logoEN
WAMCO TOP 1
ލަންދޫގައި ހުމެއް ފެތުރި ކޮވިޑާއި އިންފްލުއެންޒާއަށް ޓެސްޓުކުރަން އެޗްޕީއޭއިން ލަފާދީފި

ލަންދޫގައި ހުމެއް ފެތުރި ކޮވިޑާއި އިންފްލުއެންޒާއަށް ޓެސްޓުކުރަން އެޗްޕީއޭއިން ލަފާދީފި

އަހުމަދު ޝުރާއު

logo

6/4/2026, 11:25:43 AM

# ނ ލަންދޫ

-

ނ ލަންދޫގައި ހުމެއް ފެތުރި، ބަލިވާ މީހުންގެ އަދަދު އާދަޔާ ހިލާފަށް އިތުރުވަމުންދާތީ، އެއީ ކޮން ބައްޔެއްކަން ދެނެގަތުމަށްޓަކައި ކޮވިޑް-19 އާއި އިންފްލުއެންޒާއަށް ޓެސްޓުކުރުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ލަފާދީފިއެވެ.

THE TRAVELLER AD

ލަންދޫ ސިއްހީ މަރުކަޒުން ހާމަކޮށްފައިވާ ގޮތުގައި، އެ ރަށުގައި ޑޮކްޓަރަށް ދައްކާ މީހުންގެ އަދަދު އާދަޔާ ހިލާފަށް އިތުރުވާން ފެށީ މިއަހަރުގެ ހައްޖު ދުވަހުން ފެށިގެންނެވެ. ކުރިން ދުވާލަކު 10 ވަރަކަށް މީހުން ޑޮކްޓަރަށް ދައްކަމުންދިޔަ ނަމަވެސް، މިހާރު އެ އަދަދު 30 އަށް ވުރެ މައްޗަށް އަރާފައިވާއިރު، އެޑްމިޓްކޮށްގެން ފަރުވާދޭންޖެހޭ މީހުންގެ އަދަދު ވެސް ވަނީ އިތުރުވެފައެވެ. އެ ރަށުގައި ފެތުރެމުންދާ މި ބަލީގެ މައިގަނޑު އަލާމާތްތަކަކީ ގަދަޔަށް ހުން އައުމާއި، ކެއްސުން އަދި ބޮލުގައި ރިއްސުމެވެ.

ބޮޑުއީދު ބަންދަށްފަހު މި ހަފުތާގައި ސްކޫލްތަކުގެ ކިޔެވުން އަލުން ފެށުނުއިރު، ބަލީގެ ސަބަބުން ލަންދޫ ސްކޫލަށް ހާޒިރުނުވާ ކުދިންގެ އަދަދު ވެސް ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. ގާތްގަނޑަކަށް 200 އެއްހާ ދަރިވަރުން ކިޔަވަމުންދާ އެ ސްކޫލަށް އިއްޔެ ހާޒިރުވެފައިވަނީ 150 އެއްހާ ކުދިން ކަމަށް އެސްކޫލުގެ ބެލެނެވެރިންތަކާއި ހަވާލާދީ ރާއްޖޭގެ ބައެއް މީޑިއާތަކުން ވަނީ ރިޕޯޓުކޮށްފައެވެ.

ސްކޫލަށް ހާޒިރުވާ ކުދިންގެ އަދަދު ވަރަށް މަދުވުމާ ގުޅިގެން، ސްކޫލް ބަންދުކުރުމުގެ ހުއްދައަކަށް ސިއްހީ މަރުކަޒުން އެޗްޕީއޭގައި އެދުނެވެ. ނަމަވެސް، އެޗްޕީއޭއިން ލަފާދީފައި ވަނީ ވަގުތުން ސްކޫލް ބަންދުކުރުމުގެ ބަދަލުގައި، ބަލި ދެނެގަތުމަށް ކުރަންޖެހޭ ޓެސްޓުތައް ހެދުމަށް ފަހު ވަކި ގޮތެއް ނިންމުމަށެވެ.

ސިއްހީ މަރުކަޒުގެ އޮފިޝަލަކު ވިދާޅުވި ގޮތުގައި، އެޗްޕީއޭގެ އިރުޝާދުގެ މަތިން ބަލިމީހުންގެ ގައިން އިންފްލުއެންޒާ އާއި ކޮވިޑްގެ ސާމްޕަލް ނެގުމުގެ މަސައްކަތް ސިއްހީ މަރުކަޒުން ވަރަށް އަވަހަށް ފެށުމަށް މިހާރު ވަނީ ނިންމާފައެވެ.

ކޮމެންޓް
ފަހުގެ
HDC