logoEN
WAMCO TOP 1
އެއްވެސް ތަނަކުން ކަރަންޓު ކަނޑާނުލައި، ހުޅުމާލޭ 50 މެގަވޮޓް އިންޖީނުގެ އަޕްގްރޭޑް ކުރުމުގެ ބޮޑު މަސައްކަތް ކާމިޔާބުކަމާއެކު ނިންމާލައިފި

އެއްވެސް ތަނަކުން ކަރަންޓު ކަނޑާނުލައި، ހުޅުމާލޭ 50 މެގަވޮޓް އިންޖީނުގެ އަޕްގްރޭޑް ކުރުމުގެ ބޮޑު މަސައްކަތް ކާމިޔާބުކަމާއެކު ނިންމާލައިފި

އަހުމަދު ޝުރާއު

logo

5/23/2026, 5:00:00 AM

# ސްޓެލްކޯ

-

މާލެ ސަރަހައްދުގެ އެއްވެސް ހިސާބަކުން ކަރަންޓުގެ ޚިދުމަތް މެދުކަނޑާނުލައި، ހުޅުމާލޭގައި ގާއިމްކޮށްފައިވާ 50 މެގަވޮޓުގެ އިންޖީނުގޭގެ ޕަވަރ ސިސްޓަމް އަޕްގްރޭޑް ކުރުމުގެ މުހިންމު މަސައްކަތްތައް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އިން މިއަދު ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.

THE TRAVELLER AD

މި ބޮޑު އަޕްގްރޭޑަކީ އިންޖީނުގެއަށް އިތުރު ޖެނެރޭޝަން ފީޑް ކުރުމުގެ ފުރުސަތު ފަހިކޮށްދީ، ކަރަންޓުގެ ޚިދުމަތްތައް ޒަމާނީ ވަސީލަތްތަކާއެކު އިތުރަށް ފުރިހަމަކޮށް ހަރުދަނާކުރުމަށްޓަކައި އެ ކުންފުނިން ކުރިއަށްގެންދިޔަ ވަރަށް މުހިންމު މަސައްކަތެކެވެ.

މި އޮޕަރޭޝަން ކުރިއަށްދިޔަ ގޮތަށް ބަލާއިރު، ޕަވަރ ސިސްޓަމް އަޕްގްރޭޑް ކޮށްފައިވަނީ މުޅި އިންޖީނުގެ އެއްކޮށް ނިއްވާލައިގެންނެވެ. އެގޮތުން ރޭ މެންދަމުން އަލިވެ 3:00 އިން ފެށިގެން މިއަދު ހެނދުނު 8:00 އާ ހަމައަށް އިންޖީނުގެ ނިއްވާލާފައި އޮތްއިރު، މާލެ ސަރަހައްދުގެ ކަރަންޓުގެ ލޯޑް ހުރީ 76 މެގަވޮޓްގައެވެ. ނަމަވެސް، ސްޓެލްކޯގެ މުވައްޒަފުންގެ ހުޝިޔާރުކަމާއެކު، އިންޖީނުގެ ނިއްވާލާފައި އޮތް ވަގުތުތަކުގައިވެސް މާލެއާއި ހުޅުމާލޭގެ އެއްވެސް ގޭބިސީއަކުން ކަރަންޓު ކަނޑާނުލައި، ޚިދުމަތް މެދުނުކެނޑި ފޯރުކޮށްދިނީ ހުޅުމާލޭގައި ހުރި އެހެން ހައިސްޕީޑް އިންޖީނުތައް ބޭނުންކޮށްގެންނެވެ.

ސްޓެލްކޯއިން ވިދާޅުވި ގޮތުގައި މި މަޝްރޫޢުގެ ފުރަތަމަ މަރުހަލާގެ މަސައްކަތްތައް މިއަދު ވަނީ މުޅިން ނިމުމަކަށް ގެނެވިފައެވެ. އަދި މި މަޝްރޫޢުގައި ބާކީ ހުރި މަސައްކަތްތައް ކުރިއަށް ގެންދާނެ ޚާއްޞަ ތާރީޚެއް ކަނޑައެޅުމަށްފަހު، އެކަމުގެ މަޢުލޫމާތު ކުރިއަށް އޮތް ތަނުގައިވެސް ދުރާލާ ކަސްޓަމަރުންނަށް އަންގަމުންދާނެ ކަމުގެ ޔަގީންކަން އެ ކުންފުނިން ދެއެވެ. ސްޓެލްކޯގެ އަމާޒަކީ މާލެ ސަރަހައްދުގެ އާބާދީއަށް ބޭނުންވާ ކަރަންޓުގެ ޚިދުމަތް އެއްވެސް މެދުކެނޑުމެއް ނެތް ގޮތެއްގައި، އެންމެ އިތުބާރު ހުރި ގޮތެއްގައި ފޯރުކޮށްދިނުމެވެ.

ކޮމެންޓް
ފަހުގެ
HDC