
މީދޫއިން ޕީއެންސީއަށް ލިބުނު ބޮޑު ކާމިޔާބީ ފާހަގަކުރުމަށް ރައީސްގެ ދެކަނބަލުން އެ ރަށަށް ވަޑައިގަތުމުން ހޫނު މަރުޙަބާއެއް!
# ރައީސް މުއިއްޒު-
ދ. މީދޫ ކައުންސިލްގެ ރައީސް ހޮވުމަށް ބޭއްވުނު އިންތިޚާބުގެ އިތުރު ބުރުގައި ވެރިކަންކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އަށް ލިބުނު ބޮޑު ކާމިޔާބީ ފާހަގަކުރުމަށްޓަކައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު މިއަދު ހަވީރު އެ ރަށަށް ވަޑައިގަތުމުން ރަށުގެ ރައްޔިތުންގެ ފަރާތުން ނުހަނު ހޫނު މަރުޙަބާއެއް ދަންނަވައިފިއެވެ.

މީދޫގެ ކާމިޔާބީ ފާހަގަކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަޑައިގެންނެވި ވަގުތު، އެ ދެކަނބަލުންނަށް މަރުޙަބާ ދެންނެވުމަށްޓަކައި ރަށުގެ ގިނަ އަދަދެއްގެ ރައްޔިތުން ވަނީ ބަނދަރު ސަރަޙައްދަށް ނުކުމެފައެވެ.
ފޯރިއާއެކު ކުރިއަށްދިޔަ މީދޫ ކައުންސިލްގެ ރައީސް ހޮވުމުގެ އިންތިޚާބުގައި ވާދަކުރެއްވީ ޕީއެންސީގެ ކެންޑިޑޭޓް ސުހާ އިބްރާހީމްއާއި މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ) ގެ ކެންޑިޑޭޓް މުޙައްމަދު ޝާހިދުއެވެ. މި އިންތިޚާބު ޕީއެންސީގެ ކެންޑިޑޭޓް ސުހާ ކާމިޔާބުކުރެއްވީ ޖުމްލަ 529 ވޯޓު ހޯއްދަވައިގެންނެވެ. އޭނާއާ ވާދަކުރެއްވި ޝާހިދަށް ލިބިވަޑައިގަތީ 449 ވޯޓެވެ.
މި ބޮޑު ނަތީޖާއާއެކު، މީދޫ ކައުންސިލްގެ ބާކީ ހުރި ގޮނޑިތަކާއެކު ޖުމްލަ ތިން ގޮނޑިވެސް މިހާރު ވަނީ ޕީއެންސީއަށް ކާމިޔާބުވެފައެވެ.
ކައުންސިލްގެ ރައީސްކަމުގެ މަޤާމަށް ސުހާ ހޮވިވަޑައިގަތުމާ ގުޅިގެން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ރޭގެ ވަގުތެއްގައި ސުހާއަށް މަރުޙަބާ ވިދާޅުވެ، އެމަނިކުފާނުގެ ރަސްމީ އެކްސް (X) އެކައުންޓުގައި ޚާއްޞަ ޕޯސްޓެއް ކުރައްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާ މިއަދު ދ. މީދޫއަށް ކުރެއްވި މި ދަތުރުފުޅުގައި ސަރުކާރުގެ ބައެއް ވަޒީރުންނާއި، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އިތުރުން ޕީއެންސީ ޕާޓީގެ ލީޑަރޝިޕްގެ އިސް ބޭފުޅުން ވެސް އަރިހުގައި ބައިވެރިވެވަޑައިގެންނެވިއެވެ. މި ދަތުރުފުޅުގެ ތެރެއިން، އިންތިޚާބުގެ ކާމިޔާބީ ރަސްމީކޮށް ފާހަގަކުރުމަށްޓަކައި މިރޭ ދ. މީދޫގައި ޚާއްޞަ އަދި ކުލަގަދަ ޙަފްލާއެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.
ގުޅުންހުރި

މީދޫއިން ޕީއެންސީއަށް ލިބުނު ބޮޑު ކާމިޔާބީ ފާހަގަކުރުމަށް ރައީސްގެ ދެކަނބަލުން އެ ރަށަށް ވަޑައިގަތުމުން ހޫނު މަރުޙަބާއެއް!

ތެލެސީމިއާ ސެންޓަރަށް ރައީސްގެ ދެކަނބަލުން ޒިޔާރާތްކުރައްވައިފި

އަމިއްލަ އިސްނެގުމުގައި ލޭ ހަދިޔާކުރުން ކޮންމެހެން ބޭނުންތެރި- ރައީސް




