
ހުޅުމާލެ ފޭސް 2 ގެ މިސްކިތްތަކުގެ ޙާލަތު މޭޔަރ ޢާޒިމްއާއި ކައުންސިލަރުން ގާތުން ބައްލަވައިލައްވައިފި
# ހުޅުމާލެ ފޭސް 2-
ހުޅުމާލެ ފޭސް 2 ގައި މާލެ ސިޓީ ކައުންސިލްގެ ބެލުމުގެ ދަށުގައި ހުންނަ މަސްޖިދުލް އަމީން ޖަލީލް އަދި ހުޅުމާލެ ސަހަރާ މިސްކިތުގެ ޙާލަތު މާލެ ސިޓީގެ މޭޔަރު އާދަމް ޢާޒިމް ވަޑައިގެން ބައްލަވާލައްވައިފިއެވެ.

މި ޚާއްޞަ ޒިޔާރަތުގައި މޭޔަރުގެ އަރިހުގައި ޑެޕިއުޓީ މޭޔަރ މީކާއީލް މުހައްމަދު ރިޔާޟްގެ އިތުރުން ހުޅުމާލޭގެ ތިން ދާއިރާގެ ކައުންސިލަރުން ކަމަށްވާ، ހުޅުމާލެ އުތުރު ދާއިރާގެ ކައުންސިލަރު ފާތިމަތު ޒަހިއްޔާ، ހުޅުމާލެ މެދު ދާއިރާގެ ކައުންސިލަރު އަހުމަދު ސަނީޙް ޙަނީފް އަދި ހުޅުމާލެ ދެކުނު ދާއިރާގެ ކައުންސިލަރު އަހުމަދު ޣާލިބު ބައިވެރިވެވަޑައިގެންނެވިއެވެ.
މި ޒިޔާރަތަކީ އެ ދެ މިސްކިތުގައި މިހާރުން މިހާރަށް ކުރަންޖެހޭ މަރާމާތުތަކާއި، މިހާރުވެސް ހިނގަމުންދާ މަސައްކަތްތައް ގާތުން ސުޕަވައިޒް ކުރެއްވުމަށް ކުރެއްވި ޒިޔާރަތެކެވެ. މިގޮތުން މިސްކިތްތަކުގެ އާބާތުރަ ފިލުވުމުގެ މަސައްކަތްތަކާއި، ނަމާދަށް އަންނަ މުސައްލީންނަށް ބޭނުންވާ ވުޟޫކުރާނެ އިސްކުރާއި ފާޚާނާ ފަދަ ޒަރޫރީ ވަސީލަތްތައް ހުރި ގޮތް ކައުންސިލްގެ އިސްވެރިން ވަނީ ވަކިވަކިން ބައްލަވާލައްވާފައެވެ.
މާލެ ސިޓީ ކައުންސިލުން ހާމަކުރި ގޮތުގައި، މާލެއާއި ހުޅުމާލޭގެ މިސްކިތްތަކަކީ އަބަދުވެސް ނަމާދުކުރަން އެންމެ އެކަށީގެންވާ ސާފުތާހިރު ތަންތަނުގެ ގޮތުގައި ބެލެހެއްޓުމަކީ ކައުންސިލުން އެންމެ ބޮޑު އިސްކަމެއް ދޭ އެއް ކަންތަކެވެ. އަދި މިސްކިތްތަކަކީ އާންމު ރައްޔިތުންނަށް ހިތްފަސޭހަ، އަމާން އަދި ރީތި ތަންތަނުގެ ގޮތުގައި ބޭއްވުމަށްޓަކައި ކުރަންޖެހޭ އެންމެހާ ކަންކަން ސަރުކާރާއި ގުޅިގެން މެދުނުކެނޑި ކުރަމުން ގެންދާނެ ކަމުގެ ފުރިހަމަ ޔަގީންކަން މޭޔަރ ޢާޒިމް ވަނީ ދެއްވާފައެވެ.
މާލެ ސިޓީ ކައުންސިލްގެ އިޚްތިޞާޞްގެ ދަށުގައި މިހާރު ޖުމްލަ 41 މިސްކިތް ހުރެއެވެ. މި ހުރިހާ މިސްކިތްތަކެއްގެ ދުވަހުން ދުވަހަށް ބެލެހެއްޓުމާއި، ބޮޑެތި މަރާމާތުގެ މަސައްކަތްތައް ކައުންސިލުން އަންނަނީ ދުރާލާ ރާވައިގެން، ޚާއްޞަ އިސްކަމެއް ދީގެން ކުރިއަށް ގެންދަމުންނެވެ.





