
ވިލިފުށީގައި އިމާރާތްކޮށްފައިވާ 100 ހައުސިންގ ޔުނިޓައް ކުރިމަތިލާން ޖެނުއަރީ 11 ގައި ހުޅުވާލަނީ
# ތ.ވިލިފުށި-
ތ ވިލިފުށީގައި އިމާރާތްކޮށްފައިވާ 100 ހައުސިންގ ޔުނިޓައް ކުރިމަތިލާން ޖެނުއަރީ 11 ގައި ހުޅުވާލާނެ ކަމަށް ހައުސިންގ މިނިސްޓްރީން ހާމަކޮށްފިއެވެ.

މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން، ތ. ވިލުފުށީގައި ޢިމާރާތްކޮށްފައިވާ 100 ހައުސިންގ ޔުނިޓަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލުމަށް ހަމަޖެހިފައިވާ ކަމަށާއި މިކަމާ ގުޅޭގޮތުން އެކުލަވާލާފައިވާ "ތ. ވިލުފުށީގައި އިމާރާތްކުރާ 100 ހައުސިންގ ޔުނިޓު ދޫކުރުމުގައި ޢަމަލުކުރާނެ ގޮތުގެ އުޞޫލު" (ނަންބަރު: 34-ޖީ/2025) މިހާރު ދިވެހިސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރެވިފައިވާ ކަމަށެވެ.
މި އުޞޫލުގައި ކުރިމަތިލާ ފަރާތްތަކުގެ ކިބައިގައި ހުންނަންޖެހޭ ޝަރުޠުތަކާއި، ޕޮއިންޓު ދެވޭނެ ގޮތުގެ ތަފްޞީލު ހިމަނާފައިވެއެވެ.
މި ހައުސިންގ ޔުނިޓުތަކަށް އެދި ކުރިމަތިލާން ހުޅުވާލަން ނިންމާފައިވަނީ 11 ޖަނަވަރީ 2026 ވާ އާދީއްތަ ދުވަހު އެވެ. އެގޮތުން މި ޔުނިޓުތަކަށް އެދިލައްވާ ފަރާތްތަކުން މިނިސްޓްރީގެ 'ހިޔާވެހި ޕޯޓަލް' (www.hiyaavehi.housing.gov.mv) މެދުވެރިކޮށް އެޕްލިކޭޝަން ހުށަހެޅޭނެކަމަށާއި އެޕްލިކޭޝަން ހުށަހެޅުން ހުޅުވިފައި ހުންނާނީ 11 އެޕްރިލް 2026 ދުވަހުގެ ރޭގެ 23:59ގެ ނިޔަލަށް ކަމަށް މިނިސްޓްރީގެ ބަޔާނުގައި ވަނީ ބުނެފައި އެވެ.
މިނިސްޓްރީން ބުނީ މި އުޞޫލުގައި ޕޮއިންޓު ދިނުމުގައި އާމްދަނީގެ ނިސްބަތާއި، ދިރިއުޅުމުގެ ހާލަތާއި، ރަށްވެހިކަމަށް ޕޮއިންޓު ދިނުމަށް ސާފު ނިޒާމެއް ހިމަނާފައިވާނެ ކަމަށާއި އަދި ސުނާމީ ކާރިސާއާ ގުޅިގެން ސަރުކާރުން އިމާރާތްކޮށް، ބަދަލުގެ ގޮތުގައި ތ. ވިލުފުށިން ގެ/ގެތައް ލިބިފައިވާ، އެހެންނަމަވެސް، ރަޖިސްޓަރީކޮށްދީފައި ނުވާ ފަރާތްތަކަށް އެފަރާތްތަކުގެ ޢާއިލާއަކީ އެ ގެ/ގެތައް ލިބުމުގެ ޙައްޤު ލިބިފައިވާ ފަރާތްތަކެއް ކަމުގައި ބެލެވޭނެކަންވެސް މި އުޞޫލުގައި ބަޔާންކޮށްފައިވާނެކަމަށެވެ.
- މި ހައުސިންގ ޔުނިޓްތަކަށް ކުރިމަތިލާ ފަރާތްތަކަކީ މަހެއްގެ މައްޗަށް ލިބޭ ޖުމުލަ އާމްދަނީ 60,000 (ފަސްދޮޅަސް ހާސް) ރުފިޔާއަށްވުރެ އިތުރުނުވާ ފަރާތްތަކަކަށް ވާންޖެހެއެވެ.
- މީގެ އިތުރުން، ޕޮއިންޓު ދިނުމުގެ އުޞޫލު އެކުލަވާލެވިފައިވަނީ މައިންބަފައިން ބަލަހައްޓާ ފަރާތްތަކާއި، ޚާއްޞަ އެހީއަށް ނުވަތަ އިޖުތިމާޢީ ރައްކާތެރިކަމަށް ބޭނުންވާ ފަރާތެއް ނުވަތަ ފަރާތްތަކެއް ބަލަހައްޓަމުންދާ ފަރާތްތަކަށް ޚާއްޞަ ޕޮއިންޓު ލިބޭ ގޮތަށެވެ.
- އަދި ތ. ވިލުފުށީގެ ރައްވެހިންނަށާއި، އެރަށަށް ހިޖުރަކޮށް އެރަށުގައި މެދުނުކެނޑި 10 އަހަރު ދުވަހު ދިރިއުޅެމުންދާ ފަރާތްތަކަށްވެސް މި އުޞޫލުގެ ތެރެއިން ޚާއްޞަ ޕޮއިންޓު ދިނުމަށް ވަނީ ހަމަޖެހިފައެވެ.
މި އުޞޫލުގެ ދަށުން ދޫކުރާ ހައުސިންގ ޔުނިޓުތަކަށް އެދި ހުށަހަޅާ ފަރާތްތަކަކީ، މީލާދީ ގޮތުން 18 (އަށާރަ) އަހަރު ފުރިފައިވާ ދިވެހި ރައްޔިތަކަށް ވުމާއެކު، ތ. ވިލުފުށީގެ ރަށްވެއްސެއް ނުވަތަ އެ ރަށަށް ހިޖުރަކޮށްގެން އެ ރަށުގައި މެދުނުކެނޑި 10 (ދިހައެއް) އަހަރު ދުވަހު އުޅެފައިވާ ފަރާތަކަށް ވާންޖެހެއެވެ. މާލީ ޙާލަތަށް ބަލާއިރު، އެ ފަރާތަކަށް މަސްދުވަހަކަށް ޖެހޭ ޖުމުލަ އާމްދަނީގެ ގޮތުގައި 60,000 (ފަސްދޮޅަސް ހާސް) ރުފިޔާއަށްވުރެ އިތުރަށް ލިބޭ ފަރާތެއް ކަމުގައި ވެގެންނުވާނެއެވެ. މީގެ އިތުރުން، އެ ފަރާތަކީ ނުވަތަ އެ ފަރާތުގެ އަނބިމީހާ ނުވަތަ ފިރިމީހާއަކީ ރާއްޖޭގެ އެއްވެސް ރަށަކުން 600 (ހަސަތޭކަ) އަކަފޫޓަށްވުރެ ބޮޑު ގޯތި/ގެދޮރު ލިބިފައިވާ، ނުވަތަ ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫޢެއްގެ ދަށުން ފުލެޓެއް ނުވަތަ ހައުސިންގ ޔުނިޓެއް ލިބިފައިވާ ފަރާތެއް ކަމުގައި ވެގެންނުވާނެއެވެ. އަދި ހަމައެހެންމެ، ހައުސިންގ ޔުނިޓަށް އެދި ހުށަހަޅާ ތާރީޚުގެ ކުރިން، ފާއިތުވި 3 (ތިނެއް) އަހަރު ދުވަހުގެ ތެރޭގައި، އެ ފަރާތުގެ ނުވަތަ އަނބިމީހާ/ފިރިމީހާގެ ނަމުގައި އޮތް 600 އަކަފޫޓަށްވުރެ ބޮޑު ބިމެއް ނުވަތަ ގޯއްޗެއް ވިއްކާލައިފައި ނުވަތަ އެހެން ފަރާތަކަށް ދީފައިވާ ފަރާތެއް ކަމުގައި ވެގެންނުވާނެއެވެ. މީގެ އިތުރުން، އެ ފަރާތެއްގެ ނަމުގައި 600 އަކަފޫޓަށްވުރެ ކުޑަ ބިމެއް އޮތްނަމަ، ހައުސިންގ ޔުނިޓު ލިބުމުން އެތަން ދޫކޮށްލަން އެއްބަސްވާންޖެހޭނެއެވެ.
މިކަމާ ގުޅޭ އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ހިޔާވެހި ޕޯޓަލް މެދުވެރިކޮށް ސުވާލު ހުށަހަޅައިގެން ނުވަތަ މިނިސްޓްރީގެ 4004919 ނަންބަރަށް ގުޅުއްވައިގެން ކުރިޔަށް ގެންދެވުމަށް މިނިސްޓްރީން ވަނީ އެދިފައި އެވެ.






