
ޣައްޒާގެ ރިމާލް އަވަށަށް ދިން ވަރުގަދަ ވައިގެ ހަމަލާއެއްގައި، ހަމާސްގެ އަސްކަރީ ގޮފި ކަމަށްވާ ޤައްސާމް ބްރިގޭޑްސްގެ އައު ކޮމާންޑަރު މުޙައްމަދު އޫދާ އަވަހާރަކޮށްލާފައިވާ ކަމަށް އިސްރާއީލް ސިފައިންނާއި ސަލާމަތީ އިދާރާތަކުން ބުނެފިއެވެ.

އިސްރާއީލުގެ ޖައްބާރު ޔަހޫދީ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އާއި ޑިފެންސް މިނިސްޓަރު އިސްރާއީލް ކާޓްޒް ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އޫދާ އަވަހާރަކޮށްލާފައިވަނީ ޝިން ބެޓް ސަލާމަތީ އިދާރާއާ ގުޅިގެން ހިންގި ހާއްސަ އޮޕަރޭޝަނެއްގައި ކަމަށެވެ.
ޣައްޒާގެ މީޑިއާތަކުން ރިޕޯޓްކުރާ ގޮތުގައި، އޫދާ ދިރިއުޅުއްވި އިމާރާތަށް ދިން މި ހަމަލާގައި އޭނާގެ އިތުރުން އޭނާގެ އަންހެނުންނާއި ދަރިން ވެސް ވަނީ ޝަހީދުވެފައެވެ.
މުޙައްމަދު އޫދާ ޤައްސާމް ބްރިގޭޑްސްގެ އެންމެ މަތީ ކޮމާންޑަރުގެ މަޤާމާ ހަވާލުވެވަޑައިގަތީ މީގެ އެގާރަ ދުވަސް ކުރިން، އޭނާގެ ކުރިން އެ މަޤާމުގައި ހުންނެވި އިއްޒުއްދީން އަލްހައްދާދު މޭ 15 ގައި އިސްރާއީލުގެ ހަމަލާއެއްގައި ޝަހީދުވުމާ ގުޅިގެންނެވެ. އަސްކަރީ ވެރިޔާގެ މަޤާމަށް ވަޑައިގަތުމުގެ ކުރިން އޫދާ ހުންނެވީ ހަމާސްގެ އިންޓެލިޖެންސް އިދާރާގެ ވެރިޔާގެ މަޤާމުގައެވެ. އިސްރާއީލުން ތުހުމަތުކުރާ ގޮތުގައި އޭނާއަކީ 2023 އޮކްޓޯބަރު 7 ގައި އިސްރާއީލަށް ދިން ހަމަލާ ރޭވުމުގައާއި، އިސްރާއީލުގެ އަސްކަރީ މަރުކަޒުތަކުގެ މައުލޫމާތު އެއްކުރުމުގައި އެންމެ އިސްކޮށް އުޅުނު "މޭސްތިރިޔާ" އެވެ.
އޫދާއަކީ މިހާރު ހިނގަމުންދާ ކުރިމަތިލުންތަކުގައި އިސްރާއީލުން އަވަހާރަކޮށްލި ހަމާސްގެ އަސްކަރީ ފިޔަވައިގެ ހަތަރުވަނަ އިސް ވެރިޔާއެވެ. މީގެ ކުރިން ޔަޙްޔާ ސިންވާރް، މުޙައްމަދު ދެއިފް އަދި އިއްޒުއްދީން އަލްހައްދާދު ވެސް ވަނީ އިސްރާއީލުގެ ހަމަލާތަކުގައި ޝަހީދުކޮށްލާފައެވެ.
ގުޅުންހުރި

ޤައްސާމް ބްރިގޭޑްސްގެ އައު ކޮމާންޑަރު އޫދާ އަވަހާރަކޮށްލައިފިން - އިޒްރޭލު

ޣައްޒާގެ ފުލުހުންގެ މައި މަރުކަޒަށް ޔަހޫދީން ބޮން އަޅައިފި: 3 ފުލުހަކު ހިމެނޭހެން 7 މީހަކު ޝަހީދުވެއްޖެ

މިއަދުގެ މިވަގުތާއި ހަމައަށް އެކަނިވެސް ޣައްޒާއިން 12 މީހަކު ޝަހީދުކޮށްލައިފި




