
-
ޙައްޖުގެ ހުރިހާ އަޅުކަމެއް ފުރިހަމަކުރުމަށްފަހު، ދިވެހި ޙައްޖުވެރިން އެނބުރި ރާއްޖެ އަންނަން ފަށާނެ ދުވަސްތަކާއި ގަޑިތައް ދިވެހި ޙައްޖު މިޝަނުން އާންމުކޮށްފިއެވެ.

ހައްޖު މިޝަންއިން މިއަދު ހާމަކުރި ގޮތުގައި ޙައްޖުވެރިން ރާއްޖެ އައުމަށް ހަމަޖެހިފައިވަނީ ޖުމްލަ 4 ފްލައިޓެއްގައެވެ. އެއީ ސައުދިއާ އެއަރލައިންސްގެ 2 ފްލައިޓާއި، ޤައުމީ އެއަރލައިން މޯލްޑިވިއަންގެ 2 ފްލައިޓުގައެވެ.
ޙައްޖުގެ މަނާސިކުތައް ނިމުމަކަށް އައިސްފައިވީ ނަމަވެސް، ޙައްޖުވެރިން ރާއްޖެ އައުމުގެ ކުރިން މަދީނާއަށް ދަތުރުކުރުމަށް ވަނީ ހަމަޖެހިފައެވެ. މަދީނާ ދަތުރަކީ ޙައްޖުގެ އަޅުކަމުގެ ބައެއް ނޫން ކަމުގައިވިއަސް، އިސްލާމީ ތާރީޚުގެ މުހިންމު ބިނާތަކާއި ހާދިސާތައް އެ ސިޓީއާ ގުޅިފައިވުމުން، ޙައްޖުވެރިން މަދީނާގެ މުހިންމު ތަންތަނަށް ޒިޔާރަތް ކުރާނެއެވެ. އެގޮތުން މިއަދުން ފެށިގެން ދިވެހި ޙައްޖުވެރިން މަދީނާއަށް ދާން ފަށާނެ ކަމަށް ޙައްޖު މިޝަނުން ބުނެއެވެ. މަދީނާގެ ޒިޔާރަތްތަކަށްފަހު ޙައްޖުވެރިން ރާއްޖެ އަންނާނީ ސީދާ މަދީނާއިންނެވެ.
ޙައްޖުވެރިންގެ ފުރަތަމަ ގްރޫޕް ރާއްޖެ އައުމަށް ހަމަޖެހިފައިވަނީ މިމަހުގެ 5 ވާ ހުކުރު ދުވަހުއެވެ. ސައުދިއާ އެއަރލައިންސްގެ މި ފްލައިޓް ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަށް ޖެއްސުމަށް ހަމަޖެހިފައިވަނީ ރާއްޖެ ގަޑިން މެންދުރުފަހު 14:00 ގައެވެ. ދެވަނަ ފްލައިޓް އަންނާނީ މިމަހުގެ 7 ވާ އާދިއްތަ ދުވަހުގެ ހަވީރު 17:40 ގައެވެ. މިއީ މޯލްޑިވިއަންގެ ފްލައިޓެކެވެ.
ޙައްޖުވެރިން ދަތުރުކުރާ 3 ވަނަ ފްލައިޓް ރާއްޖެ އައުމަށް ހަމަޖެހިފައިވަނީ މިމަހުގެ 8 ވާ ހޯމަ ދުވަހުގެ މެންދުރުފަހު 14:00 ގައެވެ. މިއީ ސައުދިއާ އެއަރލައިންސްގެ ފްލައިޓެކެވެ. އަދި ޙައްޖުވެރިންގެ ފަހު ގްރޫޕް ދަތުރުކުރާ 4 ވަނަ ފްލައިޓް ރާއްޖެ އަންނާނީ މިމަހުގެ 9 ވާ އަންގާރަ ދުވަހުގެ ދަންވަރު 12:00 އެހާކަންހާއިރުއެވެ. މޯލްޑިވިއަންގެ މި ފްލައިޓާއެކު ހުރިހާ ދިވެހި ޙައްޖުވެރިން އެނބުރި ރާއްޖެ އައިސް ނިމޭނެ ކަމަށް ދިވެހި ޙައްޖު މިޝަނުން މަޢުލޫމާތުދެއެވެ.





