
-
މައިންޑްކޯއާއި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގުޅިގެން ގައުމީ އޭއައި އެންޑް ޑޭޓާ ކޮމްޕެޓެންސީ ސެންޓަރ، މޯލްޑިވްސް އޭއައި ލެބް އިފްތިތާހުކޮށްފިއެވެ. މިއީ ރާއްޖެއަށް ޑިޖިޓަލް އިންގިލާބެއް ގެނައުމުގެ އެޖެންޑާ މޯލްޑިވްސް 2.0 ގެ ދަށުން ކުރެވޭ މުހިންމު މަސައްކަތެކެވެ.

މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މޯލްޑިވްސް އޭއައި ލެބް ރަސްމީކޮށް އިފްތިތާހުކޮށްދެއްވީ މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ، ލޭބަރ އެންޑް ޓެކްނޮލޮޖީ އަލީ އިހުސާންއެވެ.
މޯލްޑިވްސް އޭއައި ލެބް ރަސްމީކޮށް އިފްތިތާހުކުރުމާ އެކު، މި ސެންޓަރުގެ އެންމެ ފުރަތަމަ ހަރަކާތްތައް މިއަދު ފެށިގެންދިޔައީ ސެންޓަރުގެ މަސައްކަތް ފެށުމުގެގޮތުން ބޭއްވި "ކޯ.ލެބް 26" ހަރަކާތާއެކުގައެވެ. ކޯ.ލެބް 26 އަކީ އޭއައި ބޭނުންކުރުމާއި ގުޅޭގޮތުން ރާއްޖޭން ގެންގުޅޭނެ ގައުމީ އުސޫލުތައް ބައްޓަންކުރުމަށްޓަކައި ކުރިއަށްގެންދާ ހަތަރު ދުވަހުގެ ގައުމީ ހަރަކާތެކެވެ.
މި ޕްރޮގްރާމުގެ ފުރަތަމަ ދެ ދުވަހު މައިގަނޑު ގޮތެއްގައި މަސައްކަތްކުރާނީ އޭއައި މެދުވެރިކޮށް އާންމުންނަށް ލިބޭނެ ފައިދާއަށާއި، ގައުމީ އަމާޒުތަކަށް ރިއާޔަތްކޮށް، އޭއައި ބޭނުންކުރާނެ މުހިންމު ދާއިރާތައް ދެނެގަތުމަށެވެ. މީގެ އިތުރުން ޑޭޓާގެ ތައްޔާރީތަކާއި، އަމަލީގޮތުން އެކަން ކުރެވިދާނެ މިންވަރާއި، ޒިންމާދާރުކަމާއެކު އޭއައި ބޭނުންކުރުމާ ގުޅޭގޮތުން މަޝްވަރާކޮށް އިސްކަންދޭނެ ކަންކަން ކަނޑައެޅޭނެއެވެ. ޕްރޮގްރާމުގެ ފަހު ދެ ދުވަހު ކުރިއަށްދާނީ ތަޖުރިބާކާރުންގެ އިރުޝާދާއެކު ބާއްވާ "ހެކަތަން" އެކެވެ. މި ހެކަތަންގައި ދެ ދާއިރާއަކުން (ޓްރެކަކުން) މަސައްކަތް ކުރެވޭނެއެވެ. އެއީ ސަރުކާރުގެ މަސައްކަތްތަކަށް އޭއައި ބޭނުންކުރާނެ ގޮތްތައް ދެނެގަތުމަށް ހާއްސަ "އެޕްލައިޑް އޭއައި ޓްރެކް" އާއި، ބޭންކް އޮފް މޯލްޑިވްސްގެ 'ސްވައިޕް އޭޕީއައި' ބޭނުންކޮށްގެން ކުރިއަށްގެންދާ "ފިންޓެކް އިނޮވޭޝަން ޓްރެކް" އެވެ.
ބޭންކުގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަރީފް ވިދާޅުވީ ކަސްޓަމަރުންނަށް ޚިދުމަތްދޭ އިދާރާތަކުން ކަސްޓަމަރުންގެ ބޭނުންތައް ދެނެގަތުމާއި ހިރާސްތައް މެނޭޖުކުރުމާއި އާންމު ހިދުމަތްތައް ފޯރުކޮށްދިނުމާއި ސްކޭމްތައް ދެނެގަތުމާއި ސައިބަރ ސެކިއުރިޓީ ވަރުގަދަކުރުމުގެ އިތުރުން، އަވަސް އަދި މައުލޫމާތުގެ މައްޗަށް ބިނާވެފައިވާ ނިންމުންތައް ނިންމުމުގެ ގާބިލުކަން އާޓިފިޝަލް އިންޓެލިޖެންސް އޭއައިއަށް ލިބިގެންވާ ކަމަށާއި ޓެކްނޮލޮޖީއަކީ މާލީ އިދާރާތަކަށް މިހާރު ހަމައެކަނި މަސައްކަތްތަކަށް އެހީތެރިވެދޭ ކަމެއް ނޫން ކަމަށާއި އޭގެ ބަދަލުގައި، އެއީ ކަސްޓަމަރުންގެ ތަޖުރިބާއާއި، ހިދުމަތްތަކަށް އޮންނަ ފަސޭހަކަމާއި، އަދި އިގްތިސާދީ ބައިވެރިވުން ބައްޓަންކުރަމުންދާ މުހިންމު ވަސީލަތެއް. ކަމަށެވެ.
މައިންޑްކޯގެ މެނޭޖިންގ ޑިރެކްޓަރ ސައީދާ އުމަރު ވިދާޅުވީ، "މިފަދަ ހާއްސަ ގައުމީ މަރުކަޒެއް އުފެދުމުން، ރާއްޖޭގެ އަމިއްލަ އޭއައި އަދި ޑޭޓާގެ ގާބިލުކަން ބިނާކުރުމަށް ފުރިހަމައަށް ސަމާލުކަން ދިނުމުގެ ފުރުސަތު ލިބިގެންދާނެ. އަމަލީ ގޮތުން ބޭނުންކުރެވޭނެ، އަޅުގަނޑުމެންގެ ސަގާފަތާއި އާދަކާދައާ ގުޅޭ، އަދި ރާއްޖޭގެ މާހައުލަށް އެންމެ އެކަށީގެންވާ ގޮތަށް މަސައްކަތްކުރުމަށް މަގުފަހިވެގެންދާނެ. މީގެ ސަބަބުން، ވަކިވަކިން ކުރެވޭ ކަންކަމުގެ ބަދަލުގައި، މުޅި ޤައުމަށް އަމާޒުކޮށްގެން ނިޒާމީ ސިފައެއްގައި މި މަސައްކަތް ކުރިއަށް ގެންދެވޭނެ. މިއީ ދައުލަތުން ކުރާ އިންވެސްޓްމަންޓްތަކުގެ ވިލުންވެރިކަން އިތުރުކޮށް، ދިވެހި ހުނަރުވެރިން ބިނާކޮށް، އަދި އާންމު ޚިދުމަތްތަކުގެ ފެންވަރު މިހާރަށްވުރެ ހަރުދަނާކުރުމަށް އެހީތެރިވެދޭނެ ކަމެއް."
މޯލްޑިވްސް އޭއައި ލެބް ފަރުމާކުރެވިފައިވަނީ އެކި ދާއިރާތައް ގުޅިގެން މަސައްކަތްކޮށް، އޭއައި، ޑޭޓާ އަދި ޑިޖިޓަލް އިނޮވޭޝަންގެ ދާއިރާއިން ގައުމުގައި ދެމެހެއްޓެނިވި ގާބިލުކަން އުފެއްދުމަށެވެ.
ހެކަތަންގެ ނަތީޖާއެއްގެ ގޮތުން ޕްރޮޓޯޓައިޕްތަކާއި، ހައްލު ހޯދޭނެ މަގުތަކާއި، އަދި އަމަލީ ގޮތުން ތަންފީޒުކުރެވޭނެ ކޮންސެޕްޓްތައް ގައުމީ ފެންވަރުގައި ކުރިއަށްގެންދިއުމަށް މަގުފަހިވެގެންދާނެއެވެ. ޝައުގުވެރިވާ ފަރާތްތަކަށް https://colab.mv/ މެދުވެރިކޮށް ހެކަތަންގައި ބައިވެރިވެރިވުމަށް ރަޖިސްޓަރ ކުރެވޭނެއެވެ.
ގުޅުންހުރި

މައިންޑްކޯއާއި ބޭންކް އޮފް މޯލްޑިވްސް އިން މޯލްޑިވްސް އޭއައި ލެބް އިފްތިތާހުކޮށްފި

"ކޯ.ލެބް 26" ގެ ނަމުގައި ޤައުމީ ފެންވަރުގެ ޚާއްސަ ހަރަކާތެއް ބާއްވަނީ

ބީއެމްއެލުން އޭ.އައި.ސީ.ބީ އާ ގުޅިގެން 30 މުވައްޒަފުންނާއެކު ޗާޓަރޑް ބޭންކަރ ޕްރޮގްރާމް ފަށައިފި




