
ދިވެހި ވަޠަނީ ޚިދުމަތުގެ ފުރަތަމަ ބެޗުން ސިފައިންގެއާ ގުޅުނު ޒުވާނުންނަށް ރައީސް މުޢިއްޒުގެ ސާބަހާއި މަރުޙަބާ!
# ރައީސް މުއިއްޒު-
އަމިއްލަ ނަފްސަށް އިތުބާރުކުރާ، ޢަޤީދާ ވަރުގަދަ، ރޫޙާނީ އަދި ޖިސްމާނީ ގޮތުން ދުޅަހެޔޮ، އަދި ދިވެހި ޤައުމިއްޔަތަށް ލޯބިކުރާ ޒިންމާދާރު ޒުވާން ޖީލެއް ބިނާކުރުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އިސްނެންގެވުމުގެ މަތިން ސަރުކާރުން ފަށާފައިވާ "ދިވެހި ވަޠަނީ ޚިދުމަތް" ޕްރޮގްރާމުގެ ފުރަތަމަ ބެޗުން ސިފައިންގެ ޚިދުމަތާ ގުޅުނު ޒުވާނުންނަށް ރައީސުލްޖުމްހޫރިއްޔާ ޚާއްޞަ ހިތްވަރެއް ދެއްވައި ސާބަސް ރައްދުކުރައްވައިފިއެވެ.

ރައީސް މުޢިއްޒު އެކްސްގަައި ކުރެއްވި ޕޯސްޓެއްގައި ވަނީ، މި ޕްރޮގްރާމަކީ ޤައުމީ ސިފަވަންތަކަމާއި ވަޠަނިއްޔަތުގެ ރޫޙުގައި ޒުވާނުން ބިނާކުރުމަށް ސަރުކާރުން ކުރިއަށްގެންދާ އެންމެ މުހިންމު އެއް ތަމްރީނު ޕްރޮގްރާމްކަން ތަކުރާރުކޮށްދެއްވާފައެވެ.
މި ބޮޑު ޕްރޮގްރާމުގެ ފުރަތަމަ ބެޗުން ޖުމްލަ 344 ދަރިވަރަކު ވަނީ ކާމިޔާބުކަމާއެކު ދަސްވެނިވެފައެވެ. އެއަށްފަހު އެކިއެކި ދާއިރާތަކުން ވަޒީފާ ހޯދުމަށް ހުޅުވާލި ފުރުޞަތުގައި ސިފައިންގެ ޚިދުމަތާ ގުޅުމަށް ކުރިމަތިލީ ޒުވާނުންނަށް އަމާޒުކޮށްގެން ހިންގުނު ސިފައިންގެ އަސާސީ ތަމްރީނު ކޯހުގެ 72 ވަނަ ބުރުން 130 އަށްވުރެ ގިނަ ކުދިން ވަނީ ތަމްރީނު ފުރިހަމަކޮށްފައެވެ.
އެގޮތުން މި ކޯސް ނިންމައި ޖުމްލަ 137 ދަރިވަރަކު މިހާރު ވަނީ ޤައުމީ ދިފާޢީ ބާރުގެ ސަފުތަކާ ރަސްމީކޮށް ގުޅިފައެވެ. ރައީސް ފާހަގަކުރެއްވި ގޮތުގައި މިއީ ރާއްޖޭގެ 20 އަތޮޅެއްގެ 70 ތަފާތު ރަށަކަށް ނިސްބަތްވާ ޒުވާނުންނެވެ.
ކޯހުގެ އެކިއެކި މާއްދާތަކުންނާއި ހަރަކާތްތަކުން އެންމެ މަތީ ވަނަތަށް ޙާޞިލް ކުރި އެންމެހާ ބައިވެރިންނަށް ރައީސް މުޢިއްޒު ވަނީ ހޫނު މަރުޙަބާއެއް ދަންނަވާފައެވެ. އަދި ޤައުމީ މަތިވެރި ޚިދުމަތަށް ނުކުތް އެންމެހާ ޒުވާނުންގެ ހިތްވަރަށް ތަޢުރީފު ކުރައްވައި އެކުދިންނަށް ސާބަސް ރައްދުކޮށްދެއްވިއެވެ. ސަރުކާރުގެ މި ބޮޑު އިނީޝިއޭޓިވްގެ ސަބަބުން، ސިފައިންގެ ސަފުތަކަށް އިތުރުވި ޒުވާނުންނާއެކު ރާއްޖޭގެ ދިފާޢީ ބާރު އިތުރަށް ވަރުގަދަވެގެންދާނެ ކަމަށް ބެލެވެއެވެ.
ދިވެހި ވަޠަނީ ޚިދުމަތުގެ ފުރަތަމަ ބެޗުން ތަމްރީނު ފުރިހަމަކުރި ގިނަ އަދަދެއްގެ ޒުވާނުން ސިފައިންގެ ޚިދުމަތާ ގުޅިފައިވާއިރު، މި ޕްރޮގްރާމުގެ އައު ބެޗުތަކުގެ ތަމްރީނުތައްވެސް މެދުކެނޑުމެއްނެތި ދަނީ ކުރިއަށެވެ. އެގޮތުން މިހާރު މި ޕްރޮގްރާމުގެ ތަމްރީން ހާސިލް ކުރަމުން ދަނީ ތިން ވަނަ ބެޗުގެ ދަރިވަރުންނެވެ. މި ތިންވަނަ ބެޗުގައި ތަމްރީނު ހާސިލް ކުރުމަށްޓަކައި ޖުމްލަ 352 ދަރިވަރުން މިހާރު ވަނީ ފުރާފައެވެ.
ގުޅުންހުރި

ޕޭޕަލް ރާއްޖެއަށް: ޑިޖިޓަލް އިޤްތިޞާދުން ދިވެހި އުފެއްދުންތެރިން ދުނިޔެއަށް ނުކުތުމަށް ރައީސް ގޮވާލައްވައިފި

ރާއްޖެއަށް ޕޭޕަލްގެ ހިދުމަތް ތައާރަފްކޮށްފި

މީދޫއިން ޕީއެންސީއަށް ލިބުނު ބޮޑު ކާމިޔާބީ ފާހަގަކުރުމަށް ރައީސްގެ ދެކަނބަލުން އެ ރަށަށް ވަޑައިގަތުމުން ހޫނު މަރުޙަބާއެއް!




