.jpg&w=3840&q=75)
-
ގަވާއިދާ ހިލާފަށް ޕައިރޭޓެޑް ޓީވީ ޗެނަލްތައް ދައްކަމުންދާ "ހިލޭޓީވީ" ވެބްސައިޓަށް ރާއްޖެއިން ނުވަދެވޭ ގޮތަށް ބްލޮކް ކުރުމަށް ސިވިލް ކޯޓުން މިއަދު ވަގުތީ އަމުރެއް ނެރެފިއެވެ.

މި އަމުރު ނެރެފައިވަނީ ރާއްޖޭގައި ކޭބަލް ޓީވީގެ ހިދުމަތްދޭ މީޑިއާނެޓްގެ ފަރާތުން ހުށަހެޅި ކޮޕީރައިޓްސް މައްސަލައަކާ ގުޅިގެންނެވެ.
މީޑިއާނެޓުން ކޯޓުގައި ބުނެފައިވަނީ، އެ ކުންފުނީގެ ރަސްމީ ފީޑުތައް ވަގަށް ނަގައިގެން "ހިލޭޓީވީ" އިން އާންމުންނަށް ހިލޭ ފޯރުކޮށްދެމުންދާ ކަމަށެވެ. އަދި އެ ވެބްސައިޓުގެ ޓެލެގްރާމް ގްރޫޕުގައި، މީޑިއާނެޓުން ބޮޑު އަގުދީގެން ރާއްޖެއަށް ދެއްކުމުގެ އެކްސްކްލޫސިވް ހައްގު ހޯދާފައިވާ ވޯލްޑް ކަޕްގެ މެޗުތައް ވެސް ހިލޭ ބެލޭނެ ކަމަށް އިޝްތިހާރު ކޮށްފައިވާ ކަމަށް އެ ކުންފުނިން ފާހަގަކުރިއެވެ.
މީޑިއާނެޓުން ހާމަކޮށްފައިވާގޮތުން، ހިލޭޓީވީ ގެ މި ޣައިރުޤާނޫނީ އަމަލަކީ އެ ކުންފުނީގެ ވިޔަފާރީގެ މަސްލަހަތަށާއި، އުސޫލުތަކުގެ ތެރެއިން އަގުދީގެން ހިދުމަތް ހޯދާ ފަރާތްތަކަށް ލިބޭނެ ވަރަށް ބޮޑު މާލީ ގެއްލުމެކެވެ.
މި މައްސަލަ ދިރާސާކުރުމަށްފަހު ސިވިލް ކޯޓުން ނިންމާފައިވަނީ، މައްސަލައިގައި ދާއިމީ ގޮތެއް ނިމެންދެން ވަގުތީ އަމުރެއް ނެރުމަށް ބޭނުންވާ ގާނޫނީ ޝަރުތުތައް ފުރިހަމަވާ ކަމަށެވެ. އަދި ރާއްޖޭގެ މުވާޞަލާތީ ކަންކަން ބަލަހައްޓާ ކޮމިއުނިކޭޝަން އޮތޯރިޓީ އޮފް މޯލްޑިވްސް (ކޭމް) އިން ވެސް އެފަދަ އަމުރެއް ނެރުމަށް އެއްވެސް އިއުތިރާޒެއް ކޮށްފައެއް ނުވެއެވެ.
ސިވިލް ކޯޓުގެ އަމުރުގައި ކަނޑައަޅާފައިވަނީ، މީޑިއާނެޓުން ހުށަހެޅި މައްސަލައަށް ދާއިމީ ހުކުމެއް ކުރަންދެން، ރާއްޖޭގެ އެއްވެސް އައިޕީ އެޑްރެހަކުން "ހިލޭޓީވީ" ވެބްސައިޓަށް ނުވަދެވޭ ގޮތަށް އިންޓަނެޓް ސާވިސް ޕްރޮވައިޑަރުން މެދުވެރިކޮށް ބްލޮކް ކުރުމަށެވެ.






