޭރު ޤައުމުތަކުން ޕޭޕަލް މެދުވެރިކޮށް ލިބޭ ފައިސާ އެމް-ފައިސާ އެޕްގެ ތެރޭގައި އިންނަ "ޓްރާންސްފާ ފްރޮމް ޕޭޕަލް" އޮޕްޝަން ބޭނުންކޮށްގެން ސީދާ އެމް-ފައިސާ ވޮލެޓަށް ޖަމާކުރެވޭނެއެވެ. ހަމައެއާއެކު، ބޭރުގެ އެކި ވެބްސައިޓްތަކުން އެއްޗެހި ގަންނައިރު، ޕޭޕަލްއިން ފައިސާ ދައްކަން ޚިޔާރުކުރުމުން އެމް-ފައިސާ ވޮލެޓުގައި ހުންނަ ފައިސާއިން ސީދާ ބޭންކް ރޭޓްތަކުގައި މުޢާމަލާތްތައް ރައްކާތެރިކަމާއެކު ނިންމާލެވޭނެއެވެ.






