
ވީއައިއޭ އައު ޓާމިނަލުން ސީޕްލޭންގެ ކައުންޓަރުގެ ހިދުމަތް ފަށައިފި
# ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު# ސީޕްލޭން ޓާމިނަލް-
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގެ އައު ޓާމިނަލުގެ ސީޕްލޭން ޗެކް-އިން ކައުންޓަރުން ހިދުމަތް ދޭން ފަށައިފިއެވެ.

އައު ޓާމިނަލުގައި އެ ޗެކް-އިން ކައުންޓަރުތައް ހަދާފައިވަނީ ޓާމިނަލްގެ ގޭޓް 4ގެ އެތެރެއިން ގާތްގަނޑަކަށް 600 އަކަމީޓަރުގެ ސަރަހައްދެއްގައެވެ.
ރާއްޖޭގެ ރީތިކަން ފެނިގެންދާ ގޮތަށް ޑިޒައިންކޮށްފައިވާ މިތަނުގައި ރާއްޖޭގައި ސީޕްލޭންގެ ހިދުމަތް ދޭ ހަތަރު އޮޕަރޭޓަރުންނަށް ޖުމުލަ 24 ކައުންޓަރުހަދާފައިވެއެވެ.

މިއީ ޓާމިނަލް 2ގެ ސީޕްލޭން ޗެކް އިން ސަރަހައްދާ ހިލާފަށް މުޅިތަން އެއާ ކޮންޑިޝަން ކޮށްފައިވާ ޖާގައިގެ ގޮތުން ތަނަވަސް އަދި ފަސިންޖަރުންނަށް އިށީންދެލައިގެން ތިބެވޭ ގޮތަށް ހަދާފައިވާ ސަރަހައްދެކެވެ.
މީގެ އިތުރުން ޓާމިނަލް 1ގެ ސީޕްލޭން ޗެކް-އިން ސަރަހައްދަށް ވެހިކަލް ކައިރިކުރުމަށް އިތުރު ސްލޮޓްތަކެއް ވަނީ ކަނޑައަޅައިފައެވެ. އެގޮތުން ޓާމިނަލް 1ގެ ސީޕްލޭން ޗެކް-އިން ކައުންޓަރު ބޭރުގައި 9 ފަސިންޖާ ބަސް ސްލޮޓް, ލަގޭޖް ވެހިކަލްތަކަށް 10 ސްލޮޓް އަދި ސްޓޭންޑްބައި ވެހިކަލްތަކަށް 11 ސްލޮޓް ވަނީ ކަނޑައަޅައިފައެވެ.
މިހާރު ރާއްޖެ އަންނަ ބައިނަލްއަގްވާމީ ހުރިހާ އެއާލައިނެއް އައު ޓާމިނަލްއަށް ބަދަލުކޮށްފައިވާއިރު، ސީޕްލޭން ކައުންޓަރު އާ ޓާމިނަލްއަށް ބަދަލު ކުރުމުން، ދަތުރުވެރިންނަށް އިތުރު ފަސޭހަތަކެއް ލިބިގެން ދާނެއެވެ.







