
-
މިއަދުގެ ކުޑަކުދިންނަށް ދިވެހިބަހުން މުޢާމަލާތުކުރަން ނޭނގުމަކީ ނުހަނު ބޮޑަށް ކަންބޮޑުވާންޖެހޭ މައްސަލައެއް ކަމަށް ވަޒީރު ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.

ދައުލަތުގެ މީޑިއާ، ޕީ.އެސް.އެމްގެ "ރާއްޖެ މިއަދު" ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ހީނާ ވިދާޅުވީ، ކުޑަކުދިންގެ ހިތްތަކުގައި ދިވެހިބަހަށް ލޯބި ޖެއްސުމަށްޓަކައި މަސައްކަތްކުރާ ބައެއްކަމުގައި އަޅުގަނޑުމެން އެންމެން ވާންޖެހޭ ކަމަށެވެ. އަދި ދިވެހިބަސް ދިރުވާ އާލާކުރުމަށްޓަކައި، ކުޑަކުދިންގެ ހިތްތަކުގައި ބަހާއި ސަގާފަތަށް ލޯބިޖެއްސޭނީ މިއަދު މައިންބަފައިން ކުރާ މަސައްކަތުން ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.
މިކަމުގައި ދިމާވާ ގޮންޖެހުންތަކަށް އަލިއަޅުއްވާލައްވަމުން ވަޒީރު ވިދާޅުވީ، މިއަދުގެ ދިރިއުޅުމުގެ އާދަކާދަތައް ހުރިގޮތުން "އަޅުގަނޑުމެންގެ ދަރިން ކޮންމެވެސް ބޭރު ނެނީއެއް ކައިރީ ބަހައްޓާފައި، މަސައްކަތް ކުރަން ދާން" ޖެހިފައިވާ ކަމަށެވެ. މީގެ ސަބަބުން އެ ކުދިންނަށް ދިވެހި ބަހުން މުޢާމަލާތުކުރުމަށް ލިބޭ ވަގުތު ވަރަށް މަދުވެފައިވާކަން ވަޒީރު ފާހަގަކުރެއްވިއެވެ.
މި މައްސަލަ ހައްލުކުރުމަށްޓަކައި ތިން ގޮތަކަށް އެކުދިންނަށް އަމާޒުކޮށްގެން ކަންތައްތަކެއް ކުރަންޖެހޭ ކަމަށް ވަޒީރު ވިދާޅުވިއެވެ. އެގޮތުން ތަރުބަވީ ގޮތުންނާއި، ތަޢުލީމީ ގޮތުންނާއި އަދި އިޖުތިމާޢީ ގޮތުން އެކުދިންނަށް މިކަންކަން ފޯރުކޮށްދިނުމަށް މަސައްކަތްތަކެއް ކުރަންޖެހޭ ކަމަށް ވަޒީރު ވިދާޅުވިއެވެ.
"މިސާލަކަށް ތަޢުލީމީ ދާއިރާއިން ބަލާއިރު، ކޮބާތޯ އެކުދިން ބަސް ކިޔެވުމަށް ޝައުގުވެރިވާނެ ގޮތަކީ ނުވަތަ އިޖުތިމާޢީ ގޮތުން އަޅުގަނޑުމެން އެންމެންނަކީ ސާފު ދިވެހިބަހުން، ޤަވާޢިދުތަކާއި ހަމަތަކާ އެއްގޮތަށް މުޢާމަލާތްކުރާ ބަޔަކަށް ވާންޖެހޭ،" ވަޒީރު ވިދާޅުވިއެވެ.
ގުޅުންހުރި

ދަރިންނަށް ދިވެހިބަހުން ވާހަކަދައްކަން ނޭނގުމަކީ ކަންބޮޑުވާންޖެހޭ މައްސަލައެއް - ހީނާ

ތަރިކައިގެ ފަތުރުވެރިކަމުން ރާއްޖޭގެ ފަތުރުވެރިކަން އާ ހަރުފަތަކަށް ގެންދެވޭނެ - ހީނާ
ޒާތީނުވެ، ދޮގު ނަހަދާ، އަބުރާ ނުބެހިވެސް ސަރުކާރަށް ފާޑުކިޔާ ޒިއްމާދާރު ކުރެވޭނެ - ހީނާ




