
މާފަރު އެއާޕޯޓަކީ ފުރިހަމަ ބައިނަލަގްވާމީ އެއާޕޯޓަކަށް ހެދުމަށްޓަކައި މަސައްކަތްކުރާނަން - ރައީސް
# މާފަރު އެއާޕޯޓު-
ހުޅުލެ ފިޔަވައި ރާއްޖޭގައި މިވަގުތު އޮތް އެންމެ ބޮޑު އެއް އެއާޕޯޓު ކަމަށްވާ ނ މާފަރު އެއާޕޯޓަކީ ފުރިހަމަ ވަށާޖެހޭ ބައިނަލަގްވާމީ އެއާޕޯޓަކަށް ހެދުމަށްޓަކައި މި ސަރުކާރުން މަސައްކަތްކުރާނެ ކަމަށް ރައީސް ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

މިހާރު ނ އަތޮޅަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން މިއަދު މާފަރަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާއި ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި ރައީސް ވިދާޅުވީ އެކަށީގެންވާ ފެންވަރުގެ ރަންވޭއަކާއިއެކު މާފަރު އެއާޕޯޓު ދާދިފަހުން އިތުރަށް ތަރައްޤީކުރި ނަމަވެސް އަދި ވެސް އެއެއާޕޯޓަށް ބޭނުންވާ އެހެނިހެން ގިނަ ކަންކަން ހުރި ކަމަށެވެ.
މިގޮތުން ރައީސް ވިދާޅުވީ މާފަރު އެއާޕޯޓަކީ ބައިނަލަގްވާމީ ފެންވަރުގެ ފުރިހަމަ އަދި ވަށާޖެހޭ އެއާޕޯޓަކަށް ހެދުމަށްޓަކައި އެކަށީގެންވާ ޓާމިނަލަކާއި އެއާޕޯޓު ހޮޓަލެއް ފަދަ ވަސީލަތްތައް ބޭނުންވާ ކަމަށެވެ. މިގޮތުން ނ އަތޮޅަކީ ފަތުރުވެރިކަން ވަރަށް ބޮޑަށް ފުޅާވެފައި އޮތް އަތޮޅަކަށް ވުމާއިއެކު އެއާޕޯޓު އޭގެ އެންމެ ފުރިހަމައަށް ތަރައްްޤީވުމަކީ މުހިންމު ކަމެއްކަމަށް ރައީސް ވިދާޅުވިއެވެ.
މިއާއިއެކު އެއާޕޯޓު އިތުރަށް ތަރައްޤީކުރުމަށް ސަރުކާރުން މިހާރުވެސް ޕްލޭންކުރަމުންދާ ކަން ފާހަގަކުރައްވައި ރައީސް ވަނީ އެއާޕޯޓުގެ މަސައްކަތަށް ފަންޑުކުރި އަބޫދާބީ ފަންޑް ފޮރ ޑިވެލޮޕްމަންޓާއި އެކު އެމަޝްވަރާތައްވެސް ކުރިޔަށްދާކަން ހާމަކުރައްވާފައި އެވެ.
ރައީސް ވިދާޅުވީ މި މަސައްކަތްތައް މާލަސްތަކެއް ނުވެ ފެށުމަކީ ސަރުކާރުގެ އަމާޒުކަމަށާއި އެކަމުގެ ޔަގީންކަން މާފަރު ރައްޔިތުންނަށް އަރުވާ ކަމަށެވެ.
މާފަރު އިންޓަރނޭޝަނަލް އެއާޕޯޓް ތަރައްޤީކުރުމުގެ މަޝްރޫޢުގެ 2 ވަނަ ފިޔަވަހީގގެ މަސައްކަތް ނިންމައި ރަސްމީކޮށް އިފްތިތާހްކުރީ މިމަހުގެ 8 ވަނަ ދުވަހު އެވެ. ނ. މާފަރު އިންޓަނޭޝަނަލް އެއާޕޯޓު ތަރައްޤީކުރުމުގެ މަޝްރޫޢަކީ 2 ފިޔަވައްސަކަށް ބަހާލައިގެން އަބޫދާބީ ފަންޑް ފޮރ ޑިވެލޮޕްމަންޓް (އޭ.ޑީ.އެފް.ޑީ) މެދުވެރިކޮށް، ޔުނައިޓެޑް އަރަބް އެމިރޭޓްސްގެ އެހީގެދަށުން ކުރިއަށް ގެންގޮސްފައިވާ މަޝްރޫޢެކެވެ.
އެގޮތުން ފުރަތަމަ ފިޔަވަހީގައި މާފަރު އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީ ކުރުމަށް 23 ޖެނުއަރީ 2018 ވަނަ ދުވަހު ދިވެހިރާއްޖެއާއި ޓަފް އޮފްޝޯ އެންޖިނިއަރިންގ ސަރވިސަސް ޕްރައިވެޓް ލިމިޓްޑް އާއި ދެމެދު އެއްބަސްވުމެއްގައި ސޮއިކުރެވުނެއެވެ. މި އެއްބަސްވުމުގެ ޖުމްލަ އަގަކީ 49 މިލިއަން އެމެރިކާ ޑޮލަރެވެ.
އެގޮތުން ފުރަތަމަ ފިޔަވަހީގައި ރަންވޭއަށް ބޭނުންވާ ބިން ހިއްކުން އަދި ގޮނޑުދޮށް ޙިމާޔަތްކުރުމުގެ މަސައްކަތް ކުރުމާއި 2200 މީޓަރު ދިގު ރަންވޭއެއް (ޓެކްސީވޭ، އެޕްރަން އަދި ފަޔަރޕެޑް/ ރޯޑް އާއެކު) ހެދުމާއި ފަސިންޖަރުންނަށް ޚިދުމަތް ދެވޭ ފެންވަރަށް ޕެސެންޖަރ ޓަރމިނަލް ޢިމާރާތެއް ތަރައްޤީކޮށް ފަޔަރ އެންޑް ރެސްކިއު ސްޓޭޝަން އަދި ކޮންޓްރޯލް ޓަވަރެއްވެސް ވަނީ ތަރައްްޤީކޮށްފައި އެވެ.
އަދި މެއިންޓެނަންސް ހޭންގާރ އަކާއިޕެސެންޖަރ ޖެޓީ އަދި ވީވީއައިޕީ ޕެސެންޖަރ ޖެޓީއެއް ހެދުމުގެ އިތުރުން ނެވިގޭޝަނަލް އިކުއިޕްމަންޓް ސަޕްލައިކޮށް އިންސްޓޯލްކުރުމާއި ގްރައުންޑް ހެންޑްލިންގ އިކުއިޕްމަންޓް ސަޕްލައިކޮށް އިންސްޓޯލްކުރުމާއި މެޓް އިކުއިޕްމަންޓް ސަޕްލައިކޮށް އިންސްޓޯލްކުރުމުގެ މަސައްކަތާއި ސެކިއުރިޓީ ފެންސްގެ މަސައްކަތް ފުރަތަމަ ފިޔަވަހީގައި ވަނީ ކޮށްފައި އެވެ.
މާފަރު އިންޓަނޭޝަނަލް އެއާޕޯޓް އިތުރަށް ތަރައްޤީކުރުމަށް 27 ޑިސެމްބަރ 2022 ގައި އޭ.ޑީ.އެފް.ޑީ އާއި ދިވެހި ސަރުކާރާއި ދެމެދު ވެވުނު އެއްބަސްވުމުގެ ދަށުން ދެވަނަ ފިޔަވަހީގެ މަސައްކަތް ސަރުކާރުން ހަވާލުކުރީ މޯލްޑިވްސް ޓްރާންސްޕޯރޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމް.ޓީ.ސީ.ސީ)އާއިއެވެ. އެމް.ޓީ.ސީ.ސީއާއިއެކު 8 ޑިސެމްބަރު 2024 ގައި ވެވުނު އެއްބަސްވުމުގެ ޖުމްލަ އަގަކީ 27 މިލިއަން އެމެރިކާ ޑޮލަރެވެ.
މިގޮތުން ދެވަނަ ފިޔަވަހީގައި ކޯޑް އީ އެއާކްރާފްޓް ޖެއްސުމަށް، ފުރަތަމަ ފިޔަވަހީގެ ދަށުން ހެދިފައިވާ 2200 މީޓަރު ދިގުމިނުގެ ރަންވޭއަށް އިތުރު 650 މީޓާރު އިތުރުކޮށް، ރަންވޭއަކަށް ވަނީ ފުޅާކޮށްފައި އެވެ. އެގޮތުން ރަންވޭގެ މަސައްކަތް ނިންމައި ޓެސްޓު ކުރުމަށް މިއަހަރުގެ ތެރޭގައި އެއާޕޯޓަށް ވަނީ އެމިރޭޓްސްގެ ވައިޑް-ބޮޑީ މަތިންދާބޯޓެއް ކަމަށްވާ ބޮއިންގ 777 މަރުކާގެ ބޯޓެއް ޖައްސާފައި އެވެ.
ދެވަނަ ފިޔަވަހީގައި އިތުރަށް ކުރި މަސައްކަތްތަކުގެ ތެރޭގައި ރަންވޭ ދިގުކުރުމަށް އަދި ފުޅާކުރުމަށް ބޭނުންވާ ބިންހިއްކުން އަދި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތާއި ރަންވޭ އެއާފީލްޑް އަދި އެއާފީލްޑް ލައިޓް އަޕްގްރޭޑް ކުރުން ހިމެނެއެވެ.
މި ފިޔަވަހީގެ މަސައްކަތްތައް އެމްޓީސީސީން ނިންމާލާފައިވަނީ 6ޑިސެމްބަރު 2024 ގައެވެ.
ގުޅުންހުރި

މާފަރު އެއާޕޯޓުގައި އެވިއޭޝަން މެޓް އޮފީސް ހުޅުވައި، ބައިނަލްއަޤްވާމީ ފެންވަރަށް ޚިދުމަތް ދޭން ފަށައިފި

މާފަރު އެއާޕޯޓަކީ ފުރިހަމަ ބައިނަލަގްވާމީ އެއާޕޯޓަކަށް ހެދުމަށްޓަކައި މަސައްކަތްކުރާނަން - ރައީސް

މާފަރު އެއާޕޯޓު ތަރައްޤީކުރުމުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް ނިންމައި ރަސްމީކޮށް އިފްތިތާހްކޮށްފި




