logoEN
WAMCO TOP 1
އައްޑޫ ރީޖަނަލް ފްރީ ޒޯންގެ ޚިދުމަތްތައް އިފްތިތާހުކޮށްފި

އައްޑޫ ރީޖަނަލް ފްރީ ޒޯންގެ ޚިދުމަތްތައް އިފްތިތާހުކޮށްފި

އަހުމަދު ޝުރާއު

logo

5/14/2026, 6:49:14 AM

# އައްޑޫ ސިޓީ

-

އައްޑޫ ސިޓީގެ އިޤްތިޞާދީ ކުރިމަގަށް އެޅުނު މުހިންމު ފިޔަވަޅެއްގެ ގޮތުން، "އައްޑޫ ރީޖަނަލް ފްރީ ޒޯން" ގެ ޚިދުމަތްތައް މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، ޓްރާންސްޕޯޓް އެންޑް ޓްރޭޑް މުޙައްމަދު ސަޢީދު އިއްޔެ ރަސްމީކޮށް އިފްތިތާހުކޮށްދެއްވައިފިއެވެ.

THE TRAVELLER AD

އައްޑޫ ސިޓީ ހިތަދޫގައި މިއަދު ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި މި ޚިދުމަތްތައް ފަށްޓަވައިދެއްވުމަށްފަހު ދެއްކެވި ވާހަކަފުޅުގައި، މިނިސްޓަރ ސަޢީދު ވިދާޅުވީ އައްޑޫ ރީޖަނަލް ފްރީ ޒޯނުން ބިން ކުއްޔަށް ހިފުމަށް އެދި ހުށަހެޅުމުގެ ފުރުޞަތު މިހާރު ހުޅުވާލެވިފައިވާ ކަމަށެވެ. މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ރާއްޖޭގެ އިޤްތިޞާދު ފުޅާކޮށް، އަތޮޅުތަކުގެ ތަރައްޤީއަށް ކުރައްވަމުންދާ މަސައްކަތްތަކުގެ ތެރެއިން އެޅުނު ވަރަށް މުހިންމު ފިޔަވަޅެއްކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

މި ފްރީ ޒޯންގެ ސަބަބުން ލިބިގެންދާނެ ފައިދާތަކަށް އަލިއަޅުވާލައްވަމުން މިނިސްޓަރ ވިދާޅުވީ، މި ސަރަހައްދުގައި ޑިއުޓީއާ ނުލައި މުދާ ރައްކާކޮށް ބެހެއްޓުމުގެ ފުރުޞަތު ލިބިގެންދާނެ ކަމަށެވެ. އަދި މީގެ އިތުރުން، އެކި ބާވަތްތަކުގެ އުފެއްދުންތައް އުފައްދާ ފެކްޓްރީތައް ހިންގުމުގެ މަގު ފަހިވެ، އައްޑޫގެ ވިޔަފާރިވެރިންނަށް މީގެ ކުރިން ނުލިބޭ ފަދަ ގިނަގުނަ އިޤްތިޞާދީ ފުރުޞަތުތަކެއް ހުޅުވިގެންދާނެ ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

މި މަޝްރޫޢަކީ އައްޑޫ ސިޓީއަކީ އިޤްތިޞާދީ މައި ހަބަކަށް ހެދުމަށް ސަރުކާރުން ގެންގުޅުއްވާ ތަޞައްވުރުގެ ދަށުން ކުރިއަށްދާ މަސައްކަތެކެވެ. މި ފްރީ ޒޯންގެ ސަބަބުން ދެކުނުގެ އަތޮޅުތަކުގެ ވިޔަފާރިއަށް އައު ދިރުމެއް ލިބިގެންދާނެއެވެ.

މިއަދުގެ ރަސްމިއްޔާތުގައި މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ، ލޭބަރ އެންޑް ޓެކްނޮލޮޖީ، ޢަލީ އިޙްސާނާއި، މޯލްޑިވްސް ޕޯޓްސް ލިމިޓެޑްގެ ޑެޕިއުޓީ ސީ.އީ.އޯ މުޙައްމަދު ލަމްޢާނާއި، ސަރުކާރުގެ އިސް ބޭފުޅުންނާއި އައްޑޫ ސިޓީގެ ކަމާބެހޭ އިދާރާތަކުގެ ވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

ކޮމެންޓް
ފަހުގެ
HDC