
ޣާޒީ ސްކޫލުގެ ދަރިވަރުންނަށް ހިންގި ހައިޑްރޯޕޮނިކްސް ތަމްރީން ކާމިޔާބުކަމާއިއެކު ނިންމާލައިފި
# މިނިސްޓްރީ އޮފް އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއަރ-
ރާއްޖޭގައި ދަނޑުވެރިކަމުގެ ސިނާއަތް ކުރިއަރުވައި ތަރައްގީކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ދަށުން، ޅަފަތުގައި ކުދިން މިކަމަށް އަހުލުވެރިކޮށް ޝައުގުވެރިކުރުވުމުގެ މަގުސަދުގައި ޣާޒީ ސްކޫލުގައި ކުރިއަށްގެންދިޔަ ޒަމާނީ ހައިޑްރޯޕޮނިކްސް ތަމްރީނު ޕްރޮގްރާމް ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.

ރާއްޖޭގެ އެކި ހިސާބުތަކުގެ ސްކޫލްތަކުގެ ދަރިވަރުންނާއި މުވައްޒަފުންނަށް އަމާޒުކޮށްގެން ސަރުކާރުން ކުރިއަށްގެންދާ މި ސިލްސިލާ ހަރަކާތްތަކަކީ ދަނޑުވެރިކަމުގެ މުސްތަގުބަލު އުޖާލާކުރުމަށް ކުރެވޭ މަސައްކަތެކެވެ.
އޭޕްރީލް 22 ވަނަ ދުވަހު ފެށި މި ތަމްރީނު ޕްރޮގްރާމް ނިންމުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ 21 މެއި ވީ ބުރާސްފަތި ދުވަހު އެ ސްކޫލްގައެވެ. މި ހަފުލާ ޝަރަފްވެރިކޮށްދެއްވީ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަޙްމަދު ހަސަން ދިދީ އެވެ.
ޖުމްލަ 38 ބައިވެރިންނާއެކު 25 ދުވަހުގެ މުއްދަތަށް ކުރިއަށްގެންދިޔަ މި ޕްރޮގްރާމްގެ ފުރަތަމަ ދުވަހު ކުރިއަށްދިޔައީ ފަންނީ މައުލޫމާތު ހިއްސާކުރުމުގެ ތިއަރީ ސެޝަނެކެވެ. މި ސެޝަނުގައި ހައިޑްރޯޕޮނިކްސްގެ މަސައްކަތްތައް ކުރިއަށްދާ ގޮތުގެ ފަންނީ ތަފްސީލު ދަރިވަރުންނާއި މުވައްޒަފުންނަށް ވަނީ އޮޅުންފިލުވައިދީފައެވެ. އޭގެ ފަހުން ކުރިއަށްދިޔަ އަމަލީ މަސައްކަތްތަކުގެ ސެޝަންތަކުގައި، ގަސް އިންދުމަށް ބޭނުންވާ މީޑިއަމް ތައްޔާރުކުރާނެ ގޮތާއި އޮށް އިންދާނެ ގޮތް ދަރިވަރުން ވަނީ އަމަލީގޮތުން ދަސްކޮށްފައެވެ. އަދި މީގެ ކުރިން އިންދާފައިވާ ކުދި ގަސްތައް ހައިޑްރޯޕޮނިކްސް ސިސްޓަމްތަކަށް ބަދަލުކުރުމުގެ މުހިންމު މަސައްކަތްވެސް މި ސެޝަންތަކުގައި ވަނީ ކުރިއަށްގެންގޮސްފައެވެ.
މި ތަމްރީނަކީ އޮށް އިންދުމުގެ މަރުހަލާއިން ފެށިގެން އެއިން ކާނާ ކެނޑުމާ ހަމައަށް ބޭނުންވާނެ ހުރިހާ ފަންނީ އެހީތެރިކަމެއް މި ވުޒާރާގެ ތަޖުރިބާކާރުންގެ ބެލުމުގެ ދަށުން ކުރިއަށްގެންދިޔަ ހަރަކާތެކެވެ. މި ބުރަ މަސައްކަތުގެ ފޮނި ނަތީޖާއެއްގެ ގޮތުން، ދަރިވަރުން ބެލެހެއްޓި ސިސްޓަމްތަކުގައި ލެޓިއުސް އަދި ޗައިނީސް ކެބެޖު ހިމެނޭހެން 160 ގަސް ވަނީ ކާމިޔާބުކަމާއެކު ހައްދާފައެވެ. އަދި ބުރާސްފަތި ދުވަހު ބޭއްވުނު ނިންމުމުގެ ރަސްމިއްޔާތުގައި ވަނީ އެ ގަސްތަކުން ފަތްކަނޑާ، ދަރިވަރުންގެ އަމަލީ މަސައްކަތުގެ ކާމިޔާބީ ފާހަގަކޮށްފައެވެ.
ގުޅުންހުރި

ޣާޒީ ސްކޫލުގެ ދަރިވަރުންނަށް ހިންގި ހައިޑްރޯޕޮނިކްސް ތަމްރީން ކާމިޔާބުކަމާއިއެކު ނިންމާލައިފި

މެޕްގެ ގްރާންޓުގެ ދަށުން 6 ދަނޑުވެރިންނާއިއެކު އެއްބަސްވުމުގައި ސޮއިކޮށްފި

މަގުމަތީގައި އުޅޭ ބުޅާތަކަށް ގޯނާކުރާކަމުގެ ޝަކުވާތަކާއިއެކު އިތުރު ބުޅާތައް ފެސިލިޓީއަށް ގެންދިޔުމަށް މަސައްކަތްކުރަނީ!




