
ކަނޑުތަކާ ގުޅޭ މިންގަނޑުތައް ކަނޑައަޅައި ހިންގުމުގައި ކުދި ޖަޒީރާ ގައުމުތަކަށް ބޭނުންވާ ޚާއްސަ އެހީތެރިކަން އިތުރުކުރަން ގޮވާލައިފި
# ހާރިޖީ ވުޒާރާ-
އިންޑިއަން އޯޝަން ޓޫނާ ކޮމިޝަން (އައި.އޯ.ޓީ.ސީ) ގެ 30 ވަނަ ބައްދަލުވުން އިފްތިތާހްކުރުމަށް މިއަދު ރާއްޖޭގައި ބޭއްވި ޖަލްސާގައި ބައިވެރިވެވަޑައިގެން މިނިސްޓަރ އޮފް ފޮރިން އެފެއާޒް، އިރުތިޝާމް އާދަމް، ވާހަކަފުޅު ދައްކަވައިފިއެވެ.

މި ބައްދަލުވުމުގައި މިނިސްޓަރ އިރުތިޝާމް ދެއްކެވި ވާހަކަފުޅުގައި، ދެމެހެއްޓެނިވި މަސްވެރިކަން ކުރިއެރުވުމުގައި ދިވެހިރާއްޖެއިން އަދާކުރާ މުހިންމު ދައުރު ފާހަގަކުރެއްވިއެވެ. އަދި އިންޑިއާ ކަނޑުގެ ސަރަހައްދު ހިމާޔަތްކުރުމުގެ މުހިންމުކަމަށް އަލިއަޅުއްވާލައްވައި، މި ސަރަހައްދަށް ކުރިމަތިވަމުންދާ ގޮންޖެހުންތައް ހައްލުކުރުމަށް ގައުމުތަކުގެ މެދުގައި އެއްބާރުލުން އިތުރުކުރުމަށް ގޮވާލެއްވިއެވެ.
މީގެ އިތުރުން ކަނޑުތަކުގެ ހިންގުން ހަރުދަނާކުރުމަށް އެކުލަވާލައިފައިވާ ނިޒާމަކީ، ހުރިހާ ގައުމެއްގެ ހާއްސަ ބޭނުންތައް، ހާއްސަކޮށް ކުދި ޖަޒީރާ ގައުމުތަކުގެ މައްސަލަތައް ހައްލުކުރުމަށް އެކަށޭނެ ނިޒާމަކަށްވުމަކީ މުހިންމުކަމެއްކަމުގައި ފާހަގަކޮށް، މަސްވެރިކަމާ ގުޅޭ މުހިންމު ނިންމުންތަކުގައި ކުދި ޖަޒީރާ ގައުމުތަކުގެ ހަމަހަމަ ހިއްސާ ކަށަވަރުކުރުމަށް، މި ގައުމުތަކަށް ބޭނުންވާ މާލީ އަދި ފަންނީ އެހީ ފޯރޮކޮށްދިނުމަކީވެސް މުހިންމުކަމެއްކަމުގައި ވިދާޅުވިއެވެ.
ދެމެހެއްޓެނިވި މަސްވެރިކަން ކުރިއެރުވުމަށް ކުރާ މަސައްކަތުގައި ބައިނަލްއަޤްވާމީ އަދި ސަރަހައްދީ ޖަމުއިއްޔާތައް އެކުއެކީގައި އެއް ލަނޑުދަނޑިއެއް ހާސިލްކުރުމަށް މަސައްކަތްކުރުމަށްވެސް އެކަމަނާ ގޮވާލެއްވިއެވެ. އަދި ދެމެހެއްޓެނިވި މަސްވެރިކަން ކުރިއެރުވުމަށް ކުރާ މަސައްކަތުގައި ދިވެހިރާއްޖެއިން އަބަދުވެސް އެއްބާރުލުން ދޭނެކަމުގެ ޔަގީންކަން މިނިސްޓަރ އިރުތިޝާމް ދެއްވިއެވެ.
އައި.އޯ.ޓީ.ސީ. ގެ މި ބައްދަލުމުކީ މިމަހުގެ 11 އިން 15 އަށް ރާއްޖެގައި ބާއްވާ ބައްދަލުވުމެކެވެ. 2011 އިން ފެށިގެން އައި.އޯ.ޓީ.ސީ. ގެ މެމްބަރު ގައުމަކަށްވުމަށްފަހު ދިވެހިރާއްޖެއިން ދަނީ މި ޖަމުއިއްޔާގައި އިސް ދައުރެއް އަދާކުރަމުންނެވެ. ހާއްސަގޮތެއްގައި ދެމެހެއްޓެނިވި މަސްވެރިކަމުގެ ދާއިރާއިން ކުދިޖަޒީރާ ގައުމުތަކުގެ މަސްލަހަތު ކުރިއެރުވުމަށް ގިނަގުނަ މަސައްކަތްތެކެއްދަނީ ކުރަމުންނެވެ.
ގުޅުންހުރި

ކަނޑުތަކާ ގުޅޭ މިންގަނޑުތައް ކަނޑައަޅައި ހިންގުމުގައި ކުދި ޖަޒީރާ ގައުމުތަކަށް ބޭނުންވާ ޚާއްސަ އެހީތެރިކަން އިތުރުކުރަން ގޮވާލައިފި

ދިވެހި ސަފީރުންނާއި ހެޑްސް އޮފް މިޝަންއާ ޚާރިޖީ ވަޒީރު އިރުތިޝާމް ބައްދަލުކުރައްވައިފި

އެސްކެޕްގެ 82 ވަނަ ސެޝަންގައި ދިވެހިރާއްޖެއިން ބައިވެރިވެއްޖެ




