-1781254173522.webp&w=3840&q=75)
ރާއްޖެއާއި ޗައިނާގެ ގުޅުން ބަދަހިކުރަން ފޮރިން މިނިސްޓަރ އިރުތިޝާމް، ޔުނާންގެ ގަވަރުނަރު ވާންގްއާ ބައްދަލުކުރައްވައިފި
# ރާއްޖެ - ޗައިނާ-
ދިވެހިރާއްޖޭގެ މިނިސްޓަރ އޮފް ފޮރިން އެފެއާޒް އިރުތިޝާމް އާދަމް، ޗައިނާގެ ޔުނާން ޕްރޮވިންސްގެ ގަވަރުނަރު ވާންގ ޔޫބޯއާ މިއަދު ބައްދަލުކުރައްވައި، ދެޤައުމުގެ ދެމެދުގައި އޮތް ބަދަހި ގުޅުންތަކާ ބެހޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރައްވައިފިއެވެ.

ޗައިނާގައި ބޭއްވުމަށް ހަމަޖެހިފައިވާ 7 ވަނަ ޗައިނާ-ސައުތު އޭޝިއާ ކޯޕަރޭޝަން ފޯރަމް އަދި 10 ވަނަ ޗައިނާ-ސައުތު އޭޝިއާ އެކްސްޕޯގައި ބައިވެރިވެވަޑައިގަތުމަށް އެ ކަމަނާއަށް ދެއްވި ރަސްމީ ދަޢުވަތަށް މި ބައްދަލުވުމުގައި މިނިސްޓަރ ވަނީ ޚާއްޞަ ޝުކުރެއް އަދާކުރައްވާފައެވެ.
މިއީ ފޮރިން މިނިސްޓަރު ކަމުގެ މަޤާމާ ހަވާލުވެވަޑައިގަތުމަށްފަހު މިނިސްޓަރ އިރުތިޝާމް ޗައިނާއަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅެވެ. މިކަން ފާހަގަކުރައްވަމުން އެކަމަނާ ވިދާޅުވީ، ރާއްޖެއާއި ޗައިނާއާ ދެމެދު އޮތް ޒަމާންވީ ސްޓްރެޓީޖިކް ގުޅުމަށް ދިވެހި ސަރުކާރުން އަބަދުވެސް ވަރަށް ބޮޑު އަހަންމިއްޔަތުކަމެއް ދެއްވާނެ ކަމަށެވެ. އަދި ދެޤައުމުގެ ދެމެދުގައި އޮތް މި ރަހުމަތްތެރިކަން އައު ހަރުފަތަކަށް ގެންދިއުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ޚާއްޞަ އިސްކަމެއް ދެއްވާކަންވެސް ގަވަރުނަރާ ހިއްސާކުރެއްވިއެވެ.
ބައްދަލުވުމުގައި ވަކިން ޚާއްޞަކޮށް ދިވެހިރާއްޖެއާއި ޗައިނާގެ ޔުނާން ޕްރޮވިންސްއާ ދެމެދު އޮތް ގާތް ސަރަހައްދީ ގުޅުމުގެ މައްޗަށް އަލިއަޅުއްވާލެއްވިއެވެ. ރާއްޖޭގެ އިޖުތިމާޢީ އަދި އިޤުތިޞާދީ ތަރައްޤީއަށް، ޚާއްޞަކޮށް އިންފްރާސްޓްރަކްޗާ އަދި ވިޔަފާރީގެ ދާއިރާއިން ޔުނާން ޕްރޮވިންސުން ވެދެމުންދާ މެދުކެނޑުމެއްނެތް އެހީތެރިކަމަށްޓަކައި ގަވަރުނަރު ވާންގްއަށް މިނިސްޓަރ ޝުކުރު އަދާކުރެއްވިއެވެ. އަދި ކުރިއަށް އޮތް ތަނުގައިވެސް ފަތުރުވެރިކަމާއި، ވިޔަފާރީގެ ދާއިރާއިން ޔުނާން ޕްރޮވިންސްއާއެކު އޮންނަ ގުޅުންތައް އިތުރަށް ފުޅާވެގެންދާނެ ކަމަށް އުއްމީދު ކުރައްވާ ކަމުގައި އެކަމަނާ ވިދާޅުވިއެވެ.
މި މުހިންމު ބައްދަލުކުރެއްވުމުގައި މިނިސްޓަރުގެ އަރިހުގައި ޗައިނާއަށް ކަނޑައަޅުއްވާފައި ހުންނަވާ ދިވެހިރާއްޖޭގެ ސަފީރު ޑރ. ފަޒީލް ނަޖީބާއި، މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ އެޑިޝަނަލް ސެކްރެޓަރީ އަމީން ޖާވިދު ފައިޒަލް ބައިވެރިވެވަޑައިގަތެވެ. މީގެ އިތުރުން ފޮރިން މިނިސްޓްރީގެ ޑިރެކްޓަރ މަރްޔަމް ބައްސާމާ ފާރޫޤް އަދި ޗައިނާގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީގެ ސެކަންޑް ސެކްރެޓަރީ މިޒްނާ ވަހީދުވެސް މި ބައްދަލުވުމުގެ ސަފުތަކުގައި ބައިވެރިވެވަޑައިގެންފައިވެއެވެ.
ގުޅުންހުރި

މާލެ "ސްމާޓް ސިޓީ" އަކަށް ހަދަން ބޭނުންވާ ތަމްރީނަށް، ސިޓީ ކައުންސިލްގެ ދެ ކައުންސިލަރުން ޗައިނާއަށް!
-1781254173522.webp&w=3840&q=75)
ރާއްޖެއާއި ޗައިނާގެ ގުޅުން ބަދަހިކުރަން ފޮރިން މިނިސްޓަރ އިރުތިޝާމް، ޔުނާންގެ ގަވަރުނަރު ވާންގްއާ ބައްދަލުކުރައްވައިފި

ރާއްޖޭގެ މެރިކަލްޗަރ ދާއިރާ ތަރައްގީ ކުރުމަށް ޗައިނާގެ ހޮންގްޑޮންގް ފިޝަރީ ކޯޕަރޭޝަނާއިއެކު ފަހުމުނާމާއެއް!




