logoEN
WAMCO TOP 1
ޕޭޕަލް ރާއްޖެއަށް: ޑިޖިޓަލް އިޤްތިޞާދުން ދިވެހި އުފެއްދުންތެރިން ދުނިޔެއަށް ނުކުތުމަށް ރައީސް  ގޮވާލައްވައިފި

ޕޭޕަލް ރާއްޖެއަށް: ޑިޖިޓަލް އިޤްތިޞާދުން ދިވެހި އުފެއްދުންތެރިން ދުނިޔެއަށް ނުކުތުމަށް ރައީސް ގޮވާލައްވައިފި

އަހުމަދު ޝުރާއު

logo

6/15/2026, 7:58:03 AM

# ރައީސް މުއިއްޒު

-

ދިވެހި އުފެއްދުންތެރިންނަށް ބައިނަލްއަޤްވާމީ މައިދާނުގައި ފައިތިލަ ސާބިތުކުރުމުގެ ބޮޑު ފުރުޞަތު މިއަދު ހުޅުވާލެވިއްޖެ ކަމަށާއި، ލިބުނު މި ރީތި ފުރުޞަތުގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދިވެހި ހުރިހާ އުފެއްދުންތެރިންނަށް ގޮވާލައްވައިފިއެވެ.

THE TRAVELLER AD

ރައީސުލްޖުމްހޫރިއްޔާ މިކަމަށް ގޮވާލެއްވީ، ގިނަ ދުވަސްތަކެއްގެ އިންތިޒާރަކަށްފަހު ރާއްޖެއަށް ޕޭޕަލް ގެ ޚިދުމަތް ރަސްމީކޮށް ފެށުމަށްޓަކައި ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. އެމަނިކުފާނު ވިދާޅުވީ މިއީ ރައްޔިތުންނަށް ވެވަޑައިގެންނެވި އެންމެ މުހިންމު އެއް ވަޢުދު ފުރިހަމަކަމާއެކު ފުދިގެންދިޔަ ތާރީޚީ މުނާސަބަތެއް ކަމަށެވެ.

ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، ރާއްޖޭގެ ކްރިއޭޓަރުންނާއި އަމިއްލަ އުފެއްދުންތެރިންނަށް ޒަމާނުއްސުރެ ކުރިމަތިވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ އެފަރާތްތަކުގެ ހުނަރުތައް ބައިނަލްއަޤްވާމީ މާކެޓާ ހިއްސާކޮށްގެން އޭގެއިން މާލީ މަންފާ ހޯދޭނެ ފަސޭހަ ގޭޓްވޭއެއް ނެތުން ކަމަށެވެ. ރާއްޖެއަކީ ކުޑަ ޤައުމަކަށްވާތީ އެފަދަ ބައިނަލްއަޤްވާމީ ޚިދުމަތްތައް ފަހިކޮށްނުދެވޭނެ ކަމަށް ޒަމާންތަކެއްވަންދެން ބުނަމުންއައި ނަމަވެސް، އެ ވާހަކަތައް ޤަބޫލުކުރައްވަން ބޭނުންފުޅުނުވި ކަމަށާއި، ރާއްޖެއަށް ޕޭޕަލް ފަދަ ޚިދުމަތްތައް ގެނައުމުގެ ބުރަ މަސައްކަތް ސަރުކާރުން ފެށީ ދިވެހި ޒުވާނުންނަށް މަގުތައް ކޮށައިދިނުމުގެ މުހިންމު މަޤުޞަދުގައި ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ޕޭޕަލްގެ ޚިދުމަތަކީ ރާއްޖޭގައި ސްޓްރެޓެޖިކް އިންފްރާސްޓްރަކްޗާއެއް ތަރައްޤީ ކުރުމަށް ގެންގުޅުއްވާ ބޮޑު ބްލޫޕްރިންޓެއްގެ މުހިންމު ހިއްސާއެއްކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، ސަރުކާރުގެ ހުރިހާ މިސްރާބެއްވެސް ހުރީ 2040 ވަނަ އަހަރާ ހަމައަށް ރާއްޖެއަކީ ފުރިހަމައަށް ތަރައްޤީވެފައިވާ ޤައުމަކަށް ހެދުމަށް ގެންގުޅޭ ދުރު ތަސައްވުރާ އެއްގޮތަށް ކަމަށެވެ. އަދި ޤައުމުގެ އިޤްތިޞާދު އެކި ދާއިރާތަކަށް ސިންދަފާތު ނުކޮށް އެ ލަނޑުދަނޑި ޙާސިލުނުކުރެވޭނެ ކަމަށްވެސް ވިދާޅުވިއެވެ. އެގޮތުން 2030 ވަނަ އަހަރާ ހަމައަށް ޑިޖިޓަލް އިކޮނޮމީން ރާއްޖޭގެ ޖީޑީޕީއަށް ހިއްސާކުރާ އަދަދު މަދުވެގެން 15 އިންސައްތައަށް އިތުރުކުރުމަށް އަމާޒު ހިފާފައިވާއިރު، ގޫގަލްއާ ގުޅިގެން "ދިވަރު އިންޓަނޭޝަނަލް ސަބްމެރިން ކޭބަލް" ރާއްޖެއަށް ގެނައުމުގެ މަސައްކަތް ކުރިއަށްދަނީ އެ ސްޓްރެޓެޖީގެ ދަށުން ކަމަށާއި، ރާއްޖެ މިހާރު އޮތީ އެންމެ އެޑްވާންސް ޑިޖިޓަލް އިންފްރާސްޓްރަކްޗާއަށް ފުރިހަމައަށް ތައްޔާރަށް ކަމަށް ރައީސް ވިދާޅުވިއެވެ.

ޕޭޕަލްއާއެކު ބައިނަލްއަޤްވާމީ މާކެޓަށް ވަނުމަށް ލިބުނު ފަސޭހަތަކާއެކު އޭގެ އެންމެ ބޮޑު ފައިދާ ނެގުމަށް އިލްތިމާސްކުރައްވަމުން ރައީސް ވިދާޅުވީ، ޒަމާނުއްސުރެ ކާބަފައިން ރާއްޖެއާއި ބައިނަލްއަޤްވާމީ ދުނިޔެ ގުޅުވައިދިނީ ކަނޑުމަގުން ކަމަށްވީ ނަމަވެސް، އެމަނިކުފާނުގެ ސަރުކާރުން މިއަދު ރާއްޖެ ބައިނަލްއަޤްވާމީ ދުނިޔެއާ ގުޅުވާލަދިނީ ޒަމާނީ ޑިޖިޓަލް އިޤްތިޞާދުގެ ތެންފީޒުގެ ތެރެއިން ކަމަށެވެ. ޑިޖިޓަލް ވަސީލަތްތަކާއެކު އުފެއްދުންތެރިންނަށް ބޭނުންވާ ފިޒިކަލް ސްޕޭސްތައްވެސް ސަރުކާރުން ތަރައްޤީކުރައްވަމުންދާކަން ހާމަކުރައްވަމުން، އެންމެފަހުގެ ވަސީލަތްތައް ހިމެނޭ ސްޓޫޑިއޯތަކާއި ކޯ-ވޯކިންގ ސްޕޭސްތަކާއެކު ހަދާ "ކްރިއޭޓަރ ހަބް" ގެ މަސައްކަތް ވަރަށް ހަލުވިކަމާއެކު ކުރިއަށްދާ ކަމަށާއި، މިއަހަރުގެ ނޮވެމްބަރު 11 ގައި އެތަން ރަސްމީކޮށް ހުޅުވޭނެ ކަމަށް ރައީސް އިޢުލާނުކުރެއްވިއެވެ. މީގެ އިތުރުން ސަރަޙައްދީ ފެސިލިޓީތައްވެސް ރާއްޖޭގެ އެކި ހިސާބުތަކުގައި ތަރައްޤީ ކުރަމުން އަންނާތީ، ކޮންމެ ރައްޔިތަކުވެސް މި ފުރުޞަތުތަކުގެ ފައިދާ ފުރިހަމައަށް ބަލައިގަނެ، ތަފާތު މޮޅު އުފެއްދުންތައް މުޅި ދުނިޔެއާ ހިއްސާކުރުމަށް އެމަނިކުފާނު އެދިވަޑައިގެންނެވިއެވެ.

ކޮމެންޓް
ފަހުގެ
HDC