logoEN
WAMCO TOP 1
ޕޭޕަލް ގެނެވުނީ އެތައް އަހަރެއްގެ ގޮންޖެހުންތައް ނައްތާލުމަށްފަހުގައި، މިއީ ހަރުދަނާ ލީޑަރޝިޕެއްގެ ނަތީޖާ - ސައީދު

ޕޭޕަލް ގެނެވުނީ އެތައް އަހަރެއްގެ ގޮންޖެހުންތައް ނައްތާލުމަށްފަހުގައި، މިއީ ހަރުދަނާ ލީޑަރޝިޕެއްގެ ނަތީޖާ - ސައީދު

އަހުމަދު ޝުރާއު

logo

6/15/2026, 9:25:23 AM

# ޕޭޕަލް

-

ރާއްޖެއަށް ޕޭޕަލްގެ ޚިދުމަތް ތަޢާރަފުވުމާއެކު ދުނިޔޭގެ ޑިޖިޓަލް އިޤްތިޞާދުގައި ދިވެހިރައްޔިތުންގެ ބައިވެރިވުން ކުރިއަށްވުރެ ބޮޑަށް ފުޅާވެގެންދާނެ ކަމަށް އިޤްތިޞާދީ ތަރައްޤީއާއި ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.

THE TRAVELLER AD

ވަޒީރު މިފަދައިން ވިދާޅުވީ އުރީދޫ މޯލްޑިވްސްއާ ގުޅިގެން ރާއްޖެއަށް ޕޭޕަލްގެ ޚިދުމަތް ރަސްމީކޮށް ފެށުމަށްޓަކައި ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.

ވަޒީރު ވިދާޅުވީ ޕޭޕަލްގެ ޚިދުމަތް އެއްވެސް އުނދަގުލަކާ ނުލައި ރާއްޖޭގެ މާލީ ނިޒާމުގެ ތެރެއަށް ލާމެހިގެން ދިއުމަކީ، ދުނިޔޭގެ ބާޒާރުގައި ދިވެހިންނަށް ހުރި އެންމެ ބޮޑު ހުރަސް ނައްތާލުން ކަމަށާއި، މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމާ ޙަވާލުވެވަޑައިގަތުމަށްފަހު ކުރެއްވި ބުރަ މަސައްކަތްޕުޅުގެ ފޮނި ނަތީޖާ ކަމަށެވެ.

ވަޒީރު ސަޢީދުގެ ވާހަކަފުޅުގައި، ރަނގަޅު ތަޞައްވުރެއްގެ މައްޗަށް ބިނާކޮށް ހަރުދަނާ ލީޑަރޝިޕަކުން މަސައްކަތް ކުރުމުން ކޮންމެ ފަދަ ބޮޑު ނަތީޖާއެއްވެސް ޙާޞިލްކުރެވޭނެކަން މިކަމުން ސާބިތުވެއްޖެ ކަމަށް ވިދާޅުވިއެވެ. އަދި ދިވެހިރާއްޖޭގެ މާކެޓް ކުޑަވުމުން ނުވަތަ ޖަޒީރާ ރަށްތަކެއްގެ ގޮތުގައި ޤުދުރަތީގޮތުން ރާއްޖެ އުފެދިފައި އޮތްގޮތުގެ މައްޗަށް ބުރަވެ، ބައިނަލްއަޤްވާމީ ޒަމާނީ ވަސީލަތްތަކުން ދިވެހިން މަޙްރޫމްވެ ފަހަތަށް ޖެހޭނެ އެއްވެސް ސަބަބެއް ނެތްކަން މި ތާރީޚީ ނަތީޖާއިން ހާމަކޮށްދޭ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

ރާއްޖޭގެ ގާނޫނީ އޮނިގަނޑުގެ ތެރެއިން މާލީ ނިޒާމުތައް ޒަމާނީކުރުމުގެ މައިގަނޑު މަގުސަދަކީ، ޚާއްޞަކޮށް ޒުވާނުންނާއި އަންހެނުންނަށް ޑިޖިޓަލް ވިޔަފާރީގެ ދާއިރާއިން އެއްވެސް ހުރަހެއް ނެތް ފުރިހަމަ މިނިވަންކަމެއް ހޯދައިދިނުން ކަމަށްވެސް ވަޒީރު ފާހަގަކުރެއްވިއެވެ.

ރައްޔިތުން އަބަދުވެސް ބޭނުންވެ، ނަމޫނާއެއްގެ ގޮތުގައި ދެކެމުންއައި ޕޭޕަލްގެ ޚިދުމަތް ރާއްޖެއަށް ގެނައުމަކީ ރިޔާސީ ވައުދަކަށްވީ ނަމަވެސް، އެތައް އަހަރެއް ވަންދެން ބަންދުވެފައި އޮތް މި ހުރަސްތައް ނައްތާލުމަކީ އިންތިހާއަށް ގޮންޖެހުން ބޮޑުވި ކަމެއްކަން ވަޒީރު ހާމަކުރެއްވިއެވެ. އެގޮތުން މި މަސައްކަތުގައި ހޭދަވި ފުރަތަމަ ހަ މަސްދުވަހުގެ ތެރޭގައި ކުރެވުނު މަސައްކަތުން އަމަލީ ގޮތުން އެދެވޭ ނަތީޖާއެއް ނުފެނުމުން، ސަރުކާރުން ގެންގުޅުނު އިސްތިރާތީޖީ ވިސްނުންތަކާއި އުސޫލުތަކަށް އަސާސީ ބޮޑު ބަދަލެއް ގެންނަން ޖެހުނު ކަމަށް ވަޒީރު ވިދާޅުވިއެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ބިލިއަނެއްގެ ދެބައިކުޅަ އެއްބަޔާ ގާތްކުރާ އަދަދަކަށް އެކްޓިވް އެކައުންޓް ގެންގުޅޭ ޕޭޕަލް ފަދަ ބޮޑު ނެޓްވޯކަކުން ވަކި ޤައުމަކަށް ޚިދުމަތް ދޭން ފަށަނީ ވަރަށް ބޮޑަށް ބެލުމަށްފަހު ކަމަށް ވަޒީރު ވިދާޅުވިއެވެ.

އެހެންކަމުން، މި މަސައްކަތަކީ ހަމައެކަނި ވަގުތީ ހައްލެއް ހޯދުމުގެ ބަދަލުގައި، ނިޒާމީ ގޮތެއްގައި ހަރުދަނާ ގާނޫނީ އޮނިގަނޑެއް ބިނާކޮށް، ކުރިމަތިވި ހުރިހާ ގޮންޖެހުންތަކުން އަރައިގަނެ، ބައިނަލްއަގުވާމީ ފެންވަރުގެ އިތުބާރު ގާއިމުކުރުމަށްޓަކައި ކުރެވުނު ދާއިމީ މަސައްކަތެއްކަން ވަޒީރު ފާހަގަކުރެއްވިއެވެ.

ކޮމެންޓް
ފަހުގެ
HDC