
ސަބް އިންސްޕެކްޓަރ އޮފް ޕޮލިސް އަޙްމަދު ޢާސިފްގެ ޖަނާޒާ ބޭއްވީ ރަސްމީ އިއްޒަތުގައި!
# ދިވެހި ފުލުހުންގެ ޙިދުމަތް-
ރަސްމީ ވާޖިބު އަދާކުރައްވަމުން ގެންދަވަނިކޮށް ނިޔާވި ސަބް އިންސްޕެކްޓަރ އޮފް ޕޮލިސް އަޙްމަދު ޢާސިފް (ސަރވިސް ނަންބަރު: 4702) ގެ ޖަނާޒާ ދިވެހި ފުލުހުންގެ ޚިދުމަތުގެ ފުރިހަމަ ރަސްމީ އިއްޒަތުގައި ރޭ ބާއްވައިފިއެވެ.

ގައުމީ ހިދުމަތުގައި ދެމިހުއްޓާ ވަކިވެދިޔަ މި ހިތްވަރުގަދަ އޮފިސަރުގެ ވަކިވުމާ ގުޅިގެން، ދިވެހި ފުލުހުންގެ މުއައްސަސާއިން ވަނީ މިއީ އެ ބާރަށް ލިބުނު ފުން ހިތާމައަކާއި ބޮޑު ގެއްލުމެއްގެ ގޮތުގައި ސިފަކޮށްފައެވެ.
މަރްޙޫމް އަޙްމަދު ޢާސިފްގެ ހަށިގަނޑު މޫނު ދެއްކުމަށްޓަކައި އިއްޔެ އިސްލާމީ މަރުކަޒުގައި ބާއްވާފައިވާއިރު، ފުލުހުންގެ މުއައްސަސާގެ ގިނަ އަދަދެއްގެ ބޭފުޅުންނާއި އާންމު ރައްޔިތުން ވަނީ އޭނާގެ މޫނު ބަލައި ފަހުގެ އިޙްތިރާމް އަދާކޮށްފައެވެ.
މަރްޙޫމްގެ ކަށުނަމާދު ބޭއްވުނީ ރޭގެ ޢިޝާ ނަމާދަށްފަހު އިސްލާމީ މަރުކަޒުގެ ބޮޑު ޖަމާޢަތުގައެވެ. ކަށުނަމާދަށްފަހު އޭނާގެ ހަށިގަނޑު ވަނީ މައްޗަންގޮޅި އާސަހަރާގައި ފަސްދާނުލާފައެވެ.
ދިވެހި ފުލުހުންގެ ޚިދުމަތަށާއި މި ލޮބުވެތި ޤައުމަށް މަރްޙޫމް ޢާސިފް ކޮށްދެއްވި އިޚުލާޞްތެރި އަގުހުރި ޚިދުމަތުގެ އަގު ވަޒަންކުރުމުގެ ގޮތުން، އޭނާގެ ސަންދޯއް ސަހަރާއަށް އުފުލާފައިވަނީ ފުލުހުންގެ ޚާއްޞަ ސަންދޯއްވެރިން ކޮނޑުމަތީގައެވެ. މި ރަސްމީ ޖަނާޒާގައި ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުޙައްމަދާއި، ފުލުހުންގެ މުއައްސަސާގެ އެންމެ އިސް އޮފިސަރުންގެ އިތުރުން، މިހާރު ޚިދުމަތުގައި ތިއްބެވި އަދި ޚިދުމަތުން ރިޓަޔާ ކުރައްވާފައިވާ ގިނަ އަދަދެއްގެ ފުލުހުން ބައިވެރިވެ، ރަސްމީ ސަލާމް އަދާކޮށްފައިވެއެވެ.
ކުއްލި ގޮތަކަށް ދިމާވި މި ބޮޑު ހިތާމައިގެ ދަނޑިވަޅުގައި، ދިވެހި ފުލުހުންގެ ޚިދުމަތުގެ ފަރާތުން މަރްޙޫމް ސަބް އިންސްޕެކްޓަރ އަޙްމަދު ޢާސިފްގެ ލޮބުވެތި ޢާއިލާއަށާއި، ގާތް ރަޙުމަތްތެރިންނަށާއި، އަދި އޭނާއާއެކު ސަފުތަކުގައި މަސައްކަތް ކުރެއްވި އެންމެހާ ފުލުހުންނަށް ނުހަނު އިޚުލާޞްތެރިކަމާއެކު ތަޢުޒިޔާ ވަނީ އަރިސްކޮށްފައެވެ. ފުލުހުންގެ މުއައްސަސާއިން ވަނީ މަރްޙޫމްގެ ފުރާނައަށް ރަޙްމަތްލައްވައި، ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރުކުރެއްވުން އެދި ދުޢާކޮށްފައެވެ.
ގުޅުންހުރި

ސަބް އިންސްޕެކްޓަރ އޮފް ޕޮލިސް އަޙްމަދު ޢާސިފްގެ ޖަނާޒާ ބޭއްވީ ރަސްމީ އިއްޒަތުގައި!

ގެއްލުނު ފުލުސް މީހާ ހޯދުމުގެ އޮޕަރޭޝަނުގައި އެހީވި ދެ ޑައިވަރުންނަށް މިނިސްޓަރާއި ސީޕީގެ ޚާއްޞަ ޝުކުރު!

ޝަމްޢާންގެ ވާހަކަތަކަށް ފުލުހުންގެ ވަރުގަދަ ރައްދެއް: " ކޮރަޕްޝަންގެ ހެކި ހުރި ކަމަށް ބުނި ނަމަވެސް އެމައުލޫމާތު ފުލުހުންނަށް ނުދޭ"




