
-
ދުނިޔޭގެ ތިމާވެށީގެ ދުވަހާ ގުޅުވައިގެން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިފްތިތާޙު ކުރައްވާފައިވާ ފަސް މިލިއަން ގަސް އިންދުމުގެ މަޝްރޫޢުގެ ދަށުން، ތ އަތޮޅު ގުރައިދޫގައި ޚާއްޞަ ހަރަކާތްތަކެއް ބާއްވައިފިއެވެ.

މި ހަރަކާތުގެ ތެރެއިން ގުރައިދޫގައި ގަސް އިންދުމުގެ މަސައްކަތް ކުރުމުގެ އިތުރުން، އެ ރަށުގެ ގޮނޑުދޮށާއި ތިމާވެށީގެ ގޮތުން ނާޒުކު ސަރަހައްދެއް ކަމަށްވާ ކަނޑޫފާ ސަރަހައްދު ސާފުކުރުމުގެ ބޮޑު ހަރަކާތެއް ވަނީ ކުރިއަށް ގެންގޮސްފައެވެ. މި ހަރަކާތަކީ ރަށުގެ ތިމާވެށި ރައްކާތެރިކުރުމަށާއި، ދިވެހިރާއްޖޭގެ ފެހިކަން އިތުރުކުރުމަށް ސަރުކާރުން ފައްޓަވާފައިވާ އިސްނެންގެވުމަށް ރަށު ފެންވަރުގައި އެއްބާރުލުން ދިނުމުގެ މަގުސަދުގައި ކުރިއަށްދިޔަ ހަރަކާތެކެވެ.
މިއަދު ހެނދުނުން ފެށިގެން ކުރިއަށްދިޔަ މި ހަރަކާތުގައި ގުރައިދޫގެ އެކި މުއައްސަސާތަކާއި، ކްލަބް ޖަމިއްޔާތަކުގެ އިތުރުން ރަށުގެ ގިނަ އަދަދެއްގެ އާންމު ރައްޔިތުން ވަނީ އަމަލީގޮތުން ބައިވެރިވެފައެވެ. ޚާއްޞަކޮށް ކަނޑޫފަލަކީ ގުދުރަތީ ގޮތުންނާއި ތިމާވެށީގެ ގޮތުން ރަށަށް އެންމެ މުހިންމު އެއް ސަރަހައްދަށް ވުމުން، އެތަން ސާފުކޮށް ރައްކާތެރިކަމާއެކު ބެލެހެއްޓުމަށް މި ހަރަކާތުގެ ތެރެއިން ބޮޑު އިސްކަމެއް ވަނީ ދީފައެވެ.
ފަސް މިލިއަން ގަސް އިންދުމުގެ މި ބިޔަ މަޝްރޫޢަކީ ރައީސް މުޢިއްޒުގެ ސަރުކާރުން ރާއްޖޭގެ ތިމާވެށި ހިމާޔަތްކޮށް، މޫސުމަށް އަންނަ ބަދަލުތަކުން ކުރާ ނޭދެވޭ އަސަރުތަކުން އަރައިގަތުމަށް ބައިނަލްއަގުވާމީ މައިދާނުގައި ވެސް ވެފައިވާ ވައުދުގެ ދަށުން ކުރިއަށްގެންދާ އެންމެ ބޮޑު އެއް މަޝްރޫޢެވެ. މި މަޝްރޫޢުގެ ދަށުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިފަދަ ފެހި ހަރަކާތްތައް މިހާރު ދަނީ ބާރުދުވެލީގައި ކުރިއަށްދަމުންނެވެ.






