
މައްކާ ރޫޓު އިނީޝިއޭޓިވްގެ އޮޕަރޭޝަންސް މެނޭޖަރާއި ބައްދަލުކުރައްވައި އިންތިޒާމުތަކާއި ގުޅޭގޮތުން މަޝްވަރާކޮށްފި
# އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާ-
އިސްލާމީކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު، ދިވެހިރާއްޖޭގައި މައްކާ ރޫޓު އިނީޝިއޭޓިވްގެ އެންމެހާ އިންތިޒާމުތަކެއް ހަމަޖައްސަވާ ސަޢުދީ ޢަރަބިއްޔާގެ އަލްޢިލްމު ކުންފުނީގެ އޮޕަރޭޝަންސް މެނޭޖަރު ޢުމަރު ޢަބްދުލްމަޖީދު އާރް. އައްދަޢީޖުއާއި ބައްދަލުކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުން އޮތީ މިއަދު ހެނދުނު އިސްލާމީކަންތައްތަކާއި އައުޤާފާ ބެހޭ ވުޒާރާގައެވެ.
މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން އިސްލާމީކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވަނީ، ސަޢުދީ ޢަރަބިއްޔާއިން މައްކާ ރޫޓުގެ އިންތިޒާމުތަކުގައި ދިވެހިރާއްޖެއަށް ދެއްވާ ޚާއްސަ ސަމާލުކަމަށްޓަކައި، ސަޢުދީ ޢަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒާއި ވަލީ އަޙްދު މުޙައްމަދު ބިން ސަލްމާނަށް، އަދި މިނިސްޓްރީ އޮފް އިންޓީރިޔާ އަދި ޙައްޖު މިނިސްޓްރީގެ އިސްވެރިންނަށް ޝުކުރު އަދާކުރައްވާފައެވެ.
އަދި ދިވެހިރާއްޖޭގައި މައްކާ ރޫޓު އިނީޝިއޭޓިވްގެ އިންތިޒާމުތައް ފުރިހަމަކުރުމަށްޓަކައި އަލްޢިލްމު ކުންފުނީގެ ފަރާތުން ވަޑައިގަންނަވާ ޓީމަށް ވުޒާރާގެ ފަރާތުން ފުރިހަމަ އެއްބާރުލުމާއި އެހީތެރިކަން ދެއްވާނެކަމުގެ ޔަޤީންކަން ވަޒީރު ވަނީ މި ބައްދަލުކުރެއްވުމުގައި ދެއްވާފައެވެ.
މައްކާ ރޫޓު އިނީޝިއޭޓިވްގެ ދަށުން ދިވެހި ޙައްޖުވެރިން ސައުދީއަށް ދަތުރުކުރުމުގެ އިންތިޒާމް ހަމަޖެހިގެންދިއުމަކީ ލިބިގެންދިޔަ ވަރަށް ބޮޑު ފަސޭހައެއްކަން ފާހަގަކޮށްލެވެއެވެ. އެގޮތުން ދިވެހި ޙައްޖުވެރިން ސަޢުދީއަށް އެތެރެވުމުގެ ކުރިން ސަޢުދީ ޢަރަބިއްޔާގެ އިމިގްރޭޝަން ނިމޭއިރު، ޙައްޖުވެރިންގެ ފޮށިތައްވެސް މައްކާ ރޫޓު އިނީޝިއޭޓިވްގެ ފަރާތުން ޙައްޖުވެރިން ތިއްބަވާ ހޮޓަލާއި ހަމައަށް ގެންގޮސްދެއެވެ. އެހެންކަމުން ޙައްޖުވެރިން ޖިއްދާ އެއާޕޯޓުގައި ހޭދަކުރަން ޖެހޭ ވަގުތު ވަރަށް ބޮޑަށް މަދުވެ، ޙައްޖުވެރިންގެ ދަތުރަށް ބޮޑު ފަސޭހައެއް ލިބިގެންދެއެވެ.
ދިވެހިރާއްޖެއަށް މި ޚިދުމަތް ލިބިފައިވަނީ އިސްލާމީކަންތައްތަކާއި އައުޤާފާ ބެހޭ ވުޒާރާއިން ސަޢުދީ ޢަރަބިއްޔާގެ ކަމާބެހޭ އިސްވެރިންނާއެކު ކުރެވުނު މުހިއްމު މަޝްވަރާތަކަކަށް ފަހުގައިކަން ފާހަގަކޮށްލެވެއެވެ.
ގުޅުންހުރި

އިސްލާމީ ދާއިރާގެ 79 އެއް ކުރިޔަށް؛ ހުޅުމާލޭގެ ބޮޑު މިސްކިތުގެ އަމަލީ މަސައްކަތް ސެޕްޓެމްބަރުގައި!

ވަންދޫގައި އަލަށް އިމާރާތްކުރާ ރީތި މިސްކިތުގެ މަސައްކަތުގެ 95 އިންސައްތަ ނިމި، ހުޅުވުމަށް ތައްޔާރުވެއްޖެ!

މީދޫ ކައުންސިލާ ވަޒީރު ޑރ. ޝަހީމް ބައްދަލުކުރައްވައި އިސްލާމީ ދާއިރާއިން ހުރި ކަންބޮޑުވުންތައް އޮޅުންފިލުއްވައިފި




