
އެސްޓީއޯ ޕީޕަލްސް ޗޮއިސްގެ ފުރަތަމަ ފަންގިފިލާ ހުޅުވައި، ޚިދުމަތްތައް އައު އުސްމިންތަކަކަށް ގެންގޮސްފި
# އެސްޓީއޯ-
ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) ގެ ޕީޕަލްސް ޗޮއިސް އައުޓްލެޓާއެކު 1991 ވަނަ އަހަރު ދިވެހިންގެ ތެރެއަށް ސުޕަރމާކެޓް ކޮންސެޕްޓް ތަޢާރަފްވެ، އެއް ފުރާޅެއްގެ ދަށުން ހެޔޮ އަގުގައި ގިނަ ބާވަތްތަކެއް އާންމުންނަށް ލިބެން ފެށިއެވެ. އޭގެފަހުން 2022 ވަނަ އަހަރު ބޮޑެތި ބަދަލުތަކަކާއެކު ރާއްޖޭގެ އެންމެ ފުރަތަމަ ހައިޕަރމާކެޓްގެ ގޮތުގައި އެސްޓީއޯ ޕީޕަލްސް ޗޮއިސް ހުޅުވައި، ކާބޯތަކެތީގެ އިތުރުން ހޯމް އިމްޕްރޫވްމަންޓް ސާމާނުގެ ގިނަ ބްރޭންޑުތަކެއް ތަޢާރަފްކުރިއެވެ. މި ޚިދުމަތްތައް އިތުރަށް ފުޅާކުރުމުގެ ގޮތުން 2026 ވަނަ އަހަރުގެ ފެބްރުއަރީ މަހު ހުޅުމާލޭ ފޭސް 1 ގައި އައުޓްލެޓެއް ހުޅުވައި، މާލެ ސަރަޙައްދުގެ ބޮޑު އާބާދީއަކަށް ބޮޑު ލުޔެއް ހޯދައިދިނުމަށްފަހު، އެސްޓީއޯ ޕީޕަލްސް ޗޮއިސުން ފޯރުކޮށްދޭ ޚިދުމަތްތައް އައު އުސްމިންތަކަކަށް ގެންދިއުމުގެ ގޮތުން މިހާރު މިވަނީ އެ ފިހާރައިގެ ފުރަތަމަ ފަންގިފިލާ ރަސްމީކޮށް ހުޅުވާފައެވެ.

އެސްޓީއޯ ޕީޕަލްސް ޗޮއިސްގެ ފުރަތަމަ ފަންގިފިލާ ރަސްމީކޮށް ހުޅުވާފައިވަނީ 11 ޖޫން 2026 ވީ ބުރާސްފަތި ދުވަހު އެތަނުގައި ބޭއްވުނު ޚާއްޞަ ރަސްމިއްޔާތެއްގައެވެ. މި ހަފްލާ ޝަރަފްވެރިކޮށްދެއްވީ މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، ޓްރާންސްޕޯޓް އެންޑް ޓްރޭޑް މުޙައްމަދު ސަޢީދެވެ. މި ރަސްމިއްޔާތުގައި އެސްޓީއޯގެ ބޯޑު މެންބަރުންނާއި، އެކްސްކޯ މެންބަރުންގެ އިތުރުން އެސްޓީއޯ ޖެނެރަލް ޓްރޭޑިންގގެ ބްރޭންޑްތަކުގެ ސަޕްލަޔަރުންނާއި ކްލައިންޓުން ބައިވެރިވެވަޑައިގެންނެވިއެވެ.
އަލަށް ހުޅުވުނު މި ފަންގިފިލާ ޚާއްޞަކުރެވިފައިވަނީ ހޯމް އިމްޕްރޫވްމަންޓް ސާމާނުގެ އިތުރުން ގޭތެރެ ރީތިކުރުމަށް ބޭނުންވާ ތަފާތު ހޯމް ޑެކޯ އައިޓަމްތަކަށެވެ. މީގެ އިތުރުން "ޕްރޮކިޔޯ ޕްލަސް" އަދި "ޕީކަބޫ" ގެ އައުޓްލެޓަކާއި "ރެއިންބޯ ހޯމް އިމްޕްރޫވްމަންޓް" ގެ ޑިސްޕްލޭ ޒޯނެއްގެ އިތުރުން، ދިވެހިންގެ މެދުގައި މަޤްބޫލު "ކޮފީ ބީން އެންޑް ޓީ ލީވްސް" ގެ އައުޓްލެޓެއްވެސް ވަރަށް އަވަހަށް މި ފަންގިފިލާގައި ހުޅުވުމަށް ވަނީ ހަމަޖެހިފައެވެ. ހަމައެއާއެކު، އެސްޓީއޯއިން މިވަގުތު އެތެރެކޮށް ވިއްކާ މަޝްހޫރު ބްރޭންޑްތައް ކަމަށްވާ ފިލިޕްސް، ރަސެލް ހޮބްސް، އެލްޖީ ޓީވީ އަދި ޑައިސަންގެ ގިނަ އުފެއްދުންތަކެއް މި ފަންގިފިލާއިން ލިބެން ހުންނާނެއެވެ.
މި ފަންގިފިލާ ހުޅުވުމާ ދިމާކޮށް ޗައިނާގެ މަޝްހޫރު ބްރޭންޑެއް ކަމަށްވާ "ސުންމީ" ބްރޭންޑްގެ ޕްރޮޑަކްޓްތައްވެސް އެސްޓީއޯއިން ވަނީ އަލަށް ބާޒާރަށް ތަޢާރަފްކޮށްފައެވެ. އާއިލާއާއެކު ހިތްހަމަޖެހިގެން ވިޔަފާރިކޮށްލުމުގެ ފުރުޞަތު ފަހިކޮށްދިނުމުގެ ގޮތުން، ތުއްތު ކުދިންނަށް ޚާއްޞަ "ކިޑްސް ކޯނަރ" އެއްވެސް މި ފަންގިފިލާގައި ވަނީ ހިމަނާފައެވެ.
އެސްޓީއޯއިން ހާމަކުރި ގޮތުގައި މި ފަންގިފިލާ ހުޅުވުމާއެކު ކަސްޓަމަރުންނަށް ވަރަށް ހިތްގައިމު މާޙައުލެއްގައި ފަސޭހަކަމާއެކު ވިޔަފާރިކުރުމުގެ ފުރުޞަތު ލިބިގެންދާނެއެވެ. މި އައު ފަންގިފިލާ އާންމުންނަށް ވިޔަފާރިކުރުމަށް މިދިޔަ ހުކުރު ދުވަހު ވަނީ އާންމުކޮށް ހުޅުވާލާފައި އެވެ.
ގުޅުންހުރި

އެސްޓީއޯ ޕީޕަލްސް ޗޮއިސްގެ ފުރަތަމަ ފަންގިފިލާ ހުޅުވައި، ޚިދުމަތްތައް އައު އުސްމިންތަކަކަށް ގެންގޮސްފި

އެސްޓީއޯގެ ބިޔަ މަލްޓި-ސްޓޯރީ ވެއަރހައުސްގެ އަމަލީ މަސައްކަތް ފަށައިފި

އެސްޓީއޯއިން 'ވޯލްޑް ކަޕް ފޯރި' ޕްރޮމޯޝަން ފަށައިފި: ޓީވީތަކުން ބޮޑު ޑިސްކައުންޓެއް!




