
ފަހި ފްލެޓް މިލްކުނުވާ ހާލަތްތަކުގައި، ރަށްވެހިންގެ ރަޖިސްޓްރީގައި ތިބޭ މީހުން މާލޭ ދަފްތަރަށް ބަދަލުކުރަން ސިޓީ ކައުންސިލުން ނިންމައިފި
# މާލެ ސިޓީ ކައުންސިލް-
ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ފްލެޓް ދޫކޮށްފައިވާ ފަރާތްތަކަށް ރަށްވެހިންގެ ރަޖިސްޓްރީ ހަދައިދިނުމަށްފަހު، އެއްވެސް ސަބަބަކާ ހުރެ ފްލެޓް މިލްކުނުވާ ހާލަތެއް މެދުވެރިވެއްޖެނަމަ، އެވަގުތަކު ރަށްވެހިންގެ ރަޖިސްޓްރީގައި ތިބި ފަރާތްތައް މާލެ ސިޓީގެ ދަފްތަރުގައި ޖައްސައިދިނުމަށް މާލެ ސިޓީ ކައުންސިލުން މިއަދު ނިންމައިފި އެވެ.

މާލެ ސިޓީ ކައުންސިލްގެ ފަސްވަނަ ދައުރުގެ ދެވަނަ ރަސްމީ އާންމު ޖަލްސާގައި މިގޮތަށް ނިންމާފައިވަނީ، ރަށްވެހީންގެ ރަޖިސްޓްރީ ހަދައިދިނުމަށްފަހު، ކުލި ނުދެއްކިގެން ނުވަތަ އެހެންވެސް ސަބަބަކާ ހުރެ ފްލެޓް މިލްކު ނުވާހާލަތެއްގައި، އެތަނެއްގައި ރަޖިސްޓްރީވެފައި ތިބި މީހުންނާ މެދު އަމަލު ކުރާނެ އުސޫލެއް ކަނޑައެޅުމަށް ކުރެވުނު މަޝްވާރާތަކަށް ފަހުގައެވެ.
މިކަމާ ގުޅޭގޮތުން މޭޔަރު އާދަމް އަޒީމް ވިދާޅުވީ، ފަހި ދިރިއުޅުން ކޯޕަރޭޝަނުން ފްލެޓް ލިބިފައިވާ ފަރާތްތަކަށް ރަށްވެހިންގެ ރަޖިސްޓްރީ ހަދައިދިނުމަކީ ސިޓީ ކައުންސިލްގެ ޒިންމާއެއް ކަމަށާއި، ރަށްވެހިންގެ ރަޖިސްޓްރީގައި އެމީހަކު ޖެއްސުމާއެކު އެއީ މާލެ ސިޓީއަށް ނިސްބަތްވާ މީހަކަށް ވެގެންދާނެ ކަމަށެވެ. އަދި ފްލެޓް މިލްކު ނުވާހާލަތެއްގައި، އެވަގުތަކު ރަށްވެހިންގެ ރަޖިސްޓްރީގައި ތިބި ފަރާތްތައް އެ ހާލަތުގައި ކޮންމެވެސް ތަނެއްގައި ރަޖިސްޓްރީ ކުރަންޖެހޭނެ ކަމަށްވެސް މޭޔަރު ފާހަގަކުރެއްވިއެވެ. މިއީ ވަރަށް ނާދިރު ހާލަތްތަކުގައި ދިމާވާ ކަމެއް ނަމަވެސް، އެފަދަ ހާލަތެއްގައި ރައްޔިތުންނަށް ގޮތްތަކެއް އޮންނަންޖެހޭނެ ކަމަށް މޭޔަރު ވިދާޅުވިއެވެ.
ޖަލްސާގައި ވާހަކަދައްކަވަމުން ހުޅުމާލެ އުތުރު ދާއިރާގެ ކައުންސިލަރު ފާތިމަތު ޒަހިއްޔާ ވިދާޅުވީ، މިއީ އެ ދާއިރާގެ ވަރަށް ގިނަ ރައްޔިތުންގެ މަސްލަހަތު އޮތް ކަމެއް ކަމަށާއި، މިކަމާ ބެހޭގޮތުން ފްލެޓް ލިބުނު ފަރާތްތަކާއި ފަހި ޔޫނިއަނާ އެކު މަޝްވަރާކޮށް ހިޔާލު ހޯދުން މުހިންމު ކަމަށެވެ. އަދި މާލޭގެ ދަފްތަރަކީ ހަމަ މާލޭގެ ރައްޔިތުން ކަމަށްވާއިރު، މިކަމަށް ވިހާވެސް އަވަސް ހައްލެއް ބޭނުންވާ ކަމަށް އޭނާ ވިދާޅުވިއެވެ.
މީގެ އިތުރުން، ހުޅުމާލެ މެދު ދާއިރާގެ ކައުންސިލަރު އަޙްމަދު ސަނީހް ޙަނީފް ހުށަހެޅުއްވި އިސްލާހެއްގައި ފާހަގަކުރެއްވީ، މިގޮތަށް ދަފްތަރުގައި ޖައްސާ މީހުންގެ ތެރެއިން ފްލެޓް ލިބުނު ފަރާތާއި، އެތަނުގައި އިތުރަށް ރަށްވެހިކަމުގެ ރަޖިސްޓްރީވާ އެހެން ފަރާތްތައް ވަކިން ފާހަގަކުރެވޭނެ ފަދަ އުސޫލެއް ގެންގުޅުން މުހިންމު ކަމަށެވެ. އަދި އެހެން ފަރާތްތަކަކީ ފްލެޓް ލިބިފައިވާ ފަރާތާ އެއް ހަމައެއްގައި ބޯހިޔާވަހިކަން ކަށަވަރުވެފައިވާ ބަޔަކަށް ނުވާތީ، ފްލެޓް ލިބޭ މައިގަނޑު ފަރާތް އެނގޭނެހެން ދަފްތަރު އެކުލަވާލުމަށް އޭނާ އެދިވަޑައިގެންނެވިއެވެ.
ގުޅުންހުރި

މާލެ ސިޓީ ކައުންސިލްގެ މި އަހަރުގެ ދެވަނަ ރައްޔިތުންގެ ބައްދަލުވުން ޖުލައި 9 ގައި!

މޭޔަރު ދެއްވީ ހުޅުމާލޭގެ އޮޑިވެރިންނާއި މަސްވެރިންނަށް ދާއިމީ ބަދަރެއް ނެތް މައްސަލައަށް އަވަސް ޙައްލެއް ހޯދައިދެއްވާނެ ކަމުގެ ޔަގީންކަން!

މާލެ ސިޓީ ކައުންސިލްގެ ކޮމިއުނިޓީ އެންގޭޖްމެންޓް ޔުނިޓުން ހުސްވި ހަފްތާގައި 700 އަށްވުރެ ގިނަ މައްސަލަ ބަލައިފި




