
-
ދިވެހި ޒުވާން ޖީލުގެ ރައްކާތެރިކަމަށް އަޅުއްވާ މުހިންމު ފިޔަވަޅެއްގެ ގޮތުގައި، ދިވެހިރާއްޖޭގައި ޢުމުރުން 16 އަހަރުން ދަށުގެ ކުދިންނަށް ސޯޝަލް މީޑިއާގެ ބައެއް މަންސަތައް ބޭނުންކުރުން މަނާކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވި ގޮތުގައި، އެންމެ ގިނަވެގެން އެއް އަހަރު ދުވަހުގެ ތެރޭގައި މި ނިންމެވުން މުޅި ރާއްޖޭގައި ތަންފީޒުކުރައްވަން ފަށްޓަވާނެއެވެ.
އެމަނިކުފާނު މިފަދައިން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ހެނދުނު ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅުދައްކަވަމުންނެވެ.
ކުޑަކުދިންނަށް އޮތް ނުރައްކާތަކުން ސަލާމަތްކުރުން
ސޯޝަލް މީޑިއާގެ ސަބަބުން ކުޑަކުދިންނަށް ކުރިމަތިވާ ނުރައްކާތަކަށް އަލިއަޅުއްވާލައްވަމުން، ކުދިންނަށް ދިމާވާ ގްރޫމިންގްގެ މައްސަލަތަކަކީ މުޖުތަމަޢަށް އޮތް ބޮޑު ގޮންޖެހުމެއްކަން ރައީސް ފާހަގަކުރެއްވިއެވެ. އަދި ސައިބަރ ބުލީންގްއަކީ ކުދިންގެ މުސްތަޤުބަލަށް އޮތް ވަރަށް ބޮޑު ބިރެއްކަމަށް ވިދާޅުވެ، މި ފިޔަވަޅުގެ މައިގަނޑު މަޤްޞަދަކީ ކުޑަކުދިން އެފަދަ ނުރައްކާތަކުން ދުރުކޮށް، އިސްލާމީ އަސާސްތަކާ ޚިލާފު ކަންކަމުން އެކުދިން ރައްކާތެރިކުރުންކަމުގައި އެމަނިކުފާނު ބަޔާންކުރެއްވިއެވެ.
'މޯލްޑިވްސް 2.0' އާއި ޑިޖިޓަލައިޒޭޝަންގެ ކުރިމަގު
ސަރުކާރުގެ މައިގަނޑު ސިޔާސަތަކީ މޯލްޑިވްސް 2.0 ކަން ހަނދާންކޮށްދެއްވަމުން، ޑިޖިޓަލް ވަސީލަތްތައް ބޭނުންކޮށްގެން ސަރުކާރުގެ ހިންގުންތެރިކަމާއި، ދެފުށް ފެންނަ ގޮތް ހެދުމާއި، އަދި ޖަވާބުދާރީވުން ހަރުދަނާކުރުމުގެ މަސައްކަތް ވަރަށް ހަލުވިކަމާއެކު ކުރިއަށްދާކަމަށް ރައީސް ވިދާޅުވިއެވެ. މިގޮތަށް ދައުލަތުގެ ނިޒާމުތައް ޑިޖިޓަލްކުރުމުގެ ސަބަބުން ކަންކަމުގައި ސީދާ އިންސާނީ ބައިވެރިވުން ކުޑަވެގެންދާނެއެވެ. އަދި އޭގެ ނަތީޖާއެއްގެ ގޮތުން ވަކި މީހެއްގެ ބާރާއި ނުފޫޒުން ކަންކަން ނިންމުމުގެ ސަގާފަތް މުޅިން ނިމުމަކަށް އަންނާނެކަމުގައިވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ކުޅިވަރު ހަރަކާތްތަކާއި ނަމާދު ވަގުތު ބަދަހިކުރުން
ދިވެހި މުޖުތަމަޢަކީ އިސްލާމީ ރިވެތި އުޞޫލުތަކާއި އަސާސްތަކުގެ މައްޗަށް ބިނާވެފައިވާ ގުޅުން ބަދަހި ތަނަކަށް ހެއްދެވުމަށްޓަކައި، ކުޅިވަރު ކުޅޭ މައިދާންތަކާއި މަރުކަޒުތަކުގައި ދާދި އަވަހަށް ނަމާދު ކުރެވޭނެ އިންތިޒާމު ހަމަޖައްސަވާނެ ކަމަށް ރައީސް އިޢުލާނު ކުރެއްވިއެވެ.
މީގެ އިތުރުން، ކުޅިވަރު ކުޅެމުންދާއިރު ނަމާދު ވަގުތު ވެއްޖެނަމަ، ބަންގި ގޮވާ ވަގުތުން ފެށިގެން ވަކި އިރެއް ވަންދެން ކުޅިވަރު ކުޅުން މުޅިން ހުއްޓާލަންޖެހޭ ގޮތަށް ކަނޑައަޅުއްވައި، ކުރިއަށް އޮތް މަސްތަކުގެ ތެރޭގައި އެކަން ރާއްޖޭގައި މުޅިން ތަންފީޒުކުރައްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ގުޅުންހުރި

ސަރުކާރު ދެމިއޮންނާނީ ބެލެނިވެރިންނަށް އެއްބާރުލުންދިނުމާއި ކޮންމެ ކުއްޖެއްގެ މުސްތަޤުބަލް ރައްކާތެރިކޮށްދިނުމުގައި ސާބިތުކަމާއެކުގައި - ރައީސް

ބީއެމްއެލް ކާޑުތަކުގެ ލިމިޓު މައްސަލާގައި ރައީސް އޮފީހުން ބޭންކާއެކު މަޝްވަރާކޮށްފި: މި މަހު ލުޔެއް ލިބޭނެކަމުގެ އިޝާރާތެއް!

މުއްދަތު ހަމަވެފައި ހުރި އާރުޓީއައިތަކަށް 15 ދުވަސް ތެރޭ ޖަވާބުދީ ނިންމަނީ!




