logoEN
WAMCO TOP 1
"ކޯ.ލެބް 26" ގެ ނަމުގައި ޤައުމީ ފެންވަރުގެ ޚާއްސަ ހަރަކާތެއް ބާއްވަނީ

"ކޯ.ލެބް 26" ގެ ނަމުގައި ޤައުމީ ފެންވަރުގެ ޚާއްސަ ހަރަކާތެއް ބާއްވަނީ

# މައިންޑްކޯ# ބީއެމްއެލް

ފޮޓޯ: މައިންޑްކޯ

މައިންޑްކޯ އާއި ބޭންކް އޮފް މޯލްޑިވްސް ގުޅިގެން، "ކޯ.ލެބް 26" ގެ ނަމުގައި ޤައުމީ ފެންވަރުގެ ޚާއްސަ ހަރަކާތެއް ބާއްވަން ނިންމައިފިއެވެ.

THE TRAVELLER AD

އާރޓިފިޝަލް އިންޓެލިޖަންސް އަދި ޑޭޓާގެ ޤާބިލިއްޔަތު އިތުރުކުރުމަށް މައިންޑްކޯ އާއި ބޭންކް އޮފް މޯލްޑިވްސް ގުޅިގެން، މި ހަރަކާތެއް ބޭއްވުމަށް ހަމަޖެހިފައިވަނީ މި މަހުގެ 18 އިން 21ވަނަ ދުވަހުގެ ނިޔަލަށް ހޮޓެލް ޖެންގައެވެ.

މި ހަރަކާތަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިސްނެންގެވުމަށް "މޯލްޑިވްސް 2.0" އެޖެންޑާގެ ދަށުން، އަދި ނެޝަނަލް އޭއި އެންޑް ޑޭޓާ ކޮމްޕިޓެންސީ ސެންޓަރއެއް ޤާއިމުކުރުމަށް މައިންޑްކޯ އަދި ބީ.އެމް.އެލް އިން 04 އޭޕްރީލް 202ގައި ސޮއިކުރެވުނު ފަހުމުނާމާގެ ދަށުން ހިންގާ ޤައުމީ ހަރަކާތެކެވެ.

ހަތަރު ދުވަހުގެ މުއްދަތަށް ބާއްވާ މި ހަރަކާތް ބެހިގެންވަނީ މައިގަނޑު ދެ ބަޔަކަށެވެ.

އެގޮތުން ފުރަތަމަ ދެ ދުވަސް ޚާއްސަކުރެވިފައި ވަނީ ސަރުކާރުގެ ވުޒާރާތަކާއި މުއައްސަސާތަކުގެ މަސައްކަތްތައް ހަރުދަނާކުރުމާއެކު އެފިޝެންސީ އަދި އުފެއްދުންތެރިކަން އިތުރުކުރުމަށް އޭ.އަިއި ބޭނުންކުރެވިދާނެ "ޔޫސް-ކޭސް" ދެނެގަތުމަށް ބޭއްވޭ ސްޕްރިންޓް ސެޝަންއެއްގެ ގޮތުގައެވެ.

ހަރަކާތުގެ ފަހު ދެ ދުވަހު (މޭ 20 އިން 21 އަށް) ކުރިއަށްދާނީ އަމަލީ ނަތީޖާއަށް އަމާޒުކޮށްގެން ބާއްވާ "ކޯ.ލެބް 26 ހެކަތަން"އެވެ. ހެކަތަންގެ މަސައްކަތްތައްވެސް ބަހާލެވިފައިވަނީ އޭ.އައި ބޭނުންކޮށްގެން ދެ ދާއިރާއަކުން އީޖާދީ މަސައްކަތްތައް ކުރިއަށް ގެންދިއުމަށެވެ.

މިގޮތުން ފުރަތަމަ ދާއިރާ ޚާއްސަކުރެވިފައިވަނީ ކޯލެބް އިވެންޓްގެ ފުރަތަމަ ދެ ދުވަހު ސަރުކާރުގެ އިދާރާތަކުން އިސްފަސްކުރާ އޭ.އަައި ޔޫސްކޭސްތަކަށް ދާއިރާގެ ފަންނީ ހުނަރުވެރިންނާއި، ތަޖުރިބާކާރުންނާއި، ޑިވެލޮޕަރުންނާއި، ހެކަތަންގެ ބައިވެރިން ގުޅިގެން އިޖާދީ ހައްލު ހޯދުމަށެވެ.

އަދި ދެވަނަ ދާއިރާ ޚާއްސަކުރެވިފައިވަނީ ބޭންކް އޮފް މޯލްޑިވްސްގެ ސްވައިޕް އޭ.ޕީއައި ބޭނުންކޮށްގެން ފިންޓެކް ނުވަތަ މާލީ ދާއިރާއަށް އައު އީޖާދުތައް ތައާރަފުކުރުމަށް ނުވަތަ ހައްލުތައް ހޯދުމަށެވެ.

ސަރުކާރުގެ އިދާރާތަކުން އެންމެ އިސްކަންދޭނެ ޔޫސްކޭސްތައް އެކަށައެޅިގެންދާނީ ޔޫސްކޭސްތައް ޖަޖްކުރުމަށް އެކުލަވާލެވޭ ފަންނީ މާހިރުންގެ ޕެނަލްއަކުން ދޭ މާކުހުގެ އިތުރުން، ކޯލެބް އިވެންޓްގައި ހަރަކާތްތެރިވާ ބައިވެރިންގެ ވޯޓާއި އާންމު ރައްޔިތުންގެ ހިޔާލާއި ވޯޓު ހިމެނޭ ދެފުށް ފެންނަ ސްކޯރިންގ ނިޒާމެއްގެ އެހީތެރިކަމާއެކުވެ.

އާއްމުންގެ ވޯޓަށް ޔޫސްކޭސްތައް ހުޅުވާލެވިގެންދާނީ 19 މެއި އިން ފެށިގެން 7 ދުވަހުގެ މުއްދަތަށެވެ. ޔޫސްކޭސްތަކަށް އާއްމުންގެ ފަރާތުން ލިބޭ ވޯޓަށް ބިނާކޮށް ކުރިމަގުގައި "ނޭޝަނަލް އޭއައި އެންޑް ޑޭޓާ ކޮމްޕިޓެންސީ ސެންޓަރު" މެދުވެރިކޮށް އޭ.އައިގެ އެހީތެރިކަމާއެކު ސަރުކާރުގެ އިދާރާތަކަށް ބޭނުންކުރެވިދާނެ އީޖާދީ ހައްލުތައް ހޯދުމުގެ މަގުޗާޓެއް އެކުލަވާލެވި، ރައްޔިތުންނަށް މަންފާކުރާނެ މަޝްރޫޢުތަކެއް ހިންގުމަށް ސެންޓަރުގެ މަސައްކަތްތައް އަމާޒުކޮށް ބައްޓަންކުރެވިގެންދާނެއެވެ.

އޭ.އައި އެންޑް ޑޭޓާ ސެންޓަރުގެ މައިގަނޑު މަގްސަދަކީ ސަރުކާރުގެ އެކި އިދާރާތަކުގައި ގުޅިގެން އެއްފުރާޅެއްގެ ދަށުން، ޒިންމާދާރުކަމާއެކު އޭ.އައި ފަދަ ފަހުގެ ޓެކްނޮލޮޖީތައް ބޭނުންކޮށްގެން އާންމު ހިދުމަތްތައް ހަރުދަނާކުރުމަށް ބޭނުންވާ ފަންނީ ގާބިލުކަން ގައުމުގައި ބިނާކުރުމެވެ.

އަދި އަމަލީ ގޮތުން ނަތީޖާ ނެރެވޭނެ ފަދަ އޭ.އައި ނިޒާމުތަކާއި އިޖާދީ ހައްލުތައް ދައުލަތުގެ ތެރޭގައި ބޭނުންކުރުމާއެކު ރާއްޖޭގެ ފިންޓެކް އިކޯސިސްޓަމަށް ގެނެވޭ އިޖާދީ ހައްލުތަކާއެކު ރައްޔިތުންނާއި ޚިދުމަތްހޯދާ ފަރާތްތަކަށް ފޯރުކޮށްދެވޭ ޚިދުމަތްތަކުގެ ފެންވަރު މަތިކުރުމަށް މަގުފަހިކޮށްދިނުމެވެ.

"ކޯ.ލެބް 26"އަކީ ރާއްޖޭގެ ޑިޖިޓަލް އިންގިލާބުގައި ކޮންމެ ރައްޔިތެއްގެ ބައިވެރިވުން ހިމެނޭކަން ކަށަވަރުކުރުމަށް އެޅޭ ވަރަށް މުހިންމު ފިޔަވަޅެކެވެ.

މައިންޑްކޯ އާއި ބޭންކް އޮފް މޯލްޑިވްސް ގުޅިގެން މި ފަހިކޮށްދެނީ، އޭއައިގެ ކުރިއެރުންތަކަށް ރާއްޖެއިން ހަމައެކަނި ބަލަން ތިބުމުގެ ބަދަލުގައި، އެ ކުރިއެރުންތައް އަމަލީ ގޮތުން ބޭނުންކޮށްގެން ރައްޔިތުންނަށް އޭގެ ފައިދާ ހޯދައިދޭނެ ގައުމީ މަގުޗާޓެކެވެ.

މިއީ އުފެއްދުންތެރި، ދެފުށް ފެންނަ، އަދި ޓެކްނޮލޮޖީގެ ގޮތުން ކުރިއަރާފައިވާ ރާއްޖެއަކަށް ކުރާ ދަތުރުގެ ވަރަށް އުއްމީދީ ފެށުމެކެވެ.

ކޮމެންޓް
ފަހުގެ
HDC