
-
ދުނިޔޭގެ ބާޒާރަށް ކުރިމަތިވެފައިވާ ނުތަނަވަސްކަމާއި ހަނގުރާމައިގެ ސަބަބުން އަންނަ ލޮޅުންތަކާއެކުވެސް، ރާއްޖޭގެ އިޤްތިޞާދު ހަމަމަގުގައި ހިފެހެއްޓުމާއެކު ބައިނަލްއަޤުވާމީ ކްރެޑިޓް ރޭޓިންގް އެޖެންސީ، ފިޗް ރޭޓިންގްސްއިން ރާއްޖޭގެ ކްރެޑިޓް ރޭޓިންގް މިއަދު މަތިކޮށްފައެވެ.

ފިޗްއިން ރާއްޖޭގެ ލޯންގް-ޓާމް ފޮރިން-ކަރަންސީ އިޝުއަރ ޑިފޯލްޓް ރޭޓިންގް (IDR) ކުރިން އޮތް "CC" އިން "CCC-" އަށް ވަނީ ޕްރޮމޯޓްކޮށްފައެވެ.
ފިޗްއިން ހާމަކޮށްފައިވާ ގޮތުގައި، ދުނިޔޭގެ ބާޒާރުގެ ނުތަނަވަސްކަމާއެކުވެސް، މެދު ރާސްތާގައި ރާއްޖޭގެ އިގްތިސާދު ބާރުމިނެއްގައި ކުރިއަރާނެއެވެ. ފިޗްގެ އެންމެ ފަހުގެ ސޮވެރިން ރޭޓިންގް ރިޕޯޓުގައި ބަޔާންކޮށްފައިވާ ގޮތުގައި، ފަތުރުވެރިކަމުގެ ދާއިރާގެ ކުރިއެރުމާއި، އާ ރިސޯޓުތަކަށް ކުރެވޭ އިންވެސްޓްމަންޓްތަކުގެ އިތުރުން، ފަތުރުވެރިކަމުގެ އިންފްރާސްޓްރަކްޗަރަށް ގެނެވޭ ތަރައްގީއާއެކު ރާއްޖޭގެ އިގްތިސާދީ ދުވެލި މެދު ރާސްތާގައި ވަރުގަދަވާނެއެވެ.
ދުނިޔޭގެ ހަކަތައިގެ ބާޒާރަށް އަންނަ ލޮޅުންތަކާއި، ދަތުރުފަތުރަށް ދިމާވާ ހުރަސްތަކާއި، މެދުއިރުމަތީގެ ހަމަނުޖެހުންތަކުގެ ސަބަބުން ކައިރި މުސްތަގުބަލެއްގައި އިގްތިސާދަށް ބައެއް ގޮންޖެހުންތައް ހުރި ނަމަވެސް، ދެހާސް ހަތާވީސް ވަނަ އަހަރާ ހަމައަށް ރާއްޖޭގެ އިގްތިސާދީ ކުރިއެރުން ހަތަރެއް ފޮއިންޓް ފަހެއް އިންސައްތައަށް ކުރިއަރާނެ ކަމަށް އެ އިދާރާއިން ލަފާކުރެއެވެ. މިއީ ދުރު ރާސްތާއިން އަންނަ، މަތީ ފަންތީގެ ފަތުރުވެރިން އިތުރުވަމުންދިއުމާ ގުޅިފައިވާ ކުރިއެރުމެކެވެ.
މިކަމާ ގުޅޭގޮތުން މިނިސްޓްރީ އޮފް ފައިނޭންސް އެންޑް ޕަބްލިކް އެންޓަޕްރައިޒަސްއިން ހާމަކުރި ގޮތުގައި، މި އަންދާޒާތަކުން ދޭހަވަނީ ބައިނަލްއަގްވާމީ ގޮންޖެހުންތަކާއެކުވެސް ރާއްޖޭގެ އިގްތިސާދާއި ފަތުރުވެރިކަމުގެ ދާއިރާގައި ހުރި ވަރުގަދަކަމެވެ. އަދި ދުނިޔޭގެ ހާލަތު ރަނގަޅުވުމާއެކު، އިގްތިސާދީ އިންފްރާސްޓްރަކްޗަރާއި، ފަތުރުވެރިކަމުގެ ދާއިރާ އަދި ދަތުރުފަތުރުގެ ނިޒާމަށް ކުރެވިފައިވާ ސްޓްރެޓީޖިކް އިންވެސްޓްމަންޓްތަކުގެ ސަބަބުން ދެމެހެއްޓެނިވި ކުރިއެރުމަކަށް މަގުފަހިވެފައިވާ ކަމަށް ސަރުކާރުން ފާހަގަކުރެއެވެ.
މިނިސްޓްރީން ބުނި ގޮތުގައި، އަމިއްލަ ފަރާތްތަކުގެ އިންވެސްޓްމަންޓްތަކަށް ހިތްވަރުދީ، އިގްތިސާދީ ގާބިލުކަން އިތުރުކުރުމާއި، ބޭރުގެ ލޮޅުންތަކުން އަރައިގަތުމުގެ ގާބިލްކަން އިތުރުކުރުމަށް ސަރުކާރުން އިސްކަންދޭނެއެވެ. އަދި މެދު ރާސްތާގައި އިގްތިސާދީ ކުރިއެރުން ދެމެހެއްޓެނިވި، ޝާމިލު، އަދި ވަރުގަދަ ކުރިއެރުމަކަށް ހެދުމަށްޓަކައި، މެކްރޯ އިކޮނޮމިކް ހަމަޖެހުން ހިފެހެއްޓުމާއެކު އުފެއްދުންތެރި އިންފްރާސްޓްރަކްޗަރަށް އިންވެސްޓްކުރުމަކީ ސަރުކާރުގެ މައިގަނޑު ސިޔާސަތެވެ.





