
އައްޑޫ ބިޒްނަސް ޑައިލޮގް: ދެކުނުގެ އިޤްތިޞާދު ކުރިއެރުވުމަށް ބޭއްވޭ ތާރީޚީ ބައްދަލުވުމެއް!
# އައްޑޫ ސިޓީ-
އައްޑޫ ސިޓީގައި ބޭއްވުމަށް ހަމަޖެހިފައިވާ "އައްޑޫ ބިޒްނަސް ޑައިލޮގް" އަކީ ރާއްޖޭގެ ވަކި ސަރަޙައްދަކަށް އަމާޒުކޮށްގެން ބާއްވާ މިފަދަ ފުރަތަމަ އިޤްތިޞާދީ ފޯރަމެވެ. މިއީ ރާއްޖޭގެ ދެކުނުގެ އިޤްތިޞާދީ ކުރިއެރުމަށާއި ވިޔަފާރީގެ ފުރުޞަތުތައް ފަހިކުރުމަށް އެޅޭ ތާރީޚީ ފިޔަވަޅަކަށް ވެގެންދާނެ ފޯރަމެކެވެ.

މި މެއި މަހުގެ 13 އަދި 14 ވަނަ ދުވަހު އައްޑޫ ސިޓީގައި ބޭއްވުމަށް ހަމަޖެހިފައިވާ މި ފޯރަމަކީ ވިޔަފާރިވެރިންނާއި، އިންވެސްޓަރުންނާއި، ސިޔާސަތު ކަނޑައަޅާ ފަރާތްތަކުގެ އިތުރުން ސިނާޢީ ދާއިރާތަކުގެ އިސް ފަރާތްތައް އެއްތަނަކުން ބައްދަލުވެ، އައްޑޫ އާއި ދެކުނުގެ ސަރަޙައްދުގެ މުސްތަޤުބަލާ މެދު މަޝްވަރާކުރާނެ މުހިންމު މަންސައެކެވެ.
މި ފޯރަމާ ގުޅޭގޮތުން މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، ޓްރާންސްޕޯޓް އެންޑް ޓްރޭޑް މުޙައްމަދު ސަޢީދު ވިދާޅުވެފައިވަނީ، މިއީ ސިނާޢަތުގެ ބައިވެރިންނާ ބައްދަލުކޮށް، ވިޔަފާރިތަކަށް ހުރި ފުރުޞަތުތަކާއި ދެވޭނެ އިނާޔަތްތަކުގެ މަޢުލޫމާތު ޙިއްޞާކުރުމަށް ބާއްވާ މުހިންމު ބައްދަލުވުމެއް ކަމަށެވެ.
އައްޑޫ ސިޓީއަކީ ފަތުރުވެރިކަމާއި، މަސްވެރިކަމާއި، ލޮޖިސްޓިކްސް އަދި ޓެކްނޮލޮޖީ ފަދަ ދާއިރާތަކުން ބޮޑު ކުރިއެރުމެއް ހޯދިދާނެ ސަރަޙައްދަކަށް ވާއިރު، މި ފޯރަމްގައި ސަރުކާރުގެ ގިނަ ވުޒާރާތަކަކުން ބައިވެރިވާނެއެވެ. އޭގެ ތެރޭގައި ހޯމް މިނިސްޓްރީ، ފިޝަރީޒް މިނިސްޓްރީ، ޓޫރިޒަމް މިނިސްޓްރީ އަދި ފިނޭންސް މިނިސްޓްރީ އާއި ކަމާ ގުޅުންހުރި މުހިންމު މުވައްސަސާތައް ހިމެނެއެވެ.
އައްޑޫ ސިޓީގައި ހިންގާ ވިޔަފާރިތަކަށް 2027 އިން 2029 އަށް ޚާއްޞަ ލުއިތަކެއް ދިނުމަށް ނިންމަވާފައިވާކަން ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވަނީ 2026 ވަނަ އަހަރުގެ ރިޔާސީ ބަޔާނުގައި ވިދާޅުވެފައެވެ. މިއީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ބާރުވެރިކުރުވައި، ދެކުނުގެ އިޤްތިޞާދީ ޙަރަކާތްތައް އިތުރުކުރުމަށް ކުރެވޭ މަސައްކަތުގެ ބައެކެވެ.
މި ފޯރަމްގައި ބައިވެރިވުމަށް އައްޑޫގެ ގިނަ ވިޔަފާރިތަކަކުން މިހާރުވެސް ޝައުޤުވެރިކަން ފާޅުކޮށްފައިވާއިރު، މިއީ ސަރުކާރާ ސީދާ ވާހަކަދެކެވި، އިންވެސްޓްމަންޓް ފުރުޞަތުތައް ދެނެގަތުމަށް ލިބޭނެ ރަނގަޅު ފުރުޞަތެއް ކަމަށް އެ ފަރާތްތަކުން ދެކެއެވެ.
މިއީ ރާއްޖޭގެ އެކި ސަރަޙައްދުތަކުގެ އިޤްތިޞާދީ ކުރިއެރުމަށް އަމާޒުކޮށްގެން ސަރުކާރުން ފަށާ ސިލްސިލާ ފޯރަމްތަކުގެ ތެރެއިން ބާއްވާ ފުރަތަމަ ޙަރަކާތެވެ. ސަރުކާރުގެ އަމާޒަކީ ރާއްޖޭގެ އިޤްތިޞާދު ހަރުދަނާކޮށް އާންމު ރައްޔިތުންގެ ފުދުންތެރިކަން އިތުރު ކުރެވޭނެ ގޮތްތައް ހޯދައި އެކަންކަން ފަހި ކުރުން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވަނީ އެކި ބައްދަލުވުންތަކުގައިވެސް ފާހަގަ ކުރައްވާފައެވެ. އަދި ޚާއްޞަކޮށް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އާބަން ސެންޓަރުތައް ޤާއިމްކޮށް ސަރަހައްދީ ތަރައްޤީ ގެނައުމަކީ ސަރުކާރުގެ މުހިންމު ސިޔާސަތެއްކަން ވެސް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވަނީ ފާހަގަ ކުރައްވާފައެވެ.





