
އީރާނާއެކު ފައިނަލް އެއްބަސްވުމަކަށް ދިއުމާ މެދު ގޮތެއް ނިންމެވުމަށްޓަކައި ވައިޓް ހައުސްގެ "ސިޗުއޭޝަން ރޫމް" ގައި ޚާއްޞަ ބައްދަލުވުމެއް ބާއްވަވަމުން، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އީރާނަށް ހަރުކަށި ޝަރުޠުތަކެއް ކުރިމަތިކުރައްވައިފިއެވެ.

އަމިއްލަފުޅު ސޯޝަލް މީޑިއާ ޕްލެޓްފޯމު "ޓްރޫތު" ގައި ކުރެއްވި ޕޯސްޓެއްގައި ޓްރަމްޕް ވަނީ، އީރާނުން ދުވަހަކުވެސް ނިއުކްލިއާ ހަތިޔާރެއް ނުވަތަ ބޮމެއް ނުއުފެއްދުމަށް އެއްބަސްވާންޖެހޭނެ ކަމަށް ވިދާޅުވާ ވިދާޅުވުން ތަކުރާރުކުރައްވާފައެވެ.
މީގެ އިތުރުން، ބައިނަލްއަޤްވާމީ ވިޔަފާރީގެ މުހިންމު މަގެއް ކަމަށްވާ ހޮރްމުޒް ކަނޑުއޮޅި އެއްވެސް ފީއަކާ ނުލައި، އެތަނުން ދަތުރުކުރާ އުޅަނދުފަހަރަށް ވަގުތުން ހުޅުވާލުމަށާއި، އެ ސަރަޙައްދުގައި ހުރި ކަނޑުގެ ހުރިހާ މައިންތަކެއް އީރާނުން ސާފުކުރުމަށް ޓްރަމްޕް ވަނީ ޑިމާންޑް ކުރައްވާފައެވެ.
ޓްރަމްޕްގެ ބަޔާނުގައި އެންމެ ޚާއްޞަ ކަމެއްގެ ގޮތުގައި ފާހަގަކުރެއްވީ، މިދިޔަ ޖޫން މަހު އެމެރިކާއިން އީރާނުގެ ނިއުކްލިއާ މަރުކަޒުތަކަށް ދިން ވައިގެ ޙަމަލާތަކަށްފަހު، ބިމުގެ އަޑީގައި ފޮރުވިފައި ހުރި "ނިއުކްލިއާ ޑަސްޓް" އީރާނުން އެއްކޮށް ނައްތާލަންޖެހޭނެ ކަމަށެވެ.
"އިތުރު އެންގުމެއް އަންގަންދެން (އީރާނަށް) އެއްވެސް ފައިސާއެއް ދޫނުކުރާނެ،" ޓްރަމްޕް ވިދާޅުވިއެވެ.
"މީގެ އިތުރުން މާ މުހިންމު ނޫން އެހެން ބައެއް ކަންކަމަށް ދެފަރާތުން ވަނީ އެއްބަސްވެފައި. އަޅުގަނޑު މިހާރު މިދަނީ އެންމެ ފަހުގެ ގޮތްތައް ނިންމުމަށް ސިޗުއޭޝަން ރޫމްގައި ބައްދަލުކުރަމުން."
އެމެރިކާގެ ހަރުކަށި ފިޔަވަޅުތަކަށްފަހު އީރާނުގެ މައްސަލައިގައި ދެން ވެގެންދާނެ ގޮތެއް ނިންމުމުގެ ބާރު މިހާރު އޮތީ ޓްރަމްޕް އިސްވެ ހުންނަވައިގެން ބާއްވާ މި ބައްދަލުވުމުގެ ނިންމުންތަކުގެ މައްޗަށެވެ.
ގުޅުންހުރި

އީރާނުގެ ޚުމައިން ސިޓީއަށް އެމެރިކާއިން ހަމަލާ ދީފި

އެމެރިކާގެ ޙަމަލާތަކަށް ރައްދުދިނުމުގެ ގޮތުން އީރާނުން އޯމާން، ޤަޠަރު އަދި ޔޫއޭއީއަށް މިސައިލް ޙަމަލާތަކެއް ދީފި

އެމެރިކާއިން އިރާނަށް ވަރުގަދަ ހަމަލާތަކެއް ދޭން ފަށައިފި




