
ވީއައިއޭގައި ނަން-ވިޒިބަލް ޑިސްއެބިލިޓީސް ހުންނަ ފަރާތްތަކަށް ޚާއްޞަ 'ކާމް ރޫމް' އެއް ހުޅުވައިފި
# ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު-
މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމް.އޭ.ސީ.އެލް) ގެ އިޖުތިމާޢީ ޒިންމާގެ ދަށުން، ފާހަގަކުރަން ދަތި ނުކުޅެދުންތެރިކަން ނުވަތަ "ނަން-ވިޒިބަލް ޑިސްއެބިލިޓީސް" ހުންނަ ފަސިންޖަރުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް (ވީއައިއޭ) ގެ ޓާމިނަލް 1 ގައި ޚާއްޞަ 'ކާމް ރޫމް' އެއް ހުޅުވައިފިއެވެ.

ޓަރމިނަލް 1 ގައި މިއަދު ބޭއްވި ޚާއްޞަ ހަފުލާއެއްގައި މި ކާމް ރޫމް ރަސްމީކޮށް ހުޅުއްވައިދެއްވީ އެމްއޭސީއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރު އިބްރާހީމް ޝަރީފް މުޙައްމަދުއެވެ. މި ހަފުލާގައި މޯލްޑިވްސް އޯޓިޒަމް އެސޯސިއޭޝަނާއި، އޯޓިޒަމް ކެއާ މޯލްޑިވްސްގެ އިތުރުން އެމްއޭސީއެލްގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.
"ބޮލި" ޕްރޮގްރާމްގެ ނަމުގައި ތަޢާރަފްކުރި މި ޚިދުމަތަކީ، އެއަރޕޯޓުން ދަތުރުކުރާ ފަސިންޖަރުންގެ ތެރެއިން ޚާއްޞަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ދަތުރުމަތީގައި އެންމެ އެކަށީގެންވާ އަދި ހިތްހަމަޖެހޭ މާހައުލެއް ބިނާކޮށްދިނުމަށް އެމް.އޭ.ސީ.އެލް އިން ކުރަމުންދާ މަސައްކަތުގެ ދަށުން ޙާޞިލުކުރެވުނު މުހިންމު ލަނޑުދަނޑިއެކެވެ.
ދުނިޔޭގެ ކުރިއަރާފައިވާ ގިނަ އެއަރޕޯޓުތަކުގައިވެސް ހިންގާ މިފަދަ ޕްރޮގްރާމްތަކާ އެއްގޮތަށް ފަރުމާކޮށްފައިވާ މި ކާމް ރޫމަކީ، އެއަރޕޯޓުގެ މާހައުލުގެ ސަބަބުން ފަސިންޖަރުންނަށް އުފެދޭ ނުތަނަވަސްކަން ކުޑަކޮށް، ހަމަހިމޭންކަން ހޯދައިދިނުމަށްޓަކައި ސެންސަރީ ވަސީލަތްތައް ޤާއިމްކޮށްފައިވާ ތަނެކެވެ. އެގޮތުން މި ކާމް ރޫމްގައި ތަފާތު ސެންސަރީ އައިޓަމްތަކާއި އެކްޓިވިޓީސްތައް ހިމެނޭއިރު، ފަސިންޖަރާއެކު ދަތުރުކުރާ ބެލެނެވެރިއަކަށް މަޑުކޮށްލައިގެން އިނދެވޭނެ އިންތިޒާމުވެސް ވަނީ ހަމަޖައްސާފައެވެ.
މި ޚިދުމަތަށް އެދޭ ފަރާތްތަކަށް ޚާއްޞަ ލެންޔާޑަކާއެކު ކާޑެއް ދޫކުރުމަށް ވަނީ ނިންމާފައެވެ. މި ލެންޔާޑުގެ ސަބަބުން، އެއަރޕޯޓުގެ މުވައްޒަފުންނަށް އެއީ ޚާއްޞަ އެހީތެރިކަން ބޭނުންވާ ފަސިންޖަރެއްކަން ފަސޭހައިން ދެނެގަނެވި، އަވަސް ޚިދުމަތްތަކެއް ފޯރުކޮށްދިނުމަށް މަގުފަހިވެގެންދާނެއެވެ.
އެމްއޭސީއެލްގެ މައިގަނޑު އަމާޒަކީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ފޯރުކޮށްދޭ ހުރިހާ ޚިދުމަތްތަކަކީވެސް ކޮންމެ ފަސިންޖަރަކަށްމެ ހަމަހަމަކަމާއެކު، ފަސޭހައިން ބޭނުންކުރެވޭނެ ފެންވަރު ރަނގަޅު ޚިދުމަތްތަކަކަށް ހެދުން ކަމަށް އެ ކުންފުނިން ހާމަކުރެއެވެ.
ގުޅުންހުރި

ވީއައިއޭގައި ނަން-ވިޒިބަލް ޑިސްއެބިލިޓީސް ހުންނަ ފަރާތްތަކަށް ޚާއްޞަ 'ކާމް ރޫމް' އެއް ހުޅުވައިފި

ފުރަތަމަ ކުއާޓާގައި ވީއައިއޭއިން 2 މިލިއަނަށްވުރެ ގިނަ ޕަސެންޖަރުންނަށް ހިދުމަތް ދިން!

ވެލާނާ އެއާޕޯޓުގައި މާރާމާރީ ހިންގި މައްސަލާގައި ލަންކާ ދެމީހަކު ހައްޔަަރަށް!




