
ހުޅުމާލޭ އިސްރަށްވެހިންގެ ނާދީގެ މެންބަރުން އަޟްޙާ ޢީދު ކުލަގަދަކޮށް ފާހަގަކޮށްފި
# އިސްރަށްވެހިންގެ ނާދީ-
މިއަހަރުގެ އަޟްޙާ ޢީދުގެ މުނާސަބަތުގައި ހުޅުމާލޭ އިސްރަށްވެހިންގެ ނާދީގެ މެންބަރުން އިސްނަގައިގެން ވަރަށް ފޯރިގަދަ އަދި ކުލަގަދަ ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފިއެވެ.

ހުޅުމާލޭގައި ހުންނަ އިސްރަށްވެހިންގެ ނާދީގައި ބޭއްވި މި ހަފްލާއަކީ ކުލަގަދަ އަދި އެހާމެ އުފާވެރި މާޙައުލެއްގައި ކުރިއަށްދިޔަ ބައްދަލުވުމެއް ކަމަށް ވެލްފެއާރ އެންޑް ފެމިލީ މިނިސްޓްރީން ބުނެއެވެ.
މި ހަރަކާތަކީ އިސްރަށްވެހިން އެއްތަނަކަށް އެއްވެ، އެކަކު އަނެކަކާ ބައްދަލުވެ، ހިތްހަމަޖެހޭފަދަ އުފާވެރި މާޙައުލެއްގައި ވަގުތު ހޭދަކޮށްލުމުގެ ފުރުޞަތު ފަހިކޮށްދިނުމުގެ މަޤްޞަދުގައި ކުރިއަށް ގެންދިޔަ ޚާއްޞަ ހަރަކާތެކެވެ. މި އުފާވެރި ހަފްލާގެ ތެރެއިން ނާދީގެ މެންބަރުންގެ މެދުގައި ޢީދު ހަދިޔާ ބަދަލުކުރުން އޮތްއިރު، ދިވެހިވަންތަ މާޙައުލެއްގައި ބިލެތްމީރު ކޮށްލުމުގެ ޚާއްޞަ ވަގުތުކޮޅެއްވެސް ވަނީ ކުރިއަށް ގެންގޮސްފައެވެ.
އިސްރަށްވެހިންގެ މެދުގައި އޮންނަ ގުޅުން ބަދަހިކޮށް، އެފަރާތްތަކުގެ އިޖުތިމާޢީ ދުޅަހެޔޮކަން އިތުރުކުރުމަށް މިފަދަ ހަރަކާތްތަކުން ބޮޑު އެހީތެރިކަމެއް ލިބިގެންދާކަން ނާދީގެ މެންބަރުން ފާހަގަކުރެއެވެ.






