
ގުރައިދޫ ސްކޫލުގެ ދަރިވަރުންނާއި މުވައްޒަފުންނަށް އެމްއެންޑީއެފްއިން ޚާއްޞަ ލީޑަރޝިޕް ސެޝަންތަކެއް ކުރިއަށްގެންގޮސްފި
# އެމްއެންޑީއެފް-
ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރުގެ (އެމްއެންޑީއެފް) ސެންޓްރަލް އޭރިއާ ކޮމާންޑުން، ތ. ގުރައިދޫ ސްކޫލުގެ ދަރިވަރުންނާއި، ޓީޗަރުންގެ އިތުރުން އެ ސްކޫލުގެ މުވައްޒަފުންނަށް އަމާޒުކޮށްގެން "ލީޑަރޝިޕް އެންޑް ފޮލޯވަރޝިޕް" (ލީޑަރުންނާއި ފަހަތުންތިބޭ މީހުންގެ ހުނަރު) ތަރައްޤީކުރުމުގެ ޚާއްޞަ ސެޝަންތަކެއް ކާމިޔާބުކަމާއެކު ކުރިއަށްގެންގޮސްފިއެވެ.

އިއްޔެއާއި މިއަދުގެ ނިޔަލަށް ކުރިއަށްދިޔަ މި ސެޝަންތަކަކީ ސްކޫލް މާޙައުލުގައާއި މުޖުތަމައުގައި ޒުވާނުންނާއި މުވައްޒަފުންގެ ހުނަރުތައް އިތުރުކުރުމަށް ހިންގުނު މުހިންމު ޙަރަކާތެކެވެ.
މި ސެޝަންތައް ބާއްވާފައިވަނީ މަޢުލޫމާތާއި ހުނަރުތައް އެންމެ ފުރިހަމައަށް ފޯރުކޮށްދިނުމުގެ ގޮތުން ދަރިވަރުންނަށާއި، ޓީޗަރުންނަށް އަދި އިދާރީ މުވައްޒަފުންނަށް ވަކިވަކިން ގްރޫޕްތަކަކަށް ބަހާލައިގެންނެވެ. މި ސެޝަންތަކުގައި މައިގަނޑު ގޮތެއްގައި ކިޔަވައިދީފައިވަނީ ލީޑަރޝިޕްގެ އަސާސްތަކާއި، މުޢާމަލާތުކުރުމުގެ ހުނަރުތަކާއި، އެކަކު އަނެކަކަށް އިތުބާރު އުފެއްދުމާއި، ކަންކަމުގައި އިސްނެގުމުގެ ސިފައެވެ. މީގެ އިތުރުން ކެރިގެން ކަންކަމާ ކުރިމަތިލާނެ ގޮތްތަކާއި، ލަނޑުދަނޑިތައް ހާސިލުކުރާނެ އުޞޫލުތަކުގެ އިތުރުން، އާދައިގެ އަދި ކުއްލި ޙާލަތްތަކުގައި ރަނގަޅު ގޮތް ނިންމުމުގެ ހުނަރުތައްވެސް ދަސްކޮށްދީފައިވެއެވެ.
ގުރައިދޫ ސްކޫލުގައި ކުރިއަށްގެންދިޔަ މި ހަރަކާތްތަކަށް އެ ސްކޫލުގެ ފަރާތުން ބޮޑު ތަރުހީބެއް ލިބިފައިވާއިރު، މި ސެޝަންތަކުގައި އެ ސްކޫލުގެ 50 ދަރިވަރުންނާއި، 43 ޓީޗަރުން އަދި 5 އިދާރީ މުވައްޒަފުން ވަނީ ފުރިހަމައަށް ބައިވެރިވެ، އަމަލީ ހަރަކާތްތަކުގައި ބައިވެރިވެފައެވެ. ސިފައިންގެ ތަމްރީނާއި ތަޖުރިބާގެ ބޭނުން ހިފައިގެން ކުރިއަށްގެންދިޔަ މި ސެޝަންތަކުގައި މަޢުލޫމާތު ދެއްވައި، ކަންކަން ދަސްކޮށްދެއްވީ ސެންޓްރަލް އޭރިއާ ކޮމާންޑުގެ ޤާބިލު މުދައްރިބުންނެވެ.
އެމްއެންޑީއެފްއިން އަތޮޅުތެރޭގެ ސްކޫލްތަކަށް އަމާޒުކޮށްގެން ހިންގާ މިފަދަ ޕްރޮގްރާމްތަކުގެ ސަބަބުން، ދަރިވަރުންގެ ކިބައިގައި ޤައުމީ ރޫޙާއި، އަޚްލާޤީ ރަނގަޅު ސިފަތަކާއި، އަދި ޒިންމާދާރުކަމާއެކު މުޖުތަމައަށް ޚިދުމަތްކުރުމުގެ ޝައުޤުވެރިކަން އިތުރުވެގެންދާނެ ކަމަށް ސްކޫލުގެ މެނޭޖްމަންޓުން ދެކެއެވެ. އަދި މިއީ ޓީޗަރުންނާއި މުވައްޒަފުންގެ މެދުގައި ޓީމެއްގެ ގޮތުގައި މަސައްކަތްކުރުމުގެ ރޫޙު އާލާކުރުމަށްވެސް ލިބުނު ވަރަށް ބޮޑު ބާރެކެވެ.
ގުޅުންހުރި

ގުރައިދޫ ސްކޫލުގެ ދަރިވަރުންނާއި މުވައްޒަފުންނަށް އެމްއެންޑީއެފްއިން ޚާއްޞަ ލީޑަރޝިޕް ސެޝަންތަކެއް ކުރިއަށްގެންގޮސްފި
ވަތަނީ ހިދުމަތުގެ ފަންނީ ތަމްރީނަށް 77 ޒުވާނުން ކިހާދޫއަށް ފުރައިފި

މަލްޓިލޭޓަރަލް އެކްސަސައިޒް "ޕްރަގަތީ 2026"ގައި އެމްއެންޑީއެފުން ބައިވެރިވެއްޖެ
%20(1).webp&w=3840&q=75)



