
ވިލުފުށީގައި "ކޮމިއުނިޓީ ވޮލަންޓިއަރ ފަޔަރ ފައިޓަރ" ޓްރެއިނިންގ ޕްރޮގްރާމެއް ކާމިޔާބުކަމާއެކު ނިންމާލައިފި
# ތ.ވިލިފުށި-
ރަށު ފެންވަރުގައި އަލިފާނުގެ ހާދިސާތަކުން ރައްކާތެރިވުމަށް ވޮލަންޓިއަރުން އުފެއްދުމަށްޓަކައި، އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑާއި ތ. ވިލުފުށީ ކައުންސިލް ގުޅިގެން އެ ރަށުގައި ކުރިއަށް ގެންދިޔަ "ކޮމިއުނިޓީ ވޮލަންޓިއަރ ފަޔަރ ފައިޓަރ ޓްރެއިނިންގ ޕްރޮގްރާމް" ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.

މި ހިނގާ ޖޫން މަހުގެ 6 އިން 13 އަށް ވިލުފުށީގައި ކުރިއަށްގެންދިޔަ މި ޕްރޮގްރާމަކީ، ރަށްރަށުގައި ދިމާވާ އަލިފާނުގެ ނުރައްކާތެރި ހާދިސާތަކުގައި އިސްނަގައިގެން ޙަރަކާތްތެރިވާނެ ފަޔަރ ފައިޓަރުން އިތުރުކުރުމުގެ މުހިންމު މަޤުޞަދުގައި ބޭއްވުނު ތަމްރީނުތަކެކެވެ.
މި ޚާއްޞަ ތަމްރީނު ޕްރޮގްރާމް، ވިލުފުށިން ކުރިމަތިލީ ޖުމްލަ 16 ބައިވެރިން ވަނީ ފުރިހަމަކޮށްފައެވެ. މި ޕްރޮގްރާމް ނިންމުމުގެ ގޮތުން ތ. ވިލުފުށީ ސްކޫލުގައި އިއްޔެ ބޭއްވުނު ޚާއްޞަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި، ތަމްރީނު ފުރިހަމަކުރި ބައިވެރިންނަށް ހަނދާނީލިޔުން ހަވާލުކޮށްދެއްވީ އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑުގެ ޑެޕިއުޓީ ކޮމާންޑަރ، ކާނަލް އަޙްމަދު ޝާމިނެވެ.
މި ތަމްރީނުތަކުގެ ތެރެއިން ބައިވެރިންނަށް އަލިފާން ރޯވާން ދިމާވާ މައިގަނޑު ސަބަބުތަކާއި، ރައްކާތެރިކަމާއެކު އަލިފާން ނިއްވާނޭ ތަފާތު ގޮތްތަކުގެ އިތުރުން އަލިފާން ނިއްވުމަށް ބޭނުންކުރާ ބައެއް އަސާސީ އާލާތްތަކާ ބެހޭގޮތުން ތިއަރީ އަދި ޢަމަލީގޮތުން ވަނީ ގިނަ މަޢުލޫމާތުތަކެއް ދަސްކޮށްދީފައެވެ. މީގެ އިތުރުން، ބައިވެރިންގެ ދިފާޢީ އަދި ޖިސްމާނީ ދުޅަހެޔޮކަން އިތުރުކުރުމަށް ފިޒިކަލް ޓްރެއިނިންގއާއި، ހާދިސާތަކުގައި އަނިޔާވާ މީހުން އުފުލާނެ ގޮތްތައް (ވިކްޓިމް ކެރީއިންގ މެތަޑްސް)، އިންސިޑެންޓް ކޮމާންޑް ސިސްޓަމް، ފަސްޓް އެއިޑް، އަދި އަސްކަރީ އަޚުލާޤާއި ސުލޫކުގެ ބައިތައްވެސް ވަނީ އުނގަންނައިދީ ފަރިތަކުރުވާފައެވެ.
ވިލުފުށީގެ މި ބޭނުންތެރި ޕްރޮގްރާމްގައި މުދައްރިބުންގެ ގޮތުގައި ޙަރަކާތްތެރިވެފައިވަނީ، ފަޔަރ އެންޑް ރެސްކިޔު ދާއިރާއިން މަތީ ތަމްރީނާއި ދިގު މުއްދަތުގެ ތަޖުރިބާ ހޯއްދަވާފައިވާ އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑުގެ ފަޔަރ ކޮމްޕޯނަންޓުގެ ޤާބިލު ފަޔަރފައިޓަރުންނެވެ. މި ތަމްރީނުތަކުގެ ސަބަބުން ވިލުފުށީގައި ދިމާވެދާނެ ކުއްލި ޙާލަތްތަކުގައި ރަށު ފެންވަރުގައި ހަރަކާތްތެރިވުމުގެ ޤާބިލުކަން އިތުރުވެގެންދާނެ ކަމަށް ކައުންސިލުން ދެކެއެވެ.
ގުޅުންހުރި

ވިލުފުށީގައި "ކޮމިއުނިޓީ ވޮލަންޓިއަރ ފަޔަރ ފައިޓަރ" ޓްރެއިނިންގ ޕްރޮގްރާމެއް ކާމިޔާބުކަމާއެކު ނިންމާލައިފި

ވިލިފުށީގައި އިމާރާތްކޮށްފައިވާ 100 ހައުސިންގ ޔުނިޓައް ކުރިމަތިލާން ޖެނުއަރީ 11 ގައި ހުޅުވާލަނީ

ވިލުފުށީ މަސްޖިދު ޢުމަރު ފާރޫޤް އަކީ އިސްލާމީ މަރުކަޒެއް ކަމުގައި ރައީސް ކަނޑައަޅުއްވައިފި




