
-
އިންޑިއަން އޯޝަން ޓޫނާ ކޮމިޝަން (އައި.އޯ.ޓީ.ސީ) ގެ 30 ވަނަ ބައްދަލުވުން ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.

މިއީ ދިވެހިރާއްޖޭގައި މި ބައްދަލުވުން ބޭއްވުނު ފުރަތަމަ ފަހަރެވެ.
މި މަހުގެ 4 އިން 15 އަށް ބާސެލޯ ނަސަންދުރައިގައި ކުރިއަށްދިޔަ އައި.އޯ.ޓީ.ސީ ގެ 30 ވަނަ އަހަރީ ބައްދަލުވުމުގައި އިންޑިއާ ކަނޑުގެ އައްސޭރިފަށުގެ ގައުމުތަކާއި، މި ސަރަހައްދުގައި މަސްވެރިކަން ކުރާ އެހެނިހެން ސަރަހައްދުގެ ގައުމުތައް އަދި ކަމާ ގުޅުންހުރި ޖަމުޢިއްޔާ ޖަމާޢަތްތަކުގެ ފަރާތުން 225 އަށްވުރެ ގިނަ މަންދޫބުން ބައިވެރިވިއެވެ. އައިއޯޓީސީގެ ބައްދަލުވުންތަކުގައި މައިގަނޑުގޮތެއްގައި މަޝްވަރާކޮށްފައިވަނީ އިންޑިއާ ކަނޑުގެ ކަނޑުމަހުގެ ބާވަތްތަކަށް އަމާޒުކޮށްގެން ކުރާ މަސްވެރިކަން ރާވާ ހިންގައި ބެލެހެއްޓުމާއި އަދި އެބާވަތްތައް ހިމާޔަތްކުރުމާ ގުޅޭގޮތުންނެވެ.
މި މަޝްވަރާތަކުގައި ކޮމިޝަންގެ 29 މެންބަރު ގައުމަކާއި، ކޮމިޝަނާ ގުޅިގެން މަސައްކަތްކުރާ 2 ގައުމަކާއި، އޮބްޒާވަރުންގެ ގޮތުގައި ހަރަކާތްތެރިވާ 2 ގައުމަކުން ބައިވެރިވިއެވެ. މީގެ އިތުރުން ހިލޭ ސާބަހަށް މަސައްކަތްކުރާ 26 ޖަމްއިއްޔާއަކުންވެސް ބައިވެރިވިއެވެ.
މި ފަހަރުގެ ބައްދަލުވުމުގައި ޖުމްލަ ހަތް ގަރާރެއް ފާސްކޮށްފައިވެއެވެ. މިގޮތުން، މި ސެޝަންގައި ދިވެހިރާއްޖޭގެ ފަރާތުން ތިން ގަރާރެއް ހުށަހަޅައި، އެ ގަރާރުތައް ވަނީ ކާމިޔާބުކަމާއެކު ފާސްކޮށްފައެވެ. އެއީ މަޑި (މޮބިޔުލިޑް) އާއިލާގެ ބާވަތްތައް ހިމާޔަތްކުރުމާ ގުޅޭ ގަރާރަކާއި، މަސްވެރިކަމުގެ ތަފާސްހިސާބުތައް ހުށަހެޅުމުގެ ކަންކަން ހަރުދަނާކުރުމާ ބެހޭ ގަރާރެއްގެ އިތުރުން، ބީ.ބީ.އެން.ޖޭ މުއާހަދާއާ ގުޅިގެން މަސައްކަތް ކުރުމަށް މިދިޔަ އަހަރު ހުށަހެޅި ހުށަހެޅުން އަމަލުކުރުން ލާޒިމުކުރާ ގަރާރަކަށް ބަދަލުކުރުމާ ގުޅޭ ގަރާރެކެވެ.
މީގެ އިތުރުން ރީނދޫއުރަހަ ކަންނެއްޔާއި ތުންގަނޑު ހިބަރު އެކި ގައުމުތަކަށް ބޭނޭނެ މިންވަރު ކަނޑައަޅައި، އެކަން ތަންފީޒުކުރުމަށްޓަކައި އެޅޭނެ ހަރުދަނާ ފިޔަވަޅުތައް ބަޔާންކޮށްފައިވާ ދެ ގަރާރެއް ފާސްކުރުމުގައިވެސް ދިވެހި ރާއްޖެއިން ވަނީ މުހިންމު ދައުރެއް އަދާކޮށްފައެވެ.
މި ބައްދަލުވުން ދިވެހި ދައުލަތުން އިސްނަގައިގެން ދިވެހި ރާއްޖޭގައި ބޭއްވުމަށް ނިންމުމަކީ އިންޑިއާ ކަނޑުގެ މަސްވެރިކަން ރާވައި ހިންގައި ބެލެހެއްޓުމުގައި ސައިންޓިފިކް ހޯދުންތަކާއި، ދެމެހެއްޓެނިވި އަދި ހަމަހަމަ އުސޫލުތަކުގެ މަށްޗަށް ބިނާކޮން މަސްވެރިކަން މެނޭޖްކުރުމުގެ ކަންކަން ހިންގުމަށް ދިވެހި ރާއްޖެއިން ދޭ އަހަންމިއްޔަތުކަން ހާމަކޮށްދިން ކަމެކެވެ. އަދި ބައްދަލުވުމުގެ ޒަރިއްޔާއިން ކަނޑުގެ ވަސީލަތްތައް އަންނަން އޮތް ޖީލުތަކަށް ރައްކާތެރިކަމާއެކު ފޯރުކޮށްދިނުމަށް ސަރަހައްދީ ގައުމުތަކާއެކު ގާތުން މަސައްކަތްކުރުމުގައި ރާއްޖެ ދެމިއޮންނާނެކަމުގެ ޔަގީންކަން ވެސް ވަނީ ދީފައެވެ.
އައިއޯޓީސީ ފަދަ މުހިންމު ބައްދަލުވުމެއް ރާއްޖޭގައި ބޭއްވިގެން މިދިޔައީ މަސްވެރިކަމުގެ ސިނާއަތް ކުރިއެރުވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު އިސްނަންގަވައިގެން މި ސަރުކާރުން ކުރަމުން އަންނަ މުހިންމު މަސައްކަތްތަކުގެ ސަބަބުންނެވެ. އައި.އޯޓީ.ސީ ފަދަ މުހިންމު ބައްދަލުވުމެއް ރާއްޖޭގައި ބާއްވަން ރައީސް ޑރ.މުހައްމަދު މުއިއްޒު ނިންމެވީ މިކަމުގެ ސަބަބުން މަސްވެރި ސިނާއަތަށް މިކަމުން ކުރާނެ ފައިދާއާއި މިކަމުގެ މުހިންމު ކަމުންނެވެ. އަދި މި ބައްދަލުވުން ބޭއްވުމަށް ހުރިހާ އިންތިޒާމެއް ސަރުކާރުން ހަމަޖައްސައިދެއްވިކަމީ މިކަމުގެ މުހިންމުކަން ހާމަކޮށްދޭ ކަމެކެވެ. ރާއްޖޭގެ މަސްވެރިކަން ކުރިއެރުވުމަށް ރާއްޖެއާއި ރާއްޖެއިން ބޭރުގައި މި ސަރުކާރުން އަންނަނީ މުހިންމު ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.
މި ބައްދަލުވުން އިންތިޒާމުކޮށް، ކާމިޔާބުކަމާއެކު ކުރިއަށް ގެންދިއުމަށް އެހީތެރިވެދެއްވި އެންމެހައި ފަރާތްތަކަށް، ވަކިން ހާއްސަކޮށް އެމް.އެސް.ޕީ.އީ.އޭ، އެމް.ޓީ.ސީ.ސީ، އެމް.ފޯރމް.ޕީ.ސީ އަދި އެޗް.ޑީ.ސީ އަށް ޚާއްޞަ ޝުކުރެއް ދަންނަވަމެވެ.






