.webp&w=3840&q=75)
-
ޗައިނާގެ ކުންމިންގ ގައި މި މަހުގެ 11 އިން 12 އަށް ބޭއްވުނު 7 ވަނަ ޗައިނާ-ސައުތު އޭޝިއާ ކޯޕަރޭޝަން ފޯރަމް އަދި 10 ވަނަ ޗައިނާ-ސައުތު އޭޝިއާ އެކްސްޕޯ ހުޅުވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށްޓަކައި މިނިސްޓަރ އޮފް ފޮރިން އެފެއާޒް އިރުތިޝާމް އާދަމް ޗައިނާއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ކާމިޔާބުކަމާއެކު ނިންމަވާލެއްވުމަށްފަހު، ކުންމިންގ އިން މިއަދު ރާއްޖެ ފުރާވަޑައިގެންފިއެވެ.

މި ދަތުރުފުޅަކީ ރާއްޖެއާއި ޗައިނާގެ ސަރަހައްދީ ގުޅުންތައް ބަދަހިކުރުމަށާއި، ދިވެހި ވިޔަފާރިވެރިންނަށް ބައިނަލްއަޤްވާމީ މައިދާނުގައި ފުރުޞަތުތައް ހޯދައިދިނުމަށް ކުރެވުނު މުހިންމު ދަތުރުފުޅެކެވެ.
މި ދަތުރުފުޅުގެ ތެރެއިން 7 ވަނަ ޗައިނާ-ސައުތު އޭޝިއާ ކޯޕަރޭޝަން ފޯރަމް ހުޅުވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެން މިނިސްޓަރ އިރުތިޝާމް ވަނީ ޚާއްޞަ ތަޤުރީރެއް ކުރައްވާފައެވެ. އެކަމަނާގެ ވާހަކަފުޅުގައި ބައިނަލްއަޤްވާމީ ސުލްޙަ އާއި ހަމަޖެހުން ޤާއިމްކުރުމުގައި ދޭދޭ ޤައުމުތަކުގެ މެދުގައި ބޭއްވޭ މަޝްވަރާ އާއި ޑިޕްލޮމަސީގެ މުހިއްމުކަން ވަރަށް ބޮޑަށް ފާހަގަކުރެއްވިއެވެ. އަދި ދުނިޔެއަށް ކުރިމަތިވެފައިވާ ބޮޑެތި ގޮންޖެހުންތަކުން އަރައިގަތުމަށްޓަކައި ބައިނަލްއަޤްވާމީ މުޖުތަމަޢުގެ އެންމެހާ ފަރާތްތަކުން ގުޅިގެން މަސައްކަތް ކުރަންޖެހޭ ކަމަށް ވިދާޅުވެ، ރާއްޖެއާއި ޗައިނާގެ ގުޅުން އިތުރަށް ބަދަހިކުރުމަށާއި ސަރަޙައްދީ ސުލްޙަ ކުރިއެރުވުމަށް ރާއްޖެއިން އަބަދުވެސް ފުރިހަމައަށް އެއްބާރުލުން ދޭނެ ކަމުގެ ޔަޤީންކަން ދެއްވިއެވެ.
ފޯރަމްގެ އިތުރުން، މިނިސްޓަރ އިރުތިޝާމް ވަނީ 10 ވަނަ ޗައިނާ–ސައުތު އޭޝިއާ އެކްސްޕޯ ހުޅުވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެން، އެ ބޮޑު އެގްޒިބިޝަންގެ އެކި ބައިތައް ޝައުޤުވެރިކަމާއެކު ބައްލަވާލައްވާފައެވެ. ވަކިން ޚާއްޞަކޮށް، މި އަހަރުގެ އެކްސްޕޯގައި އުފެއްދުންތައް ބައިވެރިކުރި ދިވެހި ވިޔަފާރިވެރިންގެ ސްޓޯލްތަކަށް ޒިޔާރަތްކުރައްވައި، ރާއްޖޭގެ އުފެއްދުންތައް ބައިނަލްއަޤްވާމީ ބާޒާރަށް ނެރުމަށް ކުރާ މަސައްކަތްތައް އޮޅުންފިލުއްވައި އެފަރާތްތަކަށް ހިތްވަރު ދެއްވިއެވެ. މީގެއިތުރުން، ޔުނާން ޕްރޮވިންސްގެ ގަވަރުނަރު ވާންގ ޔޫބޯއާ ބައްދަލުކުރައްވައި، ރާއްޖެއާއި ޔުނާން ޕްރޮވިންސްއާ ދެމެދު އޮތް ގާތް ގުޅުން ފާހަގަކުރައްވައި ކުރިއަށް އޮތް ތަނުގައި އިޤްތިޞާދީ ގޮތުން ގުޅުން ބަދަހިކުރެވޭނެ ދާއިރާތަކާ ބެހޭގޮތުން ދެބޭފުޅުން ފުޅާދާއިރާއެއްގައި މަޝްވަރާ ކުރެއްވިއެވެ.
މި ދަތުރުފުޅު ނިންމަވާލެއްވުމުގެ ކުރިން ފޮރިން މިނިސްޓަރ ވަނީ ޗައިނާގެ ޔުނާން ޔުނިވަރސިޓީއަށް ޚާއްޞަ ޒިޔާރަތެއް ކުރައްވާފައެވެ. އެ ޔުނިވަރސިޓީގައި މަތީ ތަޢުލީމު ޙާޞިލްކުރަމުންދާ ދިވެހި ދަރިވަރުންނާއި، އެތަނުގެ ފެކަލްޓީގައި މަސައްކަތް ކުރައްވާ ދިވެހި ޕްރޮފެސަރާ ބައްދަލުކުރައްވައި، ކިޔެވުމުގެ ކަންކަން ކުރިއަށްދާ ގޮތާއި ދިމާވާ ދަތިތަކާ ބެހޭގޮތުން ލަފާދެއްވައި އޮޅުންފިލުއްވިއެވެ. މިނިސްޓަރުގެ އަރިހުގައި މި ދަތުރުފުޅުގައި މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ އެޑިޝަނަލް ސެކްރެޓަރީ އަމީން ޖާވިދު ފައިޒަލް އާއި ޑިރެކްޓަރ މަރްޔަމް ބައްސާމާ ފާރޫޤް ބައިވެރިވެވަޑައިގެންނެވިއެވެ.
ގުޅުންހުރި
.webp&w=3840&q=75)
މިނިސްޓަރު އިރުތިޝާމް ޗައިނާއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލައްވައިފި
-1781172054177.webp&w=3840&q=75)
ޗައިނާގެ ބޮޑު ފޯރަމް ހުޅުވުމުގެ ރަސްމިއްޔާތުގައި މިނިސްޓަރު އިރުތިޝާމްގެ ގޮވާލެއްވީ ސަރަޙައްދީ ސުލްޙައަށް އެންމެން ގުޅެން!

ޗައިނާ ސަފީރު، ވަޒީރު ހީނާ ވަލީދުގެ އަރިހަށް އިޙުތިރާމްގެ ޒިޔާރަތެއް ކުރައްވައިފި




