
ހިންނަވަރަށް މަސްތުވާތަކެތި އެތެރެކުރި މީހަކު ހައްޔަރުކޮށްފި
# ފުލުހުން# މަސްތުވާތަކެތި އެތެރެކުރުން# ޅ. ހިންނަވަރުމަސްތުވާތަކެތީގެ މައްސަލާގައި ހިންނަވަރުން ހައްޔަރުކުރި މީހާ- ފޮޓޯ: ފުލުހުން
ޅ. ހިންނަވަރަށް މަސްތުވާތަކެތި އެތެރެކުރި މީހަކު ހައްޔަރުކޮށްފި އެވެ.

މި މައްސަލާގައި ހައްޔަރުކޮށްފައިވަނީ ޑިވައިންޓެސްޓް / ޅ. ހިންނަވަރު، މުޙައްމަދު އަންދާޒު އަޙްމަދު (39އ) އެވެ.
ފުލުހުން ބުނީ އޭނާ ހައްޔަރުކޮށްފައިވަނީ އެރަށަށް މަސްތުވާތަކެތި އެތެރެކުރާކަމަށް ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަންގައި ކަމަށެވެ. އަދި މި އޮޕަރޭޝަން ހިންގާފައިވަނީ ހިންނަވަރު ފުލުހުންނާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން އިއްޔެ ކަމަށް ފުލުހުން ބުންޏެވެ.
އޭނާ ހައްޔަރުކޮށްފައިވަނީ ހިންނަވަރު އޭޓީއެމް ބަނދަރު ސަރަހައްދުން ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި ދެ ކޮތަޅު ފެނިގެން ކަމަށް ފުލުހުން ބުންޏެވެ.މި ތަކެތީގެ ވަގުތީ ބަރުދަނަކީ 189.5 ގުރާމް ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ މި މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ފަސް ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާ ކަމަށެވެ.
މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުންޏެވެ






