logoEN
WAMCO TOP 1
އުފެއްދުންތައް ނެގުމަށްފަހު ގެއްލުންވާ މިންވަރު މަދުކުރުމުގައި ގިނަ ގޮންޖެހުންތަކެއް އެބަހުރި: ޝިޔާމް

އުފެއްދުންތައް ނެގުމަށްފަހު ގެއްލުންވާ މިންވަރު މަދުކުރުމުގައި ގިނަ ގޮންޖެހުންތަކެއް އެބަހުރި: ޝިޔާމް

# މަސްވެރިކަން# ސިޔާސީ# މަސްވެރިކަމާއި ދަނޑުވެރިކަމާ ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާ# އަހުމަދު ޝިޔާމް# ދަނޑުވެރިކަން

ފޮޓޯ: މިނިސްޓްރީ

ދަނޑުވެރިކަމާއި މަސްވެރިކަމުގެ އުފެއްދުންތައް ނެގުމަށްފަހު ގެއްލުންވާ މިންވަރު މަދުކުރުމުގައި ރާއްޖެއަށް ތަފާތު ގޮންޖެހުންތަކަކާ ކުރިމަތިވާ ކަމަށް މަސްވެރިކަމާއި ދަނޑުވެރިކަމާ ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަހްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

THE TRAVELLER AD

ވަޒީރު މިހެން ވިދާޅުވީ "ޒީރޯ ވޭސްޓް ފޯރަމް" ގައި ދެއްވި ބަޔާނުގައެވެ.

ދިވެހިރާއްޖެއާއި ތުރުކީވިލާތަކީ ދެފަރާތުގެ އިޙްތިރާމާއި، އެއްގޮތް އުޞޫލުތަކެއްގެ މައްޗަށް ބިނާވެފައިވާ، ވަރުގަދަ ގުޅުމެއް އޮންނަ ދެ ޤައުމުކަން ފާހަގަ ކުރައްވާ، ވަޒީރު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު 2023 ވަނަ އަހަރުގެ ނޮވެމްބަރު މަހު ތުރުކީވިލާތަށް ކުރެއްވި ފުރަމާނަ ދަތުރުފުޅަކީ ދެ ޤައުމުގެ ގުޅުމުގެ އައު ބާބެއްގެ ފެށުންކަމަށާއި، އެ ތާރީޚީ ދަތުރުފުޅާއެކު ސޮއިކުރެވުނު "ޕްރިފަރެންޝަލް ޓްރޭޑް އެގްރީމަންޓް"ގެ ސަބަބުން، ދިވެހިރާއްޖޭގެ މަތީ ފަންތީގެ ކަނޑުމަހުގެ އުފެއްދުންތަކަށް ތުރުކީގެ ބާޒާރުން އައު ފުރުޞަތުތަކެއް ވަނީ ފަހިވެގެން ގޮސްފިކަމަށެވެ.

ވަޒީރު ޝިޔާމް ވިދާޅުވީ ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމެއްގެ ހައިސިއްޔަތުން، ދަނޑުވެރިކަމާއި މަސްވެރިކަމުގެ އުފެއްދުންތައް ނެގުމަށްފަހު ގެއްލުންވާ މިންވަރު މަދުކުރުމުގައި ރާއްޖެއަށް ތަފާތު ގޮންޖެހުންތަކަކާ ކުރިމަތިވާކަމަށެވެ.

ދަނޑުވެރިކަމުގެ ދާއިރާއަށް ބަލާއިރު، މިކަމުގައި އުންމީދީ ކުރިއެރުންތަކެއް ލިބެމުންދާކަން ފާހަގަކުރައްވާ، ވިދާޅުވީ ޖަޕާން ސަރުކާރާއި ޔޫ.އެން.ޑީ.ޕީގެ އެހީގައި ފަރުމާކުރެވުނު "އެގްރި ބޯޓު" އަކީ އިރުގެ ހަކަތަ ބޭނުންކޮށްގެން ދަތުރުކުރާ، ދަނޑުވެރިކަމުގެ އުފެއްދުންތައް އުފުލުމަށް ގެނެވުނު އިންގިލާބީ ބަދަލެއްކަމަށެވެ. ފިނިކޮށް އަދި ހިކިކޮށް ތަކެތި ރައްކާކުރެވޭނެ އިންތިޒާމު މި އުޅަނދުގައި ހުރުމުގެ ސަބަބުން، ތަކެތި ހަލާކުވުން މަދުވެ، ދަނޑުވެރިންނަށް މާކެޓަށް ވާސިލުވުމަށް ބޮޑު ފަސޭހައެއް ލިބިގެންދާކަމަށެވެ.

މަސްވެރިކަމުގެ ދާއިރާގައި، ދުނިޔެ ބަލައިގަންނަ ރާއްޖޭގެ ދެމެހެއްޓެނިވި ދޮށީގެ މަސްވެރިކަމަކީ ރާއްޖޭގެ ފަޚުރުވެރިވާ ނަމޫނާއެއްކަމަށް ވިދާޅުވިއެވެ. ރައީސް މުޢިއްޒުގެ އިރުޝާދުގެ ދަށުން، މަސްދޯނިފަހަރުގައި މަސް ގެންގުޅޭ ގޮތްތައް ޒަމާނީކޮށް، ފިނިކުރާ ނިޒާމުތައް ޤާއިމުކޮށް، އަދި ޑިޖިޓަލް ވަސީލަތްތައް މެދުވެރިކޮށް މަހުގެ މަޢުލޫމާތު ބެލެހެއްޓޭނެ ނިޒާމުތައް ދަނީ ހަރުދަނާކުރަމުންކަމަށާއި، މީގެ ސަބަބުން މަސް ހަލާކުވުން މަދުވެ، އޭގެ ފެންވަރު ހިފެހެއްޓި، މަސްވެރިންނަށް ލިބޭ އާމްދަނީ އިތުރުވެގެންދާކަމަށް ވިދާޅުވިއެވެ.

މި ކުރިއެރުންތަކާއެކުވެސް ގޮންޖެހުންތައް އެބަހުއްޓެވެ. ރާއްޖޭގައި އުފެދޭ ކުނީގެ ގާތްގަނޑަކަށް 60 އިންސައްތައަކީ ކާބޯތަކެތީގެ ކުންޏެވެ. ރިސޯޓުތަކުގައި ކުރެވުނު ދިރާސާތަކުން ދައްކާގޮތުގައި، ލިބޭ ކާބޯތަކެތީގެ 31 އިންސައްތަ ކުނީގެ ގޮތުގައި އުކާލެވެއެވެ. އެހެންކަމުން، "ޤައުމީ ކާބޯތަކެތީގެ ރައްކާތެރިކަމުގެ ސިޔާސަތު" ގެ ދަށުން ކާބޯތަކެތި އިސްރާފުވުން މަދުކުރުމަށް އެފް.އޭ.އޯ އާ ގުޅިގެން މުހިންމު މަސައްކަތްތަކެއް ދަނީ ކުރެވެމުންނެވެ.

އުފެއްދުންތައް ގެއްލުންވުން މަދުކުރުމަކީ ހަމައެކަނި ކާބޯތަކެތި ސަލާމަތްކުރުމެއް ނޫންކަން ފާހަގަ ކުރައްވާ ވަޒީރު ވިދާޅުވީ އެއީ އޭގެ އިޤްތިޞާދީ އަގު އިތުރުކުރުންކަމުގައެވެ. ފިނިކުރާ ގުދަންތަކާއި، ރާއްޖޭގައި ތަކެތި ބަންދުކޮށް ޕްރޮސެސްކުރާ ނިޒާމުތައް ފުޅާކުރުމުގެ ބޭނުމަކީ، ލިބޭ މަންފާ ޤައުމުގައި ހިފަހައްޓައި، ހުރިހާ ރަށަކަށް އޭގެ މަންފާ ހަމަހަމައަށް ފޯރުކޮށްދިނުންކަމަށް ވިދާޅުވިއެވެ.

ވަޒީރުގެ ބަޔާން ނިންމާލައްވަމުން ވިދާޅުވީ ހަމައެކަނި އުމްރާނީ ވަސީލަތްތަކަކުން މިކަން ޙައްލެއް ނުވާނެކަމަށާއި. ސަރުކާރާއި، އަމިއްލަ ދާއިރާއާއި، ދިރާސާކުރާ ފަރާތްތަކާއި، އަދި ދަނޑުވެރިންނާއި މަސްވެރިންގެ މެދުގައި ވަރުގަދަ ގުޅުމެއް އޮންނަންޖެހޭކަމަށެވެ. އަދި ކުދި ދަނޑުވެރިންނާއި މަސްވެރިންނަށް ބޭނުންވާ ޢިލްމާއި، މާލީ އެހީތެރިކަމާއި، ޓެކްނޮލޮޖީ ފޯރުކޮށްދޭންޖެހެއެވެ. މިއީ ރާއްޖޭގެ އެންމެންގެ ފަރުދީ އަދި ޖަމާޢީ ޒިންމާކަމަށް، ވެސް ވިދާޅުވިއެވެ.

ކޮމެންޓް
ފަހުގެ
HDC