
ބީއެމްއެލް ކާޑުތަކުގެ ލިމިޓު މައްސަލާގައި ރައީސް އޮފީހުން ބޭންކާއެކު މަޝްވަރާކޮށްފި: މި މަހު ލުޔެއް ލިބޭނެކަމުގެ އިޝާރާތެއް!
# ރައީސް މުއިއްޒު-
ދިވެހިން އާންމުކޮށް ވިޔަފާރިކުރާ ބޭރުގެ އީކޮމާސް ސައިޓުތަކުން މަހުން މަހަށް ކުރެވޭ މުއާމަލާތްތައް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ވަރަށް ބޮޑަށް ލިމިޓް ކޮށްފައިވަނިކޮށް، އެކަމަށް މި މަހުގެ ފަހުކޮޅު ވަރަށް ބޮޑު ލުޔެއް ދެއްވާނެ ކަމުގެ އިޝާރާތް ބީއެމްއެލް އިން ދީފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ، ބޭންކަށް ޑޮލަރުގެ ދަތިކަން އޮތުމުގެ ސަބަބުން މިހާރު ކާޑުތަކަށް ކުޑަ ލިމިޓެއް ގެނެސްފައިވީ ނަމަވެސް، ރައީސް އޮފީހުން އެކަމުގެ މައުލޫމާތު ހޯދައި ބޭންކާއެކު ކުރެވުނު މަޝްވަރާތަކުން މި މަސް ނިމޭ ހިސާބުން އަނެއްކާވެސް "ވަރަށް ބޮޑުތަނުން" ލުއި ކޮށްދެއްވާނެ ކަމުގެ އިޝާރާތެއް ލިބިފައިވާ ކަމަށެވެ.
ބީއެމްއެލް ޑެބިޓް ކާޑުތަކުން ރާއްޖޭން ބޭރުގެ މުދަލާއި ހިދުމަތަށް ފައިސާ ދެއްކުމަށް އެންމެ ކުރިން ދީފައި އޮތީ 250 ޑޮލަރެވެ. އެކަމަކު މިދިޔަ އަހަރު އެ ލިމިޓް 500 ޑޮލަރަށް ބޮޑުކުރިޔަސް، މިހާރު ވަނީ ހުރިހާ ޑެބިޓް ކާޑުތަކަށް ވަކި ލިމިޓެއް ކަނޑައަޅައި، ބޭރުގެ ވެބްސައިޓުތަކުން ކުރާ މުއާމަލާތްތައް ވަރަށް ބޮޑަށް ހަނިކޮށްފައެވެ.
އެ ބަދަލާ ގުޅިގެން ކުޑަ އަގެއްގައި އެއްޗެއް ބޭރުގެ ވެބްސައިޓަކުން ގަންނަން މަސައްކަތްކުރި ނަމަވެސް އެކަން ނުވެ، އާންމު ރައްޔިތުންނާއި ކުދި ވިޔަފާރިވެރިންގެ ބޮޑެތި ކަންބޮޑުވުންތަކެއް ވަނީ ފާހަގަކުރެވިފައެވެ.
ރައީސް މުއިއްޒު ވިދާޅުވި ގޮތުގައި ބޭންކަށް ދަތިތަކެއް ވާތީ މިހާރު ކުޑަކޮށް ލިމިޓް ކޮށްލައިގެން އުޅުނު ނަމަވެސް، މި މަސް ނިމޭ ހިސާބުން ލިބޭނެ ކަމަށް ބެލެވޭ ލުޔާއެކު އާންމުންނަށް ބޭރުގެ ސައިޓުތަކުން ވިޔަފާރިކުރުމުގައި ދިމާވެފައިވާ ހުރަސްތަކަށް ބޮޑު ހައްލެއް ލިބިގެންދާނެއެވެ.
ގުޅުންހުރި

ސަރުކާރު ދެމިއޮންނާނީ ބެލެނިވެރިންނަށް އެއްބާރުލުންދިނުމާއި ކޮންމެ ކުއްޖެއްގެ މުސްތަޤުބަލް ރައްކާތެރިކޮށްދިނުމުގައި ސާބިތުކަމާއެކުގައި - ރައީސް

ބީއެމްއެލް ކާޑުތަކުގެ ލިމިޓު މައްސަލާގައި ރައީސް އޮފީހުން ބޭންކާއެކު މަޝްވަރާކޮށްފި: މި މަހު ލުޔެއް ލިބޭނެކަމުގެ އިޝާރާތެއް!

މުއްދަތު ހަމަވެފައި ހުރި އާރުޓީއައިތަކަށް 15 ދުވަސް ތެރޭ ޖަވާބުދީ ނިންމަނީ!




