
-
މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނުގެ ދަށުން ސަރުކާރުގެ އެކި ވުޒާރާތަކަށާއި އިދާރާތަކަށް ހުށަހަޅާފައިވާ ހުށަހެޅުންތަކުގެ ތެރެއިން ޖަވާބުނުދެވި މުއްދަތު ހަމަވެފައި ހުރި ހުރިހާ އާރުޓީއައިތަކަށް ކުރިއަށް އޮތް ފަނަރަވަރަކަށް ދުވަހުގެ ތެރޭގައި ޖަވާބުދީ ނިންމުމަށް މަސައްކަތް ކުރަމުންދާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ހެނދުނު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް ވިދާޅުވި ގޮތުގައި، އާރުޓީއައިތަކަށް ޖަވާބުދިނުމުގެ ކަންތައްތަކަށް ސަރުކާރުން މިހާރު ވަނީ ވަރަށް ޚާއްޞަ އިސްކަމެއް ދީފައެވެ.
މީގެ އިތުރުން ދައުލަތުގެ ވުޒާރާތަކުން އަމިއްލަ އިސްނެގުމުގައި ޢާއްމުކުރަންޖެހޭ މަޢުލޫމާތުތައް މި ހަފުތާގެ ތެރޭގައި ހާމަކޮށް ނިންމުމުގެ މަސައްކަތްތައްވެސް ވަރަށް ހަލުވިކަމާއެކު ކުރިއަށްދާކަން ރައީސް ފާހަގަކުރެއްވިއެވެ. އެގޮތުން އިންފޮމޭޝަން ކޮމިޝަނުގެ ދިރާސާތަކާއި އަޕްޑޭޓުތަކަށް ބަލާއިރު، މިހާރުވެސް ހަތަރެއްވަރަކަށް ވުޒާރާއަކުން ސައްތައިން ސައްތަ މަޢުލޫމާތު ޑިސްކްލޯޒްކޮށް ނިންމާފައިވާ ކަމަށް އެ ކޮމިޝަނުން އަންގާފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ބާކީ ހުރި މިނިސްޓްރީތަކުގެ މަސައްކަތްތައްވެސް ނިމެމުންދާތީ، އަމާޒަކީ މި ހަފުތާގެ ތެރޭގައި ހުރިހާ ވުޒާރާއަކުންވެސް ސައްތައިން ސައްތަ މަޢުލޫމާތު ވެބްސައިޓުތަކުގައި ޕަބްލިޝްކޮށް ނިންމުން ކަމަށް އެމަނިކުފާނު ފާހަގަކުރެއްވި އެވެ.
ދެހާސް ސާދަ ވަނަ އަހަރު ޢަމަލުކުރަން ފެށި މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނުގެ ތިރީސް ހަތްވަނަ މާއްދާގައި، މަދުވެގެން އަހަރަކު އެއްފަހަރު ދައުލަތުގެ އިދާރާތަކުން އަމިއްލަ އިސްނެގުމުގައި ބައެއް މުހިއްމު މަޢުލޫމާތުތައް ހާމަކުރަންޖެހޭނެ ކަމަށް ބަޔާންކޮށްފައިވެއެވެ. އޭގެ ތެރޭގައި ދައުލަތުގެ އިދާރާގެ ދައުރާއި، މަސްއޫލިއްޔަތުތަކާއި، އޮނިގަނޑުގެ ތަފުސީލާއި، ރައްޔިތުންނަށް ދެމުންދާ ޚިދުމަތްތަކުގެ އިތުރުން ޝަކުވާ ހުށަހެޅޭނެ އުސޫލުތައް ހިމެނެއެވެ. މި ޤާނޫނަށް ޢަމަލުކުރާތާ ބާރަވަރަކަށް އަހަރު ވެފައިވާއިރު، މީގެ ކުރިން ދައުލަތުގެ އިދާރާތަކުން އަމިއްލަ އިސްނެގުމުގައި މަޢުލޫމާތު އެންމެ އެކަށީގެންވާ ގޮތެއްގައި ޢާއްމުކުރަމުން ނުދާކަން އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން ކުރިން ފާހަގަކޮށްފައިވެއެވެ. ނަމަވެސް، މި ސަރުކާރުން ވަނީ ކުރިއަށް އޮތްތަނުގައި ރައީސް އޮފީހާއި، ވުޒާރާތަކާއި އަދި ސަރުކާރު ހިއްސާވާ ކުންފުނިތަކުންވެސް ގަވާއިދުން ވަކި އުސޫލެއްގެ ތެރެއިން މަޢުލޫމާތު އިސްވެ ހިއްސާކުރަމުން ގެންދާނެ ކަމުގެ ފުރިހަމަ ޔަޤީންކަން ދެއްވާފައެވެ.
ގުޅުންހުރި

ސަރުކާރު ދެމިއޮންނާނީ ބެލެނިވެރިންނަށް އެއްބާރުލުންދިނުމާއި ކޮންމެ ކުއްޖެއްގެ މުސްތަޤުބަލް ރައްކާތެރިކޮށްދިނުމުގައި ސާބިތުކަމާއެކުގައި - ރައީސް

ބީއެމްއެލް ކާޑުތަކުގެ ލިމިޓު މައްސަލާގައި ރައީސް އޮފީހުން ބޭންކާއެކު މަޝްވަރާކޮށްފި: މި މަހު ލުޔެއް ލިބޭނެކަމުގެ އިޝާރާތެއް!

މުއްދަތު ހަމަވެފައި ހުރި އާރުޓީއައިތަކަށް 15 ދުވަސް ތެރޭ ޖަވާބުދީ ނިންމަނީ!




