
-
1447 ވަނަ އަހަރުގެ ޙައްޖުގެ މަތިވެރި އަޅުކަމަށް ދިވެހިރާއްޖެއިން ދިއުމަށް ހަމަޖެހިފައިވާ ޙައްޖުވެރިންގެ ތެރެއިން ހުކުރު ދުވަހުގެ ރޭ މައްކާއަށް ދިޔަ 238 ޙައްޖުވެރިންނަށް މައްކާއިން ހޫނު މަރުޙަބާއެއް ކިޔައިފިއެވެ.

ޙައްޖުވެރިން ޖިއްދާ އެއާޕޯޓުގެ ޓާމިނަލުން އެންމެ ފުރަތަމަ މަރުޙަބާ ދެންނެވީ ދިވެހިރާއްޖެއިން ސަޢުދީ ޢަރަބިއްޔާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އަޙްމަދު ސަރީރުއާއި ދިވެހި ޙައްޖު މިޝަންގެ އިސްވެރިންނެވެ. އަދި މައްކާ ރޫޓުގެ ފަރާތުންވެސް ވަނީ ޙައްޖުވެރިންނަށް އެއާޕޯޓުން ހޫނު މަރުޙަބާއެއް ދަންނަވާފައެވެ.
އަދި ޙައްޖުވެރިން މައްކާގައި ތިއްބަވާ ހޮޓަލުން، ޙައްޖު ކޯޕަރޭޝަނާއި، ޙައްޖު މިޝަން އަދި ދިވެހި ޙައްޖުވެރިންނަށް ޚިދުމަތް ދެއްވާ މުޠައްވިފް ރަވާފް މިނާ އަދި ހޮޓެލުގެ ފަރާތުން ވަނީ ހޫނު މަރުޙަބާއެއް ދަންނަވާފައިވެއެވެ.
ފުރަތަމަ ފްލައިޓުގައި ދަތުރުކުރި ހުރިހާ ޙައްޖުވެރިންގެ ހާޅުވެސް ރަނގަޅުކަމަށް ދިވެހި ޙައްޖު މިޝަނުން މަޢުލޫމާތު ދެއްވައެވެ. ޙައްޖުވެރިން މިހާރު ވަނީ ފުރަތަމަ ޢުމްރާ ކުރުމަށް ފަށާފައެވެ.
ދިވެހި ޙައްޖުވެރިންގެ ފްލައިޓުތައް ދެން ފުރުމަށް ހަމަޖެހިފައިވަނީ މި މަހުގެ 17، 18 އަދި 19 ވަނަ ދުވަހުއެވެ.






