
މާފަރު އެއާޕޯޓުގައި އެވިއޭޝަން މެޓް އޮފީސް ހުޅުވައި، ބައިނަލްއަޤްވާމީ ފެންވަރަށް ޚިދުމަތް ދޭން ފަށައިފި
# މާފަރު އެއާޕޯޓު-
ނ މާފަރު އިންޓަރނޭޝަނަލް އެއާޕޯޓުގައި އޭވިއޭޝަން މޫސުމީ ޚިދުމަތްތައް ފޯރުކޮށްދިނުމަށްޓަކައި، މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސް (މެޓް އޮފީސް) އާއި އައިލެންޑް އޭވިއޭޝަން ސަރވިސަސް ލިމިޓެޑް ގުޅިގެން ކުރި ބުރަ މަސައްކަތް ކާމިޔާބުކަމާއެކު ނިންމާލައި، މާފަރު މީޓިއޮރޮލޮޖިކަލް އޮފީހުގެ އެވިއޭޝަން މޫސުމީ އޮޕަރޭޝަންތައް ރަސްމީކޮށް މިއަދު ފަށައިފިއެވެ.

މި މަޝްރޫޢުގެ ދަށުން މާފަރު އެއާޕޯޓުގައި އަލަށް ޤާއިމުކުރި މެޓް އޮފީހަށް ބޭނުންވާ ޒަމާނީ މޫސުމީ އާލާތްތައް ހަރުކުރުމުގެ އަމަލީ މަސައްކަތްތައް ނިންމައި، މިހާރު ވަނީ އޮޕަރޭޝަނަށް ގެނެސްފައެވެ.
މި މަސައްކަތުގެ މައިގަނޑު މަޤްޞަދަކީ މަދަނީ ވައިގެ ދަތުރުފަތުރުގެ ބައިނަލްއަޤްވާމީ ގަވާއިދުތަކާއި މިންގަނޑުތަކާ އެއްގޮތްވާ ގޮތުގެ މަތިން، ވައިގެ ދަތުރުފަތުރުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ބޭނުންވާ ސައްޙަ މޫސުމީ މަޢުލޫމާތާއި ރިޕޯޓުތައް އެންމެ އިތުބާރާއެކު ވަގުތުން ވަގުތަށް ފޯރުކޮށްދިނުމެވެ.
މެޓް އޮފީހުން މަޢުލޫމާތު ދޭ ގޮތުގައި، މިއަދު މި ފެށުނު ޚިދުމަތަކީ އެއާޕޯޓުގެ އޮޕަރޭޝަންތަކަށް ބޭނުންވާ މޫސުމީ އޮބްޒަވޭޝަންތައް ހެދުމަށް އެޅުނު ވަރަށް މުހިންމު ފިޔަވަޅެކެވެ.
މީގެ އިތުރުން، މިހާރު ޤާއިމުކުރެވުނު ނިޒާމު ކުރިއަށް އޮތް ތަނުގައި "ސިސްޓަމެޓިކް އޮބްޒަވޭޝަން ފައިނޭންސިން ފެސިލިޓީ" (SOFF) މަޝްރޫއުގެ ދަށުން އިތުރަށް ތަރައްގީކޮށް ފުރިހަމަކުރުމަށް ވަނީ ހަމަޖެހިފައެވެ.
މި ތަރައްޤީއާއެކު، މާފަރު އެއާޕޯޓުގެ މޫސުމީ ނިޒާމު ދުނިޔޭގެ މޫސުމާ ބެހޭ ޖަމްއިއްޔާ (WMO) ގެ 'ގްލޯބަލް ބޭސިކް އޮބްޒަވޭޝަން' މިންގަނޑުތަކަށް ފެތި، ބައިނަލްއަޤްވާމީ ފެންވަރުގެ ޚިދުމަތެއް ދެވޭނެ މަގު ތަނަވަސްވެގެންދާނެއެވެ.
ގުޅުންހުރި

މާފަރު އެއާޕޯޓުގައި އެވިއޭޝަން މެޓް އޮފީސް ހުޅުވައި، ބައިނަލްއަޤްވާމީ ފެންވަރަށް ޚިދުމަތް ދޭން ފަށައިފި

މާފަރު އެއާޕޯޓަކީ ފުރިހަމަ ބައިނަލަގްވާމީ އެއާޕޯޓަކަށް ހެދުމަށްޓަކައި މަސައްކަތްކުރާނަން - ރައީސް

މާފަރު އެއާޕޯޓު ތަރައްޤީކުރުމުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް ނިންމައި ރަސްމީކޮށް އިފްތިތާހްކޮށްފި




