
-
ލަންކާއަށް ދަތުރުކުރާ ދިވެހީން އީޓީއޭ ހޯދަން ޖެހޭ ގޮތަށް ހެދުމުން ސަމާލުވުމަށް ފޮރިން މިނިސްޓްރީން އިލްތިމާސްކޮށްފި އެވެ.

ފޮރިން މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ސްރީލަންކާއަށް ޒިޔާރަތްކުރާ ދަތުރުވެރިން އެ ޤައުމަށް އެތެރެވުމުގެ ކުރިން "އިލެކްޓްރޯނިކް ޓްރެވަލް އޮތޮރައިޒޭޝަން (ETA)" އެއް ހޯދަންޖެހޭ ގޮތަށް ކަނޑައަޅައި ސްރީލަންކާ ގެ ވަޒީރުންގެ މަޖިލީހުން ނިންމުމާ ގުޅިގެން މި ހިނގާ މޭ މަހުގެ 25 އިން ފެށިގެން ސްރީލަންކާއަށް ދަތުރުކުރާ ދިވެހިން ވެސް ސްރީލަންކާއަށް އެތެރެވުމުގެ ކުރިން “ETA” ހޯދަންޖެހޭ ގޮތަށް ސްރީލަންކާ ގެ އިމިގްރޭޝަނުން ހަމަޖައްސާފައިވާ ކަމަށެވެ.
މިގޮތުން، ސްރީލަންކާއަށް ޒިޔާރަތްކުރާ ކޮންމެ ދަތުރުވެރިޔަކު މިލިންކް މެދުވެރިކޮށް، ދަތުރު ކުރުމުގެ ކުރިން މި ފޯމް ފުރިހަމަ ކުރަން ޖެހެގޮތަށް ވަނީ ކަނޑައަޅާފައިވެއެވެ.
އިލެކްޓްރޯނިކް ޓްރެވަލް އޮތޮރައިޒޭޝަން ހޯދަން ޖެހުމުގެ ސަބަބުން، ސްރީލަންކާއިން ދިވެހިންނަށް ވިސާ ދިނުމަށް ހަމަޖެހިފައިވާ ސިޔާސަތަކަށް އެއްވެސް ބަދަލެއްއައިސްފައިނުވާ ކމަަށާއި އެހެންކަމުން، ކުރިން ހަމަޖެހިފައިވާ ގޮތަށް ދިވެހިންނަށް ޓޫރިސްޓް ވިސާ އެއްވެސް ފީއަކާ ނުލައި (90 ދުވަސް) ލިބޭނެކަން ފޮރިން މިނިސްޓްރީން ވަނީ ބުނެފައި އެވެ.
އަދި ސްރީލަންކާގެ އިލެކްޓްރޯނިކް ޓްރެވަލް އޮތޮރައިޒޭޝަން (އީ.ޓީ.އޭ) އާ ގުޅޭ އުސޫލަށް ގެނައި ބަދަލާ ގުޅިގެން، ދިވެހި ރައްޔިތުންނަށް ލުއިފަސޭހަ ގޮތްތަކެއް ހޯދައިދިނުމަށްޓަކައި ދިވެހި ސަރުކާރުން ސްރީލަންކާ ސަރުކާރާއެކު މަޝްވަރާކުރަމުންދާކަންވެސް ވަނީ ހާމަކޮށްފައި އެވެ.
މިނިސްޓްރީން ވަނީ ސްރީލަންކާއަށް ޒިޔާރަތް ކުރާ ދިވެހީން، އެ ޤައުމަށް ދަތުރުކުރުމުގެ ކުރިން ސްރީލަންކާ ގެ "އިލެކްޓްރޯނިކް ޓްރެވަލް އޮތޮރައިޒޭޝަން (ETA)” ފޯމް ފުރުމަށް އިލްތިމާސް ކޮށްފައެވެ.






